ހަމޭސް ރޮޑްރިގޭޒްއަށް އަނިޔާވެއްޖެ

ސްޕެއިންގެ ރެއަލްމެޑްރިޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒްއަށް އަނިޔާވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ރޮޑްރިގޭޒްއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރުދުވަހު ރެއަލް ވަލަޑޮލިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ 11 ގައި ހިމެނުނު ރޮޑްރިގޭޒަށް އަނިޔާވެ އޭނާ ބަދަލުކޮށްފައިވަނީ މެޗުގެ 57 ވަނަ މިނަޓްގައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާއެވެ.

ހޯމަ ދުވަހު ހެދި ޓެސްޓަތަކަށްފަހު ރޮޑްރިގޭޒްއަށް ކުރިއަށްއޮތް ބައެއް މެޗުތައް ނުކުޅެވޭނެކަންވަނީ ކަށަވަރުވެފައެވެ. އެގޮތުން ކުރިއަށްއޮތް ތިން ހަފްތާވަންދެން ރޮޑްރިގޭޒް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވެއެވެ.

ލޯނު އުސޫލުން ބަޔާން މިއުނިކްގައި ދެސީޒަން ހޭދަކުރުމަށްފަހު އެނބުރި ރެއަލްމެޑްރިޑާއި ރޮޑްރިގޭޒް ގުޅިފައިވަނީ މިސީޒަންއަށް ޓީމު ވަރުގަދަ ކުރުމަށް ކޯޗު ޒިދާން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ރޮޑްރިގޭޒް ވިއްކާލަން ރެއަލްމެޑްރިޑުން ތައްޔާރުވަމުންދާ ކަމުގެ އަޑުތަކެއްވެސް މިދޭތެރެއިންވަނީ ފެތުރިފައެވެ. އިޓަލީގެ ނަޕޯލީއިން އޭނާއަށް ހޯދަށް މަސައްކަތްކުރިކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

އެހެންނަމަވެސް ޒިދާން ބޭނުންވީ ރޮޑްރިގޭޒް ކްލަބުގައި ބަހައްޓާށެވެ. އެނބުރި ރެއަލްމެޑްރިޑަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ރޮޑްރިގޭޒްގެ ފަރާތުން ފެނިފައިވާކަމަށް ޒިދާންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ