ހިތުގެ އެދުން (12)

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

ނޫރީން ހިތުން ނީލްއަކީ އޭނާއަށް ލިބުނު ހަމައެކަނި "ފުރިހަމަ" އެކުވެރިޔާއެވެ. މައުސޫމް ނޫރީންގެ ހިތުގައި ނީލްއަށްޓަކައި ވަނީ ލޯބިކަން ނޭނގޭހާލުގައި އިނދެގެން ރޮނީއެވެ. ކޮންމެ ތަނެއްގައި ވީނަމަވެސް އަބަދުވެސް ނީލްގެ ހާލު އެންމެ ކައިރިން ބަލަން ނޫރީން ބޭނުންވެއެވެ. ނޫރީން ބޭނުންވަނީ އަނެއްކާވެސް ނޫރީންގެ ސަބަބުން ނީލް ހިނިތުންވާތަން ދެކުމަށެވެ. ނަމަވެސް ހަގީގަތް އެނގުނު ވަގުތުގައި ނީލްގަތް ބިރުގެ ސަބަބުން ދެން ދުވަހަކުވެސް އެކަން ނުވާނެކަން ނޫރީންއަށް އެނގެއެވެ.

މުޅި ރަށުގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރެވިގެން ދިޔައެވެ. ކުލަޖެހުމާއި ސަކަރާތް ޖެހުމުގައެވެ. އެކިވައްތަރުގެ މާލިތަކުން ރަށުގެ މަގުމަތިތަށް ފަޅުފިލުވަމުން ދިޔައެވެ. ތުއްތު ކުދިން އެކުދިންގެ މަންމަމެންގެ ފަހަތަށް ވަދެ މާލިތަކަށް ފިލަން އުޅުމުގައެވެ. އެއްގެއިން އަނެއް ގެއަށް މީރުހާ ކާނާ ގެންދިޔުމުގައެވެ. އީދު ހަދިޔާ ބަދަލު ކުރުމުގައެވެ. އުފާވެރިކަން މުޅި ރަށަށް ގެނުވާފައެވެ. ނަމަވެސް ނީލްގެ އެކަނިވެރިކަމަށް ބަދަލެއް ނާދެއެވެ.

ނޫރީން ދިޔަ ވަގުތުން ފެށިގެން ނީލްވަނީ މުޅިން އެކަނިވެރިވެފައެވެ. ނީލް ގިނަވަގުތު ހޭދަ ކުރަނީ ގޭގައެވެ. ދޮރު ތަޅުލައިގެން އޮންނަނީއެވެ. މީހަކަށް ގުޅާ ވާހަކަ ދައްކާ ހެދުމަށް ނީލް ބޭނުމެއް ނުވެއެވެ. ކޮންމެ ކަމެއް ކުރަން މަސައްކަތް ކުރިނަމަވެސް ހަނދާންވަނީ ނޫރީންއެވެ. ނޫރީންއާއި އެކުގައި އުޅެވުނު މަދު ދުވަސްކޮޅަކީ ނީލްއަށް ލިބުނު އެންމެ އުފާވެރި ދުވަސްތަށްކަން ނީލްއަށް ޔަގީންވަމުން ދިޔައެވެ.

ނޫރީން ދިޔަކަން އިހްސާންމެންނަށް އެނގުނު ނަމަވެސް ނޫރީން ދިޔަ ސަބަބެއް ނުއެއް އެނގެއެވެ. ތަކުރާރުކޮށް އެހުމުންވެސް ނީލް ސަބަބު ކިޔާދޭން ބޭނުން ނުވާތީއެވެ. އަބަދުވެސް ފަހުން ކަމަށް ބުނެ އެވާހަކަ ހުއްޓާލަނީއެވެ. ނޫރީން ދިޔުމުން ނީލްގެ އުޅުމަށް އަންނަމުން އައި ބަދަލުތަކުގެ ސަބަބުން އިހްސާންމެން ތިބެނީ ވަރަށް ކަންތައް ބޮޑުވެފައެވެ.

ނީލް މަޑުމަޑުން ކެއުމާއި ދުރުވަމުން ދިޔައެވެ. ގޭތެރޭގެ ތަރުތީބު ވަނީ ގެއްލިފައެވެ. ގެއިން ބޭރަށް ނުކުމެއްނެތި އަބަދު ރޯން ގޭގައި އޮންނަނީ އެވެ. އޭގޭގައި ނޫރީން ހޭދަކުރި ވަގުތުތައް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ނީލްގެ ހިތް އިތުރަށް އެތަށް ގުނައަކަށް ކުދިކުދި ވަމުންދިޔައެވެ.

"ނީލް ދެން ކިހާ ދުވަހެއް ވަންދެން ތިހެން ގޭގައި އޮންނާނީ؟ އެއްޗެއް ކެއުމެއް ބުއިމެއް ނެތި؟" އިހްސާން ވާހަކަ ދެއްކީ ރަހުމަތްތެރިޔާއަށް ގޮވާލަން އައިސް އެގެއަށް ވަދެފައެވެ. ނީލްގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް އިހްސާން ވާހަކަ ދެއްކިއެވެ.

"ނީލް. އަދިވެސް އަހަންނަށް ކިޔައެއް ނުދޭނަންތަ ކީއްވެގެންކަން ނޫރީން ދިޔައީ؟ ދެމީހުން ދޭތެރޭ މައްސަލައެއް ޖެހުނީތަ؟" އިހްސާން އަނެއްކާވެސް މަސައްކަތްކުރިއެވެ.

"އަހަރުމެން ދެމީހުންގެ ދޭތެރޭ ކޮން މައްސަލައެއް ޖެހޭނީ؟ މައްސަލައެއް ޖެހެން އަހަރެން މިއީ ނޫރީންގެ ކާކު؟ އަހަރެން އެކަންޏޭ އޭނަ ދެކެ ލޯބިވީ. އެލޯބީގެ ބަދަލުގައި ނޫރީންގެ ފަރާތުން ލޯތްބެއް ނުލިބޭނެކަން އެނގޭ ހާލު އަހަންނަށް މޮޔަ ވެވުނީ." ނީލް ހިފަހައްޓަން މަސައްކަތް ކުރި ކަރުނަތަށް ބަންޑުންވިއެވެ.

"ނީލް ކީއްވެ ތިހެން ތި ބުނަނީ؟ ކިހިނެއް އެނގެނީ އެ ލޯބީގެ ބަދަލުގައި ލޯބި ނުލިބޭނެކަމެއް؟ އަހަރެން ދެކުނީމޭ ނޫރީން ނީލްއަށް ބަލާ ގޮތް. ނީލް ހިނިތުންވާ ގަޑީގައި ނޫރީންގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުން. ލޯ ފަން މީހަކަށްވެސް އެނގޭނެ ނޫރީންގެ ހިތުގައި ނީލްއަށް ލޯބިވާ ކަން. ވެދާނެ ނޫރީންއަށް އެކަން ނޭނގެނީ ކަމަށް. އެ މަންޖެއަށް ވަގުތުކޮޅެއް ދިންނަމަ" އިހްސާން ނީލްގެ ކޮނޑުގައި އަތްއަޅާލިއެވެ.

"ކިތަންމެ ވަގުތެއް ދިނަސް، ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަންނާއި ނޫރީންއަށް އެއްކޮށެއް ނޫޅެވޭނެ. އެއީ އަހަރެންގެ ނަސީބުގައި ނެތް ލޯތްބެއް." ނީލް ދެލޯ މަރާލާ ބާރުކޮއްލިއެވެ.

"އެހާވަރަށް ނުވިސްނާ." އިހްސާން އެދުނެވެ.

"އިހްސާންދޭ. އަހަރެން މިރޭ އާޒިމް ކައިރިޔަށް ޖައްސާލާނަން" ނީލް ބުންޏެވެ.

ދެ ހަފްތާ ވަންދެން ހުއްޓުމެއްނެތި ނޫރީން މަސައްކަތް ކުރަމުން ދިޔައީ އާޒިމްގެ ލޮލުގައި އެޅުމަށް ބޭސް ތައްޔާރު ކުރުމަށްޓަކައި ތަކެތި ހޯދުމަށެވެ. ނޫރީންއަށް ކުރެވުނު ކަމެއްގެ ސަބަބުން ނީލްއަށް އުނދަގުލެއް ވުމައް ނޭދޭތީއެވެ. ވަލުގެ އެކި ތަންތަނުން އެކިކަހަލަ ފަތްތަކާއި މޫތަށް ނޫރީން އެއްކުރިއެވެ. އެކި ގަސްގަހަށް އަރާ މާތައް ބިނދެ ހިއްކާ ހެދިއެވެ. އެހެން އުޅުމުގެ ތެރޭގައި ބައެއް ފަހަރު ވެއްޓި އަނިޔާވެސް ވެއެވެ. މޫނުމަތިން ތަންތަން މަށައިގެންގޮސްފައި ހުއްޓެވެ.

ބޮލުގެ އިސްތަށިގަނޑު މިހާރުވަނީ ރޫޅާލާފައެވެ. ފުނައެއް ނާޅައެވެ. ބޭސް ތައްޔާރުކުރުން ނޫރީންއަށް މާ މުހިއްމުވިއެވެ. އެއަށްވުރެ ބޮޑަށް ނީލްމަތިން ހަނދާންވާތީއެވެ. ނޫރީންގެ ސަބަބުން ނީލް ހިތްހަމަ ނުޖެހުނުކަމަށްޓަކައި އަދިވެސް ނޫރީން ދެރަވެއެވެ. ނީލްމަތިން ނޫރީން ކިތަންމެ ހަނދާންވިޔަސް ދެން ދުވަހަކުވެސް ނީލްގާތަށް ނުދެވޭނެކަން ނޫރީންއަށް އެނގެއެވެ. އެހެންކަމުން ކޮންމެވެސް ކަމެއްގެ ތެރޭގައި ހޭބޯނާރާ އުޅުމުން އެ ހަނދާންތަކާއި ދުރަށް ދެވޭނެ ކަމަށް ނޫރީން ގަބޫލުކުރިއެވެ.

"އަހަރެން ކީއްކޮއްގެންތަ ނީލް އަހަރެންދެކެ އެ ބިރުގަތީއެ. އަހަރެން ދުވަހަކުވެސް ނީލްއަށް އަނިޔާއެއް ނުދޭނަން. އެކަން ކީއްވެގެންތަ ނީލްއަށް ނުވިސްނެނީ؟ ކަމަކުން ކަމަކާ ނުލާ އަހަރެން ބޭރުކޮއްލީ. ރޮއްވާލާފައި. އެކަނި ކޮއްލާފައި. ހިތުގައި ޖައްސާފައި." ލޮލުން އައި ކަރުނަތަށް އަތުގެ ނުފުށުން ނޫރީން ފުހެލަމުން، ތައްޔާރު ކުރި ބޭސްކޮޅު ފަތެއްގެ މައްޗައް އަޅާ ފަންކޮޅަކުން އައްސާލިއެވެ.

"މި އޮތީ ބޭސް ތައްޔާރުވެފައި. މިރޭ މީތި އެ ފިރިހެނާއަށް ގެންގޮސްދީ އޭނަގެ ލޮލުގައި އަޅާދިނީމައި ރަނގަޅުވާނެ. އޭރުން ނީލްމެންނަށް އެއްވެސް ބިރެއް ނޯންނާނެ." ނޫރީން ހިނިތުންވެލިއެވެ.

އިޝާ ނަމާދުން ފައިބައިގެން މީހުންތަށް މިސްކިތުން ނުކުމެގެން ގެތަކަށް ދިޔުމަށް ހިނގައިގަތް ވަގުތެވެ. ސާދަވިލޭރޭގެ ހަނދު މެދުއުޑުގައި ރަސްކަންކުރަމުން ދިޔައިރު ވިދާ ބަބުޅަމުންދިޔަ ތަރިތަކުން ވަނީ މުޅި އުޑުމަތި ޖަރީކޮއްފައެވެ. ނޫރީން މަޑުކޮއްލައިގެން ހުރީ އާޒިމްމެން ގޭގެތެރޭގައި ހައްދާފައި ހުރި ގަސްތަކުގެ ދަށުގައެވެ. އާޒިމްއަށް ބޭސްކޮޅު ދޭން ވަންނަން ބޭނުންވެފައެވެ. ނަމަވެސް ހުއްދައެއް ނެތި ނޫރީންއަށް އެތެރެއަށް ވަދެވެން ނެތުމުންނެވެ.

އެއްވެސް ތަނެއް ނުފެންނަ ހާލުގައި އެނދުމަތީގައި އިން އާޒިމް ތެޅިގަތީ ކުޑަދޮރުކައިރީގައި މީހަކު އުޅޭހެން ހީވުމުންނެވެ.

"ކާކު؟ މަންމަތަ؟" އާޒިމް ސީދާވެލިއެވެ. ނޫރީން ޖަވާބެއް ނުދީ މަޑުކޮއްލީ ކޮޓަރިތެރެއަށް ކަޅި ހިންގާލާށެވެ.

"ކާކު؟" އާޒިމް ހާސްވާ ގޮތްވިއެވެ. ނޫރީން ގާތަށް ހިނިއައެވެ.

"މީގެ ކުރިއަކުން އާޒިމް ތިއީ ތިހާ އަވަހަށް ކަންތައްތަކާ ހާސްވާ މީހެއް ނޫނެއްނު؟ ކިހިނެއްވީ؟ މޫސުން ބަދަލުވާހެން އާޒިމްގެ ހާލާއި މިޒާޖުވެސް ބަދަލުވީތަ؟" ނޫރީން އިތުރަށް ކޮޓަރިއާއި ގާތްވެލިއެވެ.

"ނޫރީން. ނޫރީން. ދޭމިތަނުން. އަހަރެން މިހާރު ނޫރީންއަށް ކީއްކުރީ؟" ވަށައިގެން އަތް ހޫރުވަމުން އާޒިމް ބިރުން ތެޅިގަތެވެ.

"ގައިމު އަހަންނާ ގާތް ނުވެވިގެން އުޅުނުއިރު ހީވަނީ އެހެންފަދަ ކަމެއްހެން. މިއަދު އަހަރެން މިތަނަށް އައިމަ ނު ވައްދަންތަ ތިއުޅެނީ؟" ނޫރީން ހައިރާންވިއެވެ.

"އަހަރެން ބޭނުމެއް ނޫން ނޫރީންއާއި ގާތްވާކަށް. އަހަންނަށް މައާފްކުރޭ. އަހަރެން އެއްވެސް މީހެއް ކައިރީގައެއް ނުބުނަން ނޫރީންގެ ވާހަކައެއް. އަހަރެންގެ ހާލަށް އަހަރެން ދޫކޮއްލާ" އާޒިމް ރޯމަހެއް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. އެނދުން ތެދުވެގެން ދެވޭ ނުދެވޭތަނެއް ނޭނގި ބިއްބިތަށް ޖެހެމުން ހިނގައިގަތެވެ.

"އަހަރެން މިއަދު މިތަނަށް މިއައީ އާޒިމްއަށް ގޮތެއް ހަދާކަށް ނޫން. އަހަރެން މިއަދު މިތަނަށް މިއައީ އާޒިމްގެ ލޮލަށް ބޭސް ހިފައިގެން." ނޫރީން ބުންޏެވެ. އާޒިމްއަށް ހުއްޓިލެވުނެވެ.

"އަހަރެން ކިހިނެއް ނޫރީންއަށް އިތުބާރު ކުރާނީ؟" އާޒިމް އަހާލިއެވެ.

"އަހަންނަށް އިތުބާރު ކުރުން ނޫން އެއްވެސް ގޮތެއް އެބަ އޮތްތަ އާޒިމްއަށް؟ އެއްވެސް ޑޮކްޓަރަކަށް އާޒިމްގެ ލޮލެއް ރަންގަޅެއް ނުކުރެވޭނެ. އެކަން އާޒިމްއަށް އެނގެއެއްނު؟ އެހެން ނޫނަސް އަހަރެން ބޭނުންނަމަ އެވަގުތުވެސް އާޒިމް މަރާލެވުނީސް. އެކަމަކު އަހަރެން އެހެނެއް ނަހަދަމެއްނު. އަނެއްކޮޅުން ދެހަފްތާ ވަންދެން އަތާ ފައިގެ، އަދި ނުވިތާކަށް މޫނުގެ ތަންތަން މަށާލައިގެން އަހަރެން މަސައްކަތްކުރީ މި ބޭސް ހަދަން. އާޒިމް މަރާލަން ބޭނުން ނަމަ އަހަރެން މިހާ މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް އެބައޮތްތަ؟" ނޫރީން ވާހަކަ ދައްކަމުން ދިޔައީ އަދިވެސް ކުޑަދޮރު ކައިރީގައި ހުރެގެންނެވެ.

"ނޫރީން ކީއްކުރަން އަހަރެންގެ ލޮލަށް ބޭސްހަދަންވީ؟" އާޒިމްއަށް ގަބޫލުކުރަން ދަތިވިއެވެ.

"ރަނގަޅު ވާހަކައެއް. އަހަރެން އަދިވެސް ބޭނުމީ އާޒިމްގެ ލޮލަށް މިރުސް ޖަހަން. އެކަމަކު އަހަރެން ބޭނުމެއް ނޫން ނީލްމެން ދެރަވާކަށް. އަހަރެން މިބޭސް ހަދައިގެން މި ގެނެސްދިނީ ނީލް އަދި އިހްސާންމެންނަށްޓަކައި. ތިކަހަލަ މީހަކަށް އެއްވެސް ކަމެއް ކޮށްދޭކަށް އަހަރެން ބޭނުމެއް ނުވޭ. މިތާ ކުޑަދޮރު ކަރިއަށް އައިސް އަތް ދިއްކުރޭ. ބޭސްކޮޅު ދީފައި އަހަރެން ދާންވެއްޖެ. މިރޭ ނިދަން އޮތުމުގެ ކުރިން ބޭސްއަޅާ. ތިން ދުވަހު ބަހައްޓާފައި ނަގާ" ނޫރީން ކިޔާ ދިނެވެ.

ނޫރީން ބުނި ގޮތަށް އާޒިމްއައިސް ކުޑަދޮރުން ބޭރަށް އަތް ދިއްކުރިއެވެ. ނޫރީން އާޒިމްގެ އަތުގެ ތެރެއަށް ބޭސްކޮޅު ލުމައްފަހު އެނބުރުނު ވަގުތު ޖެހުނީމީހެއްގެ ގައިގައެވެ. ތެޅިގަނެފައި ނޫރީން ދުރަށް ޖެހިލަން މަސައްކަތްކުރިއެވެ. ނަމަވެސް ފިރިހެންވަންތަ ދެ އަތުން ނޫރީންގެ ގައިގާ ހިފަހައްޓާލިއެވެ. އެމީހާގެ ގަމީހުންދުވާ މަޑު ފިރިހެންވަންތަ ސެންޓުވަހަކީ ނޫރީންއަށް އައު ވަހެއް ނޫނެވެ. އެއީ ނީލް ޖަހާ ސެންޓެވެ.

"ނީލް" ނޫރީންއަށް ބުނެލެވުނެވެ.

"ނޫރީން" ނީލްވެސް މަޑުމަޑުން ބުނެލިއެވެ. ނޫރީންގެ ގައިގާ އޮޅުލައިގަނެގެން ހުރެއެވެ.

އެއީ ނީލްކަން ޔަގީންވުމުން ނޫރީން އެއްވެސް ބާރެއް ދެއްކުމެއްނެތި މަޑުމަޑުން ހުރީއެވެ. ނީލްގައިގާ ބައްދާލަންވެސް ނުކެރިފައެވެ. ނޫރީންއަށް ގެނެވޭ އެންމެ ހަރަކާތަކުން އެ ހިނދުކޮޅު ހިނގައިދާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. ފުރަތަމަ ފަހަރަށް ނީލް ގާތްވުމުން ނޫރީންގެ ހިތް މޭގެ ތެރޭގައި އޮވެގެން ތެޅިލިއެވެ. ނީލްއަށްޓަކައި އެ ހިތުގައި ވިންދެއް ޖަހާލިއެވެ. ނޫރީންއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވުނެވެ. އެވަގުތު ކޮޅު އުމުރަށް ދިގުދެމިގެން ދިޔުމަށް އެދެވުނެވެ.

ދެ ހަފްތާއަށް ފަހު ހީނުކުރާ ތަނަކުން ނޫރީން ފެނުމުން ނީލްއަށް ގަބޫލު ކުރަން ދަތިވިއެވެ. ނީލްގެ އަތުގެ ތެރޭގައި ނޫރީންވީ އިރުގައިވެސް މެއެވެ. ހުވަފެނެއްނޫންތޯ ޔަގީންކޮށްލުމަށް ފަޅިސިކުންތަކަށްވެސް ދުރަށް ޖެހިލައިފިނަމަ ދެން އެ ވަގުތުކޮޅު ނުލިބޭނެކަން ނީލްއަށް އެނގެއެވެ. އެއީ ހުވަފެނަކަށް ވީނަމަވެސް އެ ހުވަފެން ބެލުމުގައި އުމުރު ހުސްކޮށްލަންވެސް ނީލް ހުރީ ތައްޔާރަށެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
43
ގުޅުންހުރި ލިޔުންތައް

2 Responses

  1. Saaji

    Vr ves rythi nathage story thah

  2. Kamana

    Alhey. Dhen vaanee kihineh baa ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ