ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓެގެއް އެޅުވުމަށް ފަހު، ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކަށް ބަންދުގައި ބަހައްޓާފައިހުރި އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އަދީބު ޖަލުގައި ބަންދުކޮށްފައި ހުރީ މާބިންހުރާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ ޝަރީޢަތް ނިމެންދެނެވެ. އަދީބުގެ މަށްޗަށް އިއްވާފައިވާ އެއްވެސް ހުކުމެއް މިވަގުތަކު ނެތެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ދާދި ފަހުންވެސް އަދީބަށް ފަރުވާދީފައިވާއިރު، އަދީބު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައެވެ. އަދީބު ގެއަށް ބަދަލުކޮށްފައި މިވަނީ ހެކިބަސް ދިންތާ މާ ގިނަދުވަހެއް ނުވަނީހެވެ.
ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ވަނީ ޓަގް ބޯޓެއްގައި ރާއްޖެ ދޫކޮށް ފިލާފައެވެ. އަދީބު އަތުލައިގަނެ ރާއްޖެ އާ ހަވާލުކޮށްފައިވަނީ، އިންޑިއާގެ ސޫތުކުޅި ބަނދަރު ސަރަހައްދުން އިންޑިއާ ސިފައިންނެވެ.