ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ކޮޅުމަޑުލުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ތ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމާއެކު، މީހުން ދިރިއުޅޭ 13 ރަށަކަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށެއް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައިވެއެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫޢު ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެން، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
ތ. އަތޮޅު ހިމެނެނީ ޒޯން 4 ގައެވެ. މި ޒޯނުގައި ހިމެނޭ އެހެން އަތޮޅުތަކަކީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު އަދި ލ. އަތޮޅެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އިން މިހާރުދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމަށްޓަކައި ބޭސްލައިން ސަރވޭއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ. މި ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެމްޓީސީސީ މެދުވެރިކޮށެވެ




