ހިތުގެ އެދުން (11)

(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)

ނޫރީންވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ނޫރީން ދައްކާ ވާހަކަ ނީލް ގަބޫލުކުރުމަށް ނޫރީން ބޭނުންވެއެވެ. އިތުރަށް ވިސްނާލުމެއް ނެތި ފާރު ކައިރިއަށް ޖެހިލާ ނީލްގެ ކޮޓަރިއަށް ނޫރީން ދެމިގަތެވެ. ދޮރު ފެންނަ ގޮތަށް އެނބުރިގެން އޮތް ނީލްއަށް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ނީލްއަށް ފުންމައިގެން އެނދުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އިހްތިޔާރުން ބޭރުގައި ފަހަތަށް ފިޔަވަޅު ނެގެން ފެށުނެވެ.

"ނީލް ބިރުނުގަނެބަލަ" ނީލް ފަހަތަށް ޖެހުނު މަންޒަރު ފެނުމުން ނޫރީން ހިތްދަތިވާ ގޮތްވިއެވެ.

ނޫރީން ބުނި އެއްވެސް އެއްޗެއް ނީލްގެ ކަންފަތަށް އިވުނުހެން ހިއެއް ނުވެއެވެ. ނޫރީން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ނީލް ޖެހެމުން ދިޔައީ ފަހަތަށެވެ.

"ނީލް ތިހެން ނުހަދަބަލަ. އަހަރެން ނީލްއަށް އަނިޔާއެއް ނުކުރާނެއެއްނު؟" ނޫރީންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

"ތިއީ އިންސާނެއް ނޫން. އަހަންނަށް މިގެއަށް ގެނެވުނީ އިންސާނެއް ނޫން" ފަހަތަށް ޖެހެމުން ދިޔަ ނީލްގޮސް އަލަމާރީގައި ޖެހިލުމުން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ބުނެލިއެވެ.

"ނީލް. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ" ނޫރީން އެދުނެވެ.

"އަޑު އަހާށޭ؟ ނޫރީން އަހަންނަށް ކިހާ ބޮޑު އޮޅުވާލުމެއްތަ އޮޅުވާލީ؟ އަހަރެންނަށް ނޫރީންއަކީ ހަންޑިއެއްކަން އެނގުނު ނަމަ މިގޭގައި އެންމެ ވަގުތު ކޮޅަކުވެސް ބަހައްޓާނެތަ؟" ނީލްގެ އަޑު ބާރުވަމުންދިޔައެވެ.

"އަހަރެން ނީލްއަށް އެއްވެސް ކަމެއް އޮޅުވާލިންތަ؟ އެންމެ ފުރަތަމަވެސް އަހަރެން ބުނީމެއްނު އަހަންނަކީ ހަންޑިއެކޭ. އަހަރެން ފެށުނީއްސުރެ ނީލްއަށް ހަގީގަތް ކިޔާދެމުން އައީ" ނޫރީން މަޑުމަޑުން ނީލްއާއި ދިމާއަށް ހިނގަމުން ދިޔައެވެ.

"ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި. ތިހުރީތާ މަޑުކުރޭ. ނޫރީން އަހަންނަށް އޮޅުވައެއް ނުލަމޭ؟ އެންމެ ފުރަތަމަވެސް މިރޭ ތި ދައްކާލި މަންޒަރު ދައްކާލިނަމަ އަހަންނަށް މި އޮޅުންބޮޅުން ގަނޑުގެ ތެރޭގައި ހުންނަން ޖެހޭނެތަ؟ އަހަންނަށް ކުރިން އެކަން އެނގުނު ނަމަ ނޫރީންއަށް ހީވޭތަ އަހަރެން ނޫރީން މިގެއަށް ވައްދާނެހެން؟" ނީލް ހުރީ އަދިވެސް ބިރުންނެވެ.

"ނީލް ކޮން ކަމަކާތަ ބިރުތި ގަންނަނީ؟ ނީލް އަހަރެންދެކެ ބިރު ނުގަނެބަލަ. އަހަރެން ދުވަހަކުވެސް ނީލްއަށް އަނިޔާއެއް ނުދޭނެއެއްނު؟ އެކަން ނީލްއަކަށް ނޭނގޭ؟" ނޫރީންގެ ހިތުގައި ޖެހެމުން ދިޔައެވެ.

"އަހަންނަށް ކޮން ޔަގީންކަމެއް އޮތީ؟ ތި ބުނީ ލޮލަށް ޖެހި ކުޅެއްގެ ސަބަބުން އާޒިމްގެ ލޮލުގެ ފެނުން ދިޔަ ވާހަކަ" ނީލްއަށް އިހްތިޔާރުން ބޭރުގައި ބުނެލެވުނެވެ.

"ނީލްއަކީ އަންހެން ކުއްޖަކަށްވެފައި އެފަދަ ބާރެއް ލިބިފައިވަނިކޮށް އާޒިމްގެ އުނދަގޫ ޖެހުނުނަމަ ކީއްކުރާނީ؟ އަހަރެން އެވަގުތު އެގޮތަށް ނުހެދިނަމަ އެ ހަޑިމުޑުދާރު އަތުން އަހަންނަށް އޭނަ ހަދާނެ ގޮތެއް ނީލްއަށް އެނގޭތަ؟" ނޫރީން ނީލްގެ ލޮލަށް ބަލަމުން ވާހަކަ ދެއްކިއެވެ.

"ތި ބުނަނީ ނަމައޭ ނު؟ ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. އެހެން ނޫނަސް ނޫރީންއަށް ހަޅޭއްވެސް ލަވައި ގަނެވޭނެ ދޯ؟ މާދަމާވެސް އަހަރެން ނޫރީންއާ ގާތްވާން އުޅެފިއްޔާ އަހަރެން މަރާވެސް ލަފާނަން ދޯ؟" ނީލްގެ އަޑު ބާރުވެފައި ހަރުކައްޓެވެ.

"ނީލްއާ އާޒިމް އެއްފަންތިއަކަށް އަހަންނަކަށް ނުގެނެވޭނެ. އެހެން ނޫނަސް އަހަންނަށް އެނގޭ ނީލްއަކީ އެކަހަލަ ހަޔާތް ކުޑަ މީހެއް ނޫންކަން" ނޫރީން ބުނެލިއެވެ.

"ނޫރީން ދައްކާ އެއްވެސް ވާހަކައެއް އަހަރެން އަޑު އަހާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ނޫރީން މިގެއިން ނުކުމެގެން ދާން. މިހާރުން މިހާރަށް. ލަހެއް ފަހެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން." ނީލް ދޮރަށް އިޝާރާތް ކުރަމުން ބުނެލިއެވެ.

"އަހަރެން ކޮންތަނަކަށް ވަކިދާނީ؟ އަހަރެން ދާނެތަނެއް ނުހުންނާނެކަން ނީލްއަށް އެނގެއެއްނު؟" ނޫރީންއަށް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް މައިތިރި ނުކުރެވި ކަރުނަތަށް އެދެލޮލުން ބަންޑުންވިއެވެ.

"ނޫރީން ދާނެތަނެއް އަހަންނަށް އެނގޭކަށް ނުޖެހޭ. އަހަރެން ބަލާކަށް ބޭނުމެއްވެސް ނޫން. ނޫރީންއަށް ނޫރީން ބޭނުން ކޮންމެ ތަނެއްގައިވެސް އުޅެވިދާނެ. އަހަންނަށް އުނދަގުލެއް ނުކޮއްވެސް އުޅެވޭނެ. އަހަރެން ބޭނުމެއް ނޫން ނޫރީންއާއި އެކު އެންމެ ހިނދުކޮޅަކަށްވެސް މިގޭގައި ހުންނާކަށް" ނޫރީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ބަލަން ބޭނުން ނުވާ ހާލުގައި ނީލް ބުންޏެވެ.

"ނީލްއެއްނު އަހަރެން މިގެއަށް ގެނައީ؟ ނީލްއެއްނު އަހަންނަށް އޯގާތެރިވެ އަޅާލީ." ނޫރީން ދައްކަން ފެށި ވާހަކަ ފުރިހަމަ ނުވަނީސް ނީލް ވާހަކަދައްކަން ފެށިއެވެ.

"އަހަރެން ނުރީން މިގެއަށް ގެނައީ ނޫރީންގެ ހަގީގަތް ނޭނގި ހުރެ. އެނގުނު ނަމަ ދުވަހަކުވެސް ނުގެންނާނަން. ދެން ތި ބުނަނީ އޯގާތެރިވެ އަޅާލި ވާހަކަ. އެކަމުގެ ބަދަލު ނޫރީން އަހަންނަށް ތި ދިނީ ވަރަށް ހެޔޮކޮށްނު. މާދަމާވެސް އާޒިމް ނޫރީން އޭނައަށް ހެދި ގޮތުގެ ވާހަކަ ބުނީމަ ދެނޯ؟ އަހަރުމެންނަށް ވާނީ ކިހިނެއް؟" ނީލްއަށް ކޮންމެވެސް ވަރަކަށް އާޒިމްއާއި ދޭތެރޭ ވިސްނާލެވުނެވެ.

"އަހަރެން އާޒިމްގެ ލޯ ރަނގަޅު ކޮއްދީފާނަމޭ.  އޭރަށް ހުރިހާ ކަމެއް ހައްލުވީއެއްނު؟" ނޫރީން އެގެއިން ދާކަށް ބޭނުމެއް ނޫނެވެ. ނީލް ދޫކޮއްލާފައި ދާކަށް ބޭނުމެއް ނުވެއެވެ.

"ހައްލުވީއޭ؟ ނުވާނެ. ދުވަހަކުވެސް ނުވާނެ. އެކަންތައް ހައްލުވީމަ އަނެއްކާ އަނެއްކަމެއް ޖެހޭނެ. އަހަރެން ހިތައް އަރާ ކޮންފަދަ ނުބައި އިރުވަރަކުން ބާއޭ އަހަންނަށް ނޫރީން ދިމާވީ. އެހާ އަވަހަށް އަހަރެންގެ ހިތް.." އެ ހިސާބަށް ބުނެވުނު ތަނުން ނީލް ހުއްޓުން އެރިއެވެ. ބުނެވެން އުޅޭ އެއްޗެއް އެނގުނު ފަދައިންނެވެ.

ނީލް ނޫރީންގެ ލޮލަށް ބަލާލިއެވެ. ހުއްޓުމެއްނެތި އެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ބައެއް ފަހަރު ގޮސް އެދެލޯ ފުހެލަދީ ބައްދާލަންވެސް ނީލްގެ ހިތަށް އަރައެވެ.

"ނޫރީން ހެޔޮ ނުވާނެ. އަހަރެން ދޫކޮއްލާފައި މިގެއިން ނުކުމެގެންދޭ. އަހަރެން ބޭނުމެއް ނޫން ދެން ދުވަހަކުވެސް ނޫރީން ދެކޭކަށް." ނީލްގެ ލޮލަށް ޖަމާވި ކަރުނަތަށް ފޮރުވުމަށް އަނެއް ފަރާތަށް އެނބުރިލިއެވެ.

އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަން ނޫރީންއަށް އެނގުނެވެ. އިސްޖަހައި ނޫރީން އެނބުރުނީ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް އަނެއްކާވެސް ނީލްއާއި ދިމާއަށް އެނބުރި ދުއްވައިގަތެވެ. އެނދު ވަށާލައިގޮސް ނީލް ގައިގާ ފުރަގަހުން ބައްދާލިއެވެ. ނީލްވެސް ދިޔައީ އެ ކުއްލި ހަރަކާތުގެ ސަބަބުން ސިއްސައިގެންނެވެ. ގަންނަންވީ ބިރުކަމެއް ނޫނީ އެނބުރިލާފައި ނޫރީންގައިގާ ބައްދާލަންވީ ކަމެއް ނޭނގިފައި ނީލްއަށް ހުރެވުނީއެވެ.

"ނޫރީން" ނީލްއަށް ކިޔުނީ ހަމައެކަނި ނަމެވެ.

"ނޫން ނީލް. އަނގައިން ނުބުނޭ. އެންމެ ފަހަރަކު އަހަރެން ނީލްގައިގާ ބައްދާލަން ދީ. އެންމެ ފަހުފަހަރު. އަހަރެން ގަބޫލުކުރަން. ނީލްއަށް އަހަރެންގެ ހަގީގަތް ނޭނގޭއިރު އަހަންނަށް، ނީލްއާއި މާ ބޮޑަށް ގާތްވެވުނީ. މިވީ ދެތިން ދުވަސްތެރޭގައި އަހަންނަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ. ނީލްއާއި ނުލާ ދެން އަހަންނަށް އެހާވަރަށް ހިނިތުންވެވޭނެ ހެން އަހަންނަށް ހިއެއް ނުވޭ. އަހަރެން ބޭނުމެއް ނޫން ނީލް ދޫކޮއްފަ ދާކަށް. އެކަމަކު ނުގޮސް ހުންނާކަށް އަހަންނަށް އެއްވެސް ހައްގެއް ލިބިގެނެއް ނުވޭ. އަދި ނީލްގާތުގައި އަހަރެން ދިޔަ ނުދޭށޭ ބުނާކަށްވެސް އަހަންނަށް އެއްވެސް ހައްގެއް ލިބިގެނެއް ނުވޭ. އަހަރެން ބޭނުންވި ނީލްއަށް ދުނިޔެއިން ހުރިހާ އުފާވެރިކަމެއް ލިބެން. އަހަރެން ބޭނުންވި ނީލް ގާތުގައި އަބަދުވެސް ވުމައް. ރައިނާ ބުނި އެއީޔޯ ބެސްޓްފްރެންޑްސް އޭ ކިޔާ ކުދިން އެދޭނެ ގޮތަކީ. އަހަރެންގެ ފަރާތުން ނީލްއަށް އެއްވެސް އުނދަގުލެއް ނުވާނެ. ދުވަހަކުވެސް ވިޔަކަ ނުދޭނަން. އާޒިމްގެ ލޯ އަހަރެން ރަނގަޅު ކޮއްދޭނަން. ނީލް ދެރަ ކުރެވުނީތީ އަހަރެން ދެރަވަން." ނޫރީން ގިސްލަމުން ވާހަކަ ދައްކަމުން ދިޔައިރު ނީލްއަށްވެސް ރޮވެނީއެވެ.

ނީލްއަށް ފަހަތަށް އެނބުރިލެވުނީ ކުއްލިއަކަށް ނޫރީން ގެއްލުމުގެ އިހްސާސް ކުރެވިގެންނެވެ. ނޫރީންއެއް ނެތެވެ. ނީލްއަށް ވަށައިގެން ބަލާލެވުނެވެ. ނޫރީން ފެންނާކަށް ނެތެވެ. ދުވެފައި ނީލްއަށް ނުކުމެވުނީ ސިޓިންގ ރޫމަށެވެ. ނޫރީން ހުންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ގޭގައި އެއްވެސް ތާކު ނޫރީންއެއް ނެތެވެ. މާޔޫސްވެފައިވާ ހާލު ނީލް އަނބުރާ ވަނީ ކޮޓަރިއަށެވެ. ލޮލުގައި އަޅައިގަތީ އެނދުމަތީގައި ބާއްވާފައިވާ އޮތް ނޫރީންގެ ކެވެލި ކޮޅެވެ. ބޮލިން ހަދާފައިވާ ހިތްގައިމު ކެވެލިކޮޅެކެވެ. އެއީ ނޫރީންގެ މަންމަ ނޫރީންއަށް ހަދާދީފައިވާ ކެވެލި ކޮޅެކެވެ. ނޫރީން އެންމެ ލޯބިވާ އެއްޗަކީ އެއީކަމަށް ނޫރީން ވަނީ ނީލް ގާތުގައި ބުނެފައެވެ.

"ނޫރީން" ނީލްއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ. ކުޑަ ކުއްޖެއް ފަދައިން ބިންމައްޗަށް ގުޅަވަރަކަށް ޖެހި އޮވެ ހުއްޓާނުލާ ރޮމުން ދިޔައީ އަތުގެ ތެރޭގައި އެ ކެވެލިކޮޅު ބާއްވައިގެންނެވެ.

ނޫރީންގެ އެންމެ ފުރަތަމަ ފެނިލުމުންވެސް ނީލްގެ ހިތްވަނީ ނޫރީންއަށް ހިބަކޮށް ދެވިފައެވެ. ގެއަށް ނޫރީން ގެނައުމައްފަހު އަބަދުވެސް ނީލް ބޭނުންވީ ނޫރީން އޭނަގެ ކުރިމަތީގައި ވުމަށެވެ. ނޫރީންއަށް ނޭނގުނު ނަމަވެސް ނީލްއަށް ނޫރީންދެކެ ވަނީ ލޯބި ވެވިފައެވެ. ނޫރީންގެ ހިތުގައި ނީލްއަށް ދުވަހަކުވެސް ޖާގައެއް ނުދެވޭނެކަން އެނގޭހާލުގައިވެސްމެއެވެ.

މުޅި ގޭތެރެ ނީލްއަށް ފަޅުވެގެން ދިޔައެވެ. ވިސްނާނުލާ ހުއްޓާ ނޫރީންގެ ހަގީގަތާއި ކުރިމަތި ލާންޖެހުމުން ނީލް ބިރުގަތީއެވެ.

"ނޫރީން. ކީއްވެ؟ އަހަރެން ދުވަހަކުވެސް އަންހެން ކުއްޖަކަށް ހިތެއް ނުދެން. އެކަމަކު ނޫރީން އަހަރެންގެ ހިތް ގެންދިޔައީ. ރެއާއި ދުވާލު އަހަރެން ވިސްނީ ނޫރީންއާއި ދޭތެރޭ. އަހަންނަށް ކިހިނެއް ނޫރީންގެ ހަގީގަތް ނޭނގުނީ؟ ނޫރީން ކީއްވެ؟ އަހަރެން އަދި ހަމަ ދާށޭ ބުނާއިރަށް ދާންޖެހޭތަ؟" ނީލްގެ ހިތުގައި އިންތިހާއަށް ވޭންއަޅަމުންދިޔައެވެ.

ނީލް ހުއްޓުމެއްނެތި ރޮމުންދިޔައިރު ނޫރީންއިނީ އަތިރިމަތީގައި އިން ރުކެއްގައި ލެނގިލައިގެން ރޯށެވެ. ނޫރީން ހިތުން ނީލްއަކީ އޭނާއަށް ލިބުނު ހަމައެކަނި "ފުރިހަމަ" އެކުވެރިޔާއެވެ. މައުސޫމް ނޫރީންގެ ހިތުގައި ނީލްއަށްޓަކައި ވަނީ ލޯބިކަން ނޭނގޭހާލުގައި އިނދެގެން ރޮނީއެވެ. ކޮންމެ ތަނެއްގައި ވީނަމަވެސް އަބަދުވެސް ނީލްގެ ހާލު އެންމެ ކައިރިން ބަލަން ނޫރީން ބޭނުންވެއެވެ. ނޫރީން ބޭނުންވަނީ އަނެއްކާވެސް ނޫރީންގެ ސަބަބުން ނީލް ހިނިތުންވާތަން ދެކުމަށެވެ. ނަމަވެސް ހަގީގަތް އެނގުނު ވަގުތުގައި ނީލްގަތް ބިރުގެ ސަބަބުން ދެން ދުވަހަކުވެސް އެކަން ނުވާނެކަން ނޫރީންއަށް އެނގެއެވެ.

- ނުނިމޭ -

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Naanu

    Just read all the episodes i havent. ❤ girl im speechless. Cabt wait for tomorrows part. Want a girl like nooryn

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ