ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނީ، އެރަށު ޗައިނާ ސައިޓުގައި ފެންބޮޑުވެފައިވާ ކަމަށާއި އެތަނުގައި ދިރިއުޅޭ މީހުންނަށް އެހީވެ، ފެންހިއްކުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދަށް ވީހާވެސް ގިނަ މީހުން ގޮސްދިނުމަށް އެދޭ ކަމަށެވެ.
ނޮޅީވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް އޮންލައިން ނޫސް "ތިލަދުން" އަށް ވިދާޅުވެފައިވަނީ، ރެޔާއި މިއަދު ހެނދުނު އެރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންބޮޑުވެފައިވާ ކަމަށެވެ.
ވެހުނު ބޯވާރޭގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ޗައިނާ ސައިޓުގައި ކަމުން އެ ހިސާބު ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށާއި، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު ކުރަމުންދާ ކަމަށްވެސް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގެ ބޮޑު ސަރަހައްދެއްގެ ދަތިވާ މިންވަރަށް ފެންބޮޑުވެފައިވާއިރު، ސްކޫލަށް ދަރިވަރުން ދިއުމުގައި ދަތުތަކާ ކުރިމަތިވެ، ސްކޫލްގެ މިއަދުގެ ކިޔެވުން ވަނީ ކެންސަލްކޮށްފައެވެ. އެކަން ވަނީ އެސްކޫލްގެ އޮފިޝަލަކު މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.



