ރާއްޖޭގެ ޖުމްލަ ދަރަނި 65 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ދެވަނަ ކްއާޓަރުގެ ދަރަނީގެ ރިޕޯޓުގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި 18 ޕަސެންޓު އިތުރުވެ، 65 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ނިޔަލަށް ދަރަނީގެ ގޮތުގައި އިތުރުވި 4.5 ބިލިއަން ރުފިޔާގެ ތެރެއިން، ބޮޑު އަދަދެއް އިތުރު ވެފައިވަނީ ގެރެންޓީ ޑެޓްގައި އެވެ. އެގޮތުން ގެރެންޓީ ޑެޓް 14 ޕަސެންޓް އިތުރުވެފައިވެ އެވެ. ބޭރުގެ ދަރަނި ފަސް ޕަސެންޓް އިތުރު ވެފައިވާއިރު، އެތެރޭގެ ދަރަނި ވެސް ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބޭރުގެ ދަރަނި އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ސަބަބުންނެވެ. އެތެރޭގެ ދަރަނި އިތުރުވެފައި ވަނީ ޓްރެޝަރީ ބިލް ވިއްކުމުންނެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއާއި) އަށް 100 މިލިއަން ޑޮލަރު ސަރުކާރުން ޓީބިލްގެ ގޮތުގައި ވިއްކާފައިވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާ އިރު މިއަހަރުގެ ފުރަތަމަ ހަ މަހުގެ ދަރަނި ވަނީ ފަސް ޕަސެންޓަށް އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނި 49 ބިލިއަނަށް ވަނީ އަރައިފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 61.3 ޕަސެންޓެވެ. އަދި ލޯނު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި 64.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ލޯނު ގެރެންޓީއާ އެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 72 ޕަސެންޓްގަ އެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އެންމެ އެކަށީގެންވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓެވެ. މި މިންގަނޑަށްވުރެ ރާއްޖޭގެ ދަރަނި ވަނީ އިތުރުވެފަ އެވެ.




