އިއްޔެ ކުރި ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު ހެނދުނާ ހަމަޔަށް ޖުމްލަ 38 ގެއަކަށް ފެންވަދެގެން ފުވައްމުލަކު ސިޓީ ކައުންސިލަށް ރިޕޯޓް ކޮށްފައިވާކަމަށް އެކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވަނީ މި ގެތަކުގައި ވެލި ބަސްތާ ޖެހުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ފެން ބޮޑުވުން ކުޑަ ކުރުމަށްޓަކައި ރެއިން ފެށިގެން މިހާރުވަނީ މަގުގައި ހަދާފައިވާ ކާނުތައް ހުޅުވާލާފައި ކަމަށާއި ކާނުތަކުން ފެން ހިނދެމުންދާ ގޮތް ބެލުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ އެކަންތައް ބަލައި މޮނީޓަރ ކުރަމުން ކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުގެ 5 ޕަމްޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންދާ ކަމަށާއި ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ކުޑަ ކުރުމަށްޓަކައި ސިޓީ ކައުންސިލުން މިހާރު ވަނީ ބޮޑު 4 ޕަމްޕު ހޯދައި ޕަމްޕު ބެހެއްޓުމުގެ މަސައްކަތް ކުރަމުންކަމަށް ވެސް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓް ކުރެއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ހޮޓްލައިން 7315001 އަށް ގުޅުއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަވެ ކަނޑުމަތީގެ އެތައް ހާދިސާ ތަކެއް ހިނގަމުން އަންނައިރު ބައެއް ރަށްތަކަށް ދަނީ އުދަވެސް އަރަމުންނެވެ.