އިކާޑީ ޕީއެސްޖީއާއެކު ދާއިމީ އެއްބަސްވުމަކަށް!

ލޯނު އުސޫލުން ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މައުރޯ އިކާޑީ އެކްލަބާއެކު ދާއިމީ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ރިޕޯރޓްތައް ބުނާގޮތުން ޕީއެސްޖީއާއެކު އިކާޑީ ދާއިމީ އެއްބަސްވުމަކަށް އައިސްފައިވަނީ 57 މިލިއަން ޔޫރޯއަށެވެ. އިޓަލީގެ އިންޓަރމިލާން ދޫކޮށް ލޯނު އުސޫލުން ޕީއެސްޖީއަށް އިކާޑީ ބަދަލުވީ 2019 ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހުއެވެ. އެއީ 80 މިލިއަން ޔޫރޯއަށެވެ.

އުމުރުން 27 އަހަރުގެ އިކާޑީވަނީ އިންޓަރމިލާންގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އެހެންނަމަވެސް އޭނާގެ އަތުން ކެޕްޓަންކަން ގެއްލުނީ އޭނާއާއި، ސަޕޯޓަރުން އަދި ކްލަބާއި ދެމެދު ޖެހުނު މައްސަލަތަކެއްގައެވެ. އިކާޑީ ލޯނު އުސޫލުން ޕީއެސްޖީއަށް ވިއްކާލާފައިވަނީ އިންޓަރމިލާނގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭ އެޓީމާއި ޙަވާލުވިފަހުންނެވެ.

ފްރާންސަށް ބަދަލުވި ފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިކާޑީ މިސީޒަންގެ ލީގު 1 ގައި ޕީއެސްޖީއަށް ކުޅެދިން 20 މެޗުން 12 ލަނޑު ޖަހައި 3 އެސިސްޓް ހަދާދީފައިވެއެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަށް މިހާތަނަށް ކުޅުނު 6 މެޗުން 5 ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވެއެވެ.

ޕީއެސްޖީގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އިކާޑީގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ ޕީއެސްޖީއަށް މިހާތަނަށް އެންމެ 31 މެޗު ކުޅެދީފައިވާއިރު، އެ 31 މެޗުން 20 އިކާޑީ ކާމިޔާބުކޮށްފައިވެއެވެ.

 

 

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ