އިކާޑީ ހުންނަން ބޭނުންވަނީ އިންޓަރގައި : ނާރާ

މައުރޯ އިކާޑީއަށް އެހެން ކުޅުންތެރިން ނޫނެކޭ ނުބުނާނެފަދަ ހުށަހެޅުންތައް ލިބުނުކަމަށާއި، އެހުރިހާ ހުށަހެޅުންތަކަކަށްވެސް އިކާޑީ ނޫނޭކޭ ބުނީ އޭނާ އިންޓަރމިލާންގައި މަޑުކުރަން ބޭނުންވާތީކަމަށް އޭނާގެ އޭޖޭންޓްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ އަނބިމީހާ ވަންޑާ ނާރާ ބުނެފިއެވެ.

އިކާޑީ އިންޓަރ ދޫކޮށްލަން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެމުންދާއިރު، އާޖެންޓީނާގެ ފޯވާޑު ކްލަބު ބަދަލުކުރަން އުޅެނީ ކްލަބުގެ ފުރަތަމަ 11 އިން ފުރުޞަތު ލިބެމުގެ ބިރު އޮތުމުންކަމަށްވެސް ރިޕޯޓްތައްވަނީ ބުނެފައެވެ.

ޔުވެންޓަސް އާއި މޮނާކޯގެ އިތުރުން ނަޕޯލީއިންވެސްވަނީ އިކާޑީއަށް ޝައުގެވެރިކަން ފާޅުކޮށްފައެވެ.

އިކާޑީ އިންޓަރގެ 9 ނަންބަރަށް ކުޅެމުން އައިނަމަވެސް ދާދިފަހުން ޔުނައިޓެޑް ދޫކޮށް އިންޓަރއާއި ގުޅުނު ރޮމެލޫ ލުކާކޫއަށް އެނަންބަރު ދީފައިވާއިރު، އިކާޑީގެ މިހާރުގެ ނަންބަރަކީ 7 ކެވެ.

"އިންޓަރ މިލާންގެ ކެރިއަރު ނިމުނީކަމަށް އޭނާ އަދި ނުދެކޭ. އެހެންނަމަވެސް ކުރިއަށް އޮތްތާ ވާނެގޮތެއް ނޭނގޭ. އެހެން ކުޅުންތެރިން ނޫނެކޭ ނުބުނާނެފަދަ ހުށަހެޅުންތައް އިކާޑީއަށް ލިބުނު. އެކަމުވެސް އެހުރިހާ ހުށަހެޅުންތަކަށް އޭނާ ނޫނެކޭ ބުނީ އިންޓަރއަށްޓަކައި." ނާރާ ބުންޏެވެ.

މިދިޔަ ސީޒަންގައި އިންޓަރއަށް ކުޅެދިން 37 މެޗުން 17 ލަނޑު ކާމިޔާބުކޮށްދީފައިވާ އިކާޑީ މިދިޔަ ސީޒަންގެ ފަހު މެޗަށްފަހު ޕްރި ސީޒަންގެ އެއްވެސް މެޗެއްގައި އިންޓަރއަށް ކުޅެދީފައެއް ނުވެއެވެ.

މިސީޒަންގައި އިންޓަރއިން ސީރީއާގައި ކުޅުނު ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު އަމިއްލަ ދަނޑުގައި ލެޗޭއާއި ދެކޮޅަށް ކުޅުނު މިމެޗު އިންޓަރއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އެކްލަބުގެ ލަނޑުތައް ޖަހާދީފައިވަނީ ބްރޯޒޯވިޗް، ސެންސީ، ލުކާކޫ އަދި ކަންޑްރެވާއެވެ.

ލަނޑަށްފަހު ލުކާކޫ އުފާފާޅުކުރަނީ - ފޮޓޯ: ފޮކްސް

މީގެއިތުރުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 76 ވަނަ މިނަޓްގައި ލެޗޭގެ ޑިއޭގޯ ފަރިއަސްއަށްވަނީ ރަތްކާޑެއް ދައްކާފައެވެ. ރޭގެ މެޗަށް ކޮންޓޭ ނެގި އިންޓަރގެ ޓީމުގައިވެސް އިކާޑީ ހިމެނިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ