ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ސެލްފް އައިސޮލޭޝަންއަށް ނުވަތަ އައިސޮލޭޝަންއަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތް ލިބޭނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ނުރައްކަލާ ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފަނޑިޔާރުން ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި މަޝްވަރާކުރެވިފައިވާކަމަށެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ސެލްފް އައިސޮލޭޝަންއަށް ނުވަތަ އައިސޮލޭޝަންއަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަރާތްތައް ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް އަދި މުސާރައާ ޢިނާޔަތްތައް ލިބޭގޮތަށް މިދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެކޮމިޝަނުގެ މިބައްދަލުވުމުގައި ނިންމާފައިވާކަމަށް ޖޭއެސްސީއިން ވިދާޅުވިއެވެ.
ޖޭއެސްސީއިން އިތުރަށް ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ޙާލަތުގައި ކޮމިޝަނުންވެސް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސިއްޙަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.




