ނިމިދިޔަ ޖުލައި މަހުވެސް އެންމެ ގިނައިން ހުށަހެޅުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، 2019 ޖުލައި މަހު އެ މިނިސްޓްރީއަށް ޖުމްލަ 214 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށާއި، މައްސަލަތައް ހުށަހެޅުނު ނިސްބަތް ޖޫންމަހާ އަޅާބަލާއިރު 11 އިންސައްތަ މަދުވެފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާއިރު، އޭގެތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 34 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އިހުމާލުވުމުގެ 25 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 19 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 8 މައްސަލަ އަދި ކުދިންގެ ވަގުވިޔަފާރި ކުރުމުގެ 1 މައްސަލަ ހުށަހެޅިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
"ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 4 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައި. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލަ، ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 1 މައްސަލަ ހިމެނޭ." ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، މިކަމަކީ ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރެވިގެން ހައްލުކުރަންޖެހޭ މައްސަލަތަކެކެވެ.