ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މާފަންނު ސީނާ، ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަންނު ކޮކާހަނދުވަރުގެ، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ އަޒްމިރާލްދާއާއި އަލްއުސްތާޛާ ޝުޖޫން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް މި ދެބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ އެދެބޭފުޅުން އެ މަޤާމަށް އައްޔަން ކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވާފައިވަނީ އޯގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.
އެ ދެބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރުހުންދީފައިވަނީ ވޯޓްގައި ވައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވި 2 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.
ދެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.




