ލީގު 1 - އިކާޑީ އަދި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ 8 ޕޮއިންޓްގެ ލީޑަކަށް

ފްރެންޗް ލީގު 1 ގައި ރޭ މާސެއިލްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭޙަކަމާއެކު ކާމިޔާބުކޮށް ޕީއެސްޖީއިން 8 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޕީއެސްޖީއިން ޖެހި ހަތަރު ލަނޑުގެތެރެއިން ދެލަނޑު ޖަހާފައިވަނީ މިދިޔަ ޓްރާންސްފާގައި ލޯނު އުޞޫލުން އިންޓަރ މިލާން ދޫކޮށް ޕީއެސްޖީއާއި ގުޅުނު މައުރޯ އިކާޑީއެވެ. އަދި އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. އިކާޑީ އަދި އެމްބާޕޭވެސްވަނީ މިސީޒަންގެ ލީގު 1 ގައި މިހާތަނަށް ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގެ އިތުބާރު ފޯވާޑު ނޭމާއަށް އަނިޔާވެފައިވާ މިދުވަސްވަރު އިކާޑީއާއި އެމްބާޕޭ ކްލަބު ބޭނުންވާފަދަ ފުރިހަމަ ކުޅުމެއް ދައްކަމުން އަންނައިރު، އިކާޑީވަނީ އެންމެފަހުން ކުޅުނު 7 މެޗުން 7 ލަނޑު ޖަހާފައެވެ. އަދި އެމްބާޕޭވަނީ އެންމެ ފަހުން ޕީއެސްޖީއަށް ކުޅުނު ދެމެޗުން ފަސް ލަނޑު ޖަހާފައެވެ.

ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންދިޔަ ޕީއެސްޖީ ބައިކޮޅަށް ލަނޑެއް ނުވައްދާ ރޭގެ މެޗުވެސް ނިންމާލާފައިވާއިރު، މިއީ ކްލީން ޝީޓާއެކު މިސީޒަންގައި ޕީއެސްޖީން ނިންމާލި 12 ވަނަ މެޗެވެ.

2011 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 8 އަހަރު ޕީއެސްޖީއާއި މާސެއިލް 20 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، މާސެއިލްއަށް ޕީއެސްޖީގެ މައްޗަށް އެންމެ މެޗެއްގައިވެސް ކުރި ހޯދިފައެއް ނުވެއެވެ.

ރޭގެ މެޗުން މޮޅުވެ ތާވަލްގެ އެއްވަނާގައި ޕީއެސްޖީ އޮތްއިރު، 11 މެޗުން 27 ޕޮއިންޓް ޕީއެސްޖީއިންވަނީ ހޯދާފައެވެ. ދެވަނާގައި އޮތް ނަންޓޭސްއަށް 11 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ