ފަނޑިޔާރު ޢަބްދުﷲ ދީދީ - ފޮޓޯ: މިހާރު

އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކޮށްފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ދުރުކޮށްފައިވަނީ މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގައި 72 މެންބަރުންގެ ވޯޓުންނެވެ. އެއް މެންބަރަކު ވަނީ ވަކި ކޮޅަކަށް ވޯޓް ދޭން ނުފެންނަކަމަށް ވޯޓް ދެއްވާފައެވެ.

އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ހެނދުނު ބޭއްވި 57 ވަނަ ބައްދަލުވުމުން ނިންމާފައި ވުމާއެކު، ފަނޑިޔާރުކަމުން ޢަބްދުﷲ ދީދީ ވަކި ކުރުމަށް އިއްޔެ ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ޢަބްދުﷲ ދީދީ ފަނޑިޔާރުގެ މަޤާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ކިބައިން ފައިސާ ނެންގެވިކަމަށް ބެލެވޭ މަޢުލޫމާތާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު މަންފާތަކެއް ހޯދާފައިވާކަމަށް ބުނެ ހުށައެޅިފައިވާ މައްސަލަތަކާ ގުޅިގެން މިކަމުގައި ސްލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ޖޭއެސްސީން ވަނީ ތަޙްގީގު ކޮށްފައެވެ. އެ ތަޙްގީގުގައި ޢަބްދުﷲ ދީދީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ފާސް ކޮށްފައިވަނީ، ތަޙްގީގު ކޮމެޓީގައި ބައިވެރި މެންބަރުންގެ އިއްތިފާޤުންނެވެ.

އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ދުރުކުރެއްވިއިރު، އޭނާ ވަނީ ކްރިމިނަލް ކޯޓާއި ސްޕްރީމް ކޯޓުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ހައިކޯޓްގެ އިސް ފަނޑިޔާރުކަމުގެ މަޤާމްވެސް އޭނާވަނީ ފުރުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ