އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑު ޔާއޯ ފެލިކްސްއަށް އަނެއްކާވެސް އަނިޔާ ވެއްޖެއެވެ.
އެތުލެޓިކޯއިން އެކަން ކަށަވަރުދީފައިވާއިރު، އަންނަ ހޮނިހިރު ދުވަހުގެ ރޭ ލަލީގާ އެއްވަނާގައި އޮތް ރެއަލްމެޑްރިޑާއި ދެކޮޅަށް ފެލިކްސްއަށް ނުކުޅެވޭނެއެވެ.
"ފެލިކްސްގެ ކަނާތު ފައިގެ ފަލަމަސް ގަނޑަށްވަނީ އަނިޔާވެފައި." އެތުލެޓިކޯއިން ނެރުނު ބަޔާނެއްގައިވެއެވެ. ފެލިކްސްއަށް އަނިޔާވެފައިވަނީ ލަލީގާގައި މިދިޔަ އާދިއްތަ ދުވަހު ލަގްނޭސްއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.
ފެލިކްސްގެ މިއަނިޔާއާއެކު ސިމިއޯނީއަށް އިތުރަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އެތުލެޓިކޯ 36 ޕޮއިންޓާއެކު އޮތީ ތާވަލްގެ ފަސްވަނާގައެވެ. އަދި ކޮޕަޑެލްރޭއިންވަނީ ކަޓާފައެވެ.
ރެއަލްއާއި ދެކޮޅަށް ކުޅޭ މެޗުގައި ޑިއެގޯ ކޯސްޓާއަށްވެސް ނުކުޅެވޭއިރު، އެތުލެޓިކޯގެ ކުރި ބަލަހައްޓަން މިހާރު ހުރީ މޮރާޓާއާއި ކޮރެއާގެ އިތުރުން ލެމާއެވެ. އަނެއްކޮޅުން ފޯވާޑު ލައިން ވަރުގަދަ ކުރުމަށް ޕީއެސްޖީގެ އެޑިސަން ކަވާނީ ގެނައުމަށް އެތުލެޓިކޯއިން ދަނީ މަސައްކަތްކުރަމުންނެވެ.
ކްލަބުގެ ރެކޯޑު އަގަކަށް މިދިޔަ ހޫނު މޫސުމުގައި އެތުލެޓިކޯއަށް ގެނައި ފެލިކްސްއަށް ސީޒަންގެ ކުރީކޮޅުވެސްވަނީ އަނިޔާވެފައެވެ.
ވާދަވެރި ރެއަލްމެޑްރިޑާއި ދެކޮޅަށް އެތުލެޓިކޯ އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނައިރު، އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 08:00 ގައެވެ.



