އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ތަރި ޔާއޯ ފެލިކްސްއަށް ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ވެވިދާނެކަމަށް އެތުލެޓިކޯގެ ކީޕަރު ޖޭން އޯބްލަކް ބުނެފިއެވެ.
އޯބްލަކް މިހެން ބުނެފައިވަނީ ލެގަނޭސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ފެލިކްސްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
"ފެލިކްސްއަކީ ހުނަރުހުރި ކެރޭ ކުޅުންތެރިއެއް. ކްލަބުން އޭނާ އޭނާ ގެނައީ ވަރަށް މަސައްކަތުން. އޭނާއަށް ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ވެވިދާނެ." އޯބްލަކް ބުންޏެވެ.
މީގެއިތުރުން އޯބްލަކް ބުނީ އުމުރުން 19 އަހަރުގެ ފެލިކްސް ފަރާތުން މިހާރުވެސް މޮޅު ކުޅުމެއް ފެންނަމުން އަންނަކަމަށާއި އަދި ކުރިއަށް އޮތްތާ އެކުޅުން އެގޮތުގައި ހިފަހައްޓައި ޓީމަށް އުފާވެރިކަން ގެނެސްދޭނެކަމަށް އުންމީދުކުރާކަމަށެވެ.
ލެގަނޭސްއާއި ދެކޮޅަށް އަވޭގައި ކުޅުނު މެޗުން އެތުލެޓީކޯ ހަނި ގޮތަކަށް މޮޅުވެފައިވާއިރު، އެމެޗު އެކްލަބުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނަޓްގައި އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ވިޓޯލޯއެވެ.

އެތުލެޓިކޯއުންވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައެވެ. ލީގުގެ ފުރަތަމަ މެޗު ގެޓަފޭއާއި ދެކޮޅަށް ކުޅެފައިވާއިރު އެމެޗުވެސް އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ އަލްވާރޯ މޮރާޓާއެވެ.




