މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ވަނީ ކަނޑުމަތީގައި މަރާލާފައި ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ އެކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހުސްނުއް ސުއޫދޫ ވިދާޅުވީ، ރިލްވާން މަރާލާފައިވަނީ އެޕާޓްމަންޓުން ގަދަކަމުން ރަތް ކާރަކަށް އަރުވައިގެން ގެންގޮސް، ޑިންގީއަކަށް އަރުވައިގެން، އަދި އިތުރު ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް ކަނޑުމަތީގައި ކަމަށެވެ.
ރިލްވާން މަރާލާފައިވާކަމަށް ތިން ފަރާތެއްގެ ހެކިބަސް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ ހެކިބަހުގައި އެކަން ހިނގާފައިވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފައިވާކަމަށް ސުޢޫދު ވިދާޅުވިއެވެ. އަދި ބާކީ ތިބި ދެމީހުންވެސް ރިލްވާން މަރާލުމާ ގުޅޭގޮތުން ހެކިބަސް ދީފައިވާ ކަމަށާއި، ނަމަވެސް އެދެމީހުންގެ ހެކިބަހުގައި ކުޑަ ފަރަޤެއް ހުރުމާއެކު އެކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ހުސްނުއްސުޢޫދު އިތުރަށް ވިދާޅުވީ، ރިލްވާން މަރާލުމަށްޓަކައި އަރުވާފައިވާ އުޅަނދުގެ އަދި އުޅަނދުގެ ވެރިފަރާތުގެ މަޢުލޫމާތު އެކޮމިޝަނުން ހޯދާފައިވާ ކަމަށާއި، އެ އުޅަނދު އޮޕަރޭޓް ކޮށްފައިވަނީ އައްޑޫ ސިޓީގައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެފަރާތުގެ މަޢުލޫމާތު އެކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.
ރިލްވާން އެ އުޅަނދަށް އަރުވައިގެން ކަނޑުމަތީގައި މަރާލި ގޮތާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސުޢޫދު ވިދާޅުވީ، ތަޙްޤީޤަށް މިހާތަނަށް ހޯދި ހޯދުންތަކުގައި މަރާލި ގޮތާއި ގުޅޭގޮތުން ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.
އެހެންނަމަވެސް މަރާލާފައިވަނީ ދާ އޮޅާލުމަށްފަހު މަރާލީކަމަށް އަދި ޝަހާދަތް ލައިދިން ކަމަށާއި، މީގެ އިތުރުން ޝަހާދަތް ކީމަ މަރާލީކަމަށްވެސް ބައެއް ހެކިން ބުނެފައިވާ ކަމަށާއި، ޝަހާދަތް ކީމަ މަރާލަންޖެހޭ ކަމާމެދުގައި ސުވާލު އުފެދިފައިވާ ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ޝަހާދަތް ކީ ނަމަވެސް ކުށުގެ އަދަބެއްގެ ގޮތުގައި މަރާލަން ޖެހެނީ ކަމަށްވެސް ބުނެފައިވާ ކަމަށާއި، އެކަން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ "ޖިހާދީ ފިކުރުގެ ޖަމާއަތުން" ކަމަށްވެސް ސުޢޫދު ވަނީ މިއަދު ވިދާޅުވެފައެވެ.



