ފަނޑިޔާރުން ނެގުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރުން ހުއްދައެއް ނޫން - މަޢުމޫން

ފަނޑިޔާރުންގެ މަޤާމަށް މީހުން އައްޔަންކުރުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރުމަކީ، ދީނީ ގޮތުން ބަލާއިރު ހުއްދަވާނެ ކަމެއް ކަމަށް ނުފެންނަކަމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މަޢުމޫން ޢަބްދުލްޤައްޔޫމް މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން ނެގުމުގެ މަސައްކަތް ސަރުކާރުން ފެށުމާއެކު ގިނަ ބަޔަކު ތަފާތު ގޮތްތަކަށް ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް މަޢުމޫންގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ عقيدة ތަކާއި، أصول ތަކާއި، حكم ތައް ވަނީ ކީރިތި قرآن ގައްޔާއި، رسول اللّه صلى اللّه عليه وسلّم ގެ ސުންނަތުގައި ބަޔާންކޮށްދެއްވާފައިކަމަށެވެ. އެހެންކަމުން، އެއްވެސް ކަމެއްގައި އިސްލާމްދީނުގެ حكم އޮތީ ކިހިނެއްތޯ ބަލަންވެއްޖެނަމަ، އެންމެ ފުރަތަމަވެސް ބަލަންޖެހެނީ މި މައިގަނޑު ދެ أصل އަށްކަމަށާއި އެ ވަރުގަދަ ދެ أصل އިންކުރެ أصل އަކުން އެކަމެއްގެ حكم ނުފެނިއްޖެ ހިނދެއްގައި ޖެހޭނީ، قرآن އާއި ސުންނަތުގައިވާ عامّ أصول ތަކާ ފުށު ނާރާގޮތެއްގެ މަތިން އިޖްތިހާދު ކުރުމަށް ކަމަށެވެ. މިގޮތުން ކުރާ އިޖްތިހާދުގައި ހުރިހާ علم ވެރިން އެއްގޮތަކަށް އެއްބަސްވެވަޑައިގެންފައިވާނަމަ، އެއީ إجماع އެއްކަމަށެވެ. މިކަންއޮތީ މިހެންކަމުން، އަންހެނުން ފަނޑިޔާރުކަން ކުރުމުގެ އިސްލާމީ حكم ދެނެގަންނަން ޖެހޭނީވެސް ހަމަ މިأصول ގެ މަތިންކަމަށް މި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

حرام ކަމެއް ކަމުގައި ކީރިތި قرآن ގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި ސާފުކޮށް އޮޅުމެއް ނެތްގޮތުގައި އަންގަވާފައި ނުވާހާ ހިނދަކު، ކޮންމެ ކަމަކީވެސް ހުއްދަ ކަމެއް ކަމަށް މި ބަޔާނުގައި ވެއެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ، އިސްލާމްދީނުގައި ހުއްދަނޫން حرام ކަމެއް ކަމުގައި ވިދާޅުވާ ބޭފުޅުން ދައްކަވާ ދަލީލަކީ النّساء ސޫރަތުގެ 34 ވަނަ އާޔަތާއި، البقرة ސޫރަތުގެ 228 ވަނަ އާޔަތާއި، الإمام البخارى ގެ 4425 ވަނަ حديث ކަމަށާއި، ދެންނެވިފައިވާ ދެ އާޔަތުގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ އެއްވެސް ވާހަކައެއް ބަޔާންވެފައި ނެއްކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އަންހެނަކު ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ދެއްކޭނެ އެއްވެސް شرعى حجّة އެއް މި ދެ އާޔަތުންކުރެ އާޔަތެއްގައި ނެތްކަން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.

ދެންނެވިފައިވާ حديث ރިވާކުރެއްވި ابوبكرة އަކީ އިތުބާރުކުރެވޭ ރާވީއެއް ނޫން ކަމުގައި حديث علم ގެ ބައެއް علمވެރިން ވިދާޅުވެފައިވާ ކަމަށާއި، މި حديث އެންމެ ފުރަތަމަވެސް ރިވާކުރެއްވީ اَلْجَمَلُ ހަނގުރާމައިގެ ދުވަސްވަރު، (އެބަހީ: ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުގެ 25 އަހަރު ފަހުން) ކަމަށް ވާކަމެވެ. އަދި މި މައްސަލައިގައި މި حديث ނެގޭނެ އެއްވެސް حجّة އެއް ނެތްކަމަށާއި، މި حديث އަކީ حجّة އެއް ކަމުގައި ބަލާނަމަ، އަންހެނުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާ ނުކުރެވޭނެކަމުގައި މަޢުމޫނުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ސަލާމާއި صلوات ލެއްވި ރަސޫލާއާއި، އެކަލޭގެފާނުގެ މާތް ހަތަރު خليفة އިންނާއި، بنو أميّة ގެ خليفة އިންވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވުމަކީ މި މައްސަލާގައި قبول ކުރެވޭފަދަ حجّة އެއް ނޫންކަމަށެވެ. މީހަކު ނުވަތަ ބަޔަކު ވަކި ޒަމާނެއްގައި ކޮށްފައި ނުވާ ކަމަކީ حرام ކަމެއް ކަމަށް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ބުނާނެ އެއްވެސް شرعى ދަލީލެއް ނުވަތަ ބުއްދީގެ ހަމައެއްވެސް ނެތްކަމަށް ވިދާޅުވެފައިވެއެވެ. އަދި قرآن އާއި حديث އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުން ތަފާތު ނުކުރައްވާކަން ވަރަށް ރަނގަޅަށް އެނގި ފެނިގެން ދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ، ދީނީގޮތުން ބަލާއިރު ހުއްދަވާނެކަމެއް ކަމަކަށް ނުފެންކަމަށާއި އެކިއެކި މަގާމުތަކާއި ވަޒީފާތައް ދިނުމުގައި ބަލަންޖެހޭނީ، އެކަމަކަށް މީހާގެ ކުޅަދާނަކަމާއި قابل ކަން ހުރި މިންވަރެއްގެ މައްޗަށްކަމަށެވެ. އެމީހަކަށް ލިބިފައިވާ تعليم އާއި، ތަޖުރިބާއާއި އަދި އެމީހާގެ تعليم އާއި، ސުލޫކާއި، أخلاق ގެ މައްޗަށްކަމަށެވެ. ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ މަގާމުތަކެއް حوال ކުރެވިފައި ނުވަނީ، އެޒަމާންތަކުގައި އަންހެނުންނާމެދު އަޅާނުލެވި تعليم حاصل ކުރުމުގެ فرصة އެއްވެސް ނުލިބި ދިޔުމުގެ ސަބަބުން މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެތީކަމުގައި މަޢުމޫނުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ