ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޔާއޯ ފެލިކްސް ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ.
ފެލިކްސްއަށް އަނިޔާވެފައިވަނީ އިއްޔެ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. 1-1 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގައި ފެލިކްސްގެ ކަނާތުފައިގެ ކުޑަހުޅަށް ލިބުނު ގްރޭޑް ދެއެއްގެ އަނިޔާގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވެއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އެތުލެޓިކޯއިންނެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 36 ވަނަ މިނަޓްގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ޑިއޭގޯ ކޯސްޓާއެވެ. ވެލެންސިއާއިން މެޗުގެ ނަތީޖާ ހަމަހަކޮށްފައިވަނީ މެޗުގެ 82 ވަނަ މިނަޓްގައެވެ. މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ޕަރޭޚޯއެވެ.
މިމެޗުގެ 80 ވަނަ މިނަޓްގައި ފެލިކްސްއަށް އަނިޔާވެފައިވަނީ ވެލެންސިއާ ގޯލަށް ފޮނުވާލި ހަމަލާއަކަށް ފަހުގައެވެ. އަދި މެޗުގައި އިތުރަށް ނުކުޅެވި ފެލިކްސް ދަނޑުން ފައިބަށް މަޖުބޫރުވިއިރު، އެތުލެޓިކޯއިންވަނީ ތިން ބަދަލުކޮށްފައެވެ. އެހެން ކަމުން މެޗުގެ ބާކީބައި އެތުލެޓިކޯއިން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
މިއަނިޔާގެ ސަބަބުން އުމުރުން 19 އަހަރުގެ ފެލިކްސްއަށް އެތުލެޓިކޯ މެޑްރިޑް، އެތުލެޓިކް ކްލަބާއި ދެކޮޅަށް ނުކުން މެޗުގައި ނުކުޅެވޭއިރު، އަލްވެސް އަދި ސެވިއްޔާއާއި ދެކޮޅަށްވެސް ނުކުޅެވޭނެއެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގުގައި ބަޔާލެވަކޫޒަންއާއި ދެކޮޅަށް ކުޅޭ މެޗުވެސް މިސްވާނެއެވެ.
މިހާތަނަށް ކުޅުނު 9 މެޗުން ލިބުނު ޖުމްލަ 16 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. ތިންވަނާގައި ގްރަނާޑާ އޮތީ 17 ޕޮއިންޓާއެކުގައެވެ.




