އަފްރާޝީމް، ޔާމީން ރަޝީދު، ރިލްވާން

ޔާމީން އާއި ރިލްވާންވެސް މަރާލީ އެއް ބައެއް - މަރު ކޮމިޝަން

ބްލޮގަރ ޔާމީން ރަޝީދު މާރާލާފައިވަނީ އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ގެއްލުވާލާފައިވަނީ އެއްބައެއް ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ އެކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޔާމީން އާއި ރިލްވާން މަރާލީ އެއްބައެއްކަން އެނގެނީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް މައުލޫމާތު ހިއްސާކޮށްފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަކިބަސް ދީފައިވާ މީހާގެ ހެކި ބަހުންނާއި، އަލްގައިދާއަށް ރެކްރޫޓްކޮށްފައިވާ މީހާ ދައްކާފައި ހުރި ވާހަކަތަކުން ކަމަށް ސުޢޫދު ވިދާޅުވިއެވެ.

"މިހާރު ހިނގަމުންދާ ޔާމީން ރަޝީދުގެ މައްސަލާގެ ހެކި ބަސް ދީފައިވާ މީހަކު އޭނާ ދައްކާފައި ހުރި ވާހަކަތަކާއި، އަޅުގަނޑުމެން ކޮމިޝަނަށް މައުލޫމާތުލިބިފައިވާ އަލްގައިދާއަށް ރެކްރޫޓްކޮށްފައިވާ މީހާ ދައްކާފައި ހުރި ވާހަކަ އާއި އެއްގޮތް، ދެ މީހުންގެ ވާހަކައިގެ ވެސް ތަފާތެއް ނެތް. މާނައަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އެކަން ރާވާ ޕްލޭން ކުރި އަދި ޚަރަދު ކުރިކަމަށް އޭނަ ބުނާ މީހުންނާއި، އަޅުގަނޑުމެންގެ ކޮމިޝަނަށް މައުލޫމާތުދިން ރިލްވާން އަބްދުﷲ މަރާލުމަށް ރާވައި އެކަމަށް ޚަރަދުކޮށް އެކަން ރޭވި މީހުންނާއި އެއީ އެއްބައެއް ކަމަށް އަޅުގަނޑުމެންނަށް ދެ މީހުންގެ ހެކި ބަހުން އެނގޭ". ސުއޫދު ވިދާޅުވިއެވެ.

މިއަދު ސުޢޫދު ވިދާޅުވީ، ރިލްވާން ވަނީ ކަނޑުމަތީގައި މަރާލާފައިވާ ކަމަށާއި، ރިލްވާން ހުޅުމާލެއަށް ދިޔަކަން ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް، ރިލްވާނާއެކު ފެރީގައި ދަތުރުކުރި ރިލްވާންގެ އެކުވެރިޔާގެ ހެކިބަހުންނާއި، ހުޅުމާލޭގެ ސެލްޓަވަރުތަކަށް ރިލްވާނެގް ފޯނުގެ ސިގްނަލް އެރޭ ދަންވަރު ތިން ފަހަރެއްގެ މަތިން ލިބިފައިވުމާއި، ރިލްވާންގެ އެޕާޓްމަންޓް ދޮރުމަތިން މީހަކު ގަދަކަމުން ކާރަކަށް އަރުވާ މަންޒަރު ފެނުނުކަމަށް ހެކިބަސްދޭ ހެކިވެރިޔާގެ ހެކިބަހަށް ބަލާއިރު، ރިލްވާން އެރޭ ހުޅުމާލެއަށް ދިޔަކަން "ޝައްކެތް ނެތް މިންވަރަށް" ޞާބިތުވާ ކަމަށެވެ.

ރިލްވާން މަރާލާފައިވަނީ، ރަތް ކާރުގައި ގަދަކަމުން ގެންގޮސް ކުޑަ ޑިންގީއެއްގައި އިތުރު ކަނޑު އުޅަނދަކަށް އަރުވާފައި ކަމަށާއި، މަރާލި ގޮތްވެސް ހޯދިފައިވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. ނަމަވެސް މަރާލި ގޮތާމެދު ބައެއް ހެކީގައި ފުށުއެރުމެއް އުޅޭތީވެ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ހުސްނުއް ސުޢޫދު ވިދާޅުވީ، މިފަހަކުން ރާއްޖޭގައި ހިނގި ބޮޑެތި ވައްކަންތަކާއި، ބޮޑެތި ކުށްތައް ގުޅިފައިވަނީ ޔާމީން ރަޝީދު އަދި އަޙްމަދު ރިލްވާންވެސް މަރާލި ދީނީ ހަރުކަށި ފިކުރުގެ "ޖިހާދީ ޖަމާޢަތާ" ކަމަށެވެ.

މީގެ އިތުރުން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީގެ މަރާއިވެސް މި ގުރޫޕާ ގުޅުންވާކަން މަރު ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ