އަތޮޅުގެ 13 ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ތ. އަތޮޅު ކައުންސިލުން ސަރުކާރުގައި އެދެފިއެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލަރުން މިކަން އެދިފައިވަނީ އެ ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމްއާއި ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ކޮޅުމަޑުލުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ އެ އަތޮޅުގެ 13 ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމެވެ. އަދި ހުރިހާ ރަށަކުންވެސް 24 ގަޑިއިރު ބޭސް ލިބޭނެ އިންތިޒާމް ފަހިކޮށްދެއްވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުން ވަނީ އެދިވަޑައިގެންފައިވެއެވެ. ސީ އެމްބިއުލާންސްގެ ޚިދުމަތުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެޚިދުމަތާއިމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައްވެސް ކައުންސިލަރުން ވަނީ ޙިއްޞާ ކުރައްވާފައެވެ.
މީގެއިތުރުން އެ އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބާރުވެރިކަން ހޯދަދިނުމާބެހޭގޮތުން ވެސް މިބައްދަލުވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ. އަދި އަތޮޅުގެ ފެރީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.



