ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

ދީނީ ހަރުކަށި ފިކުރު ‎ރާއްޖޭގައި އުފެދުނީ ރައީސް މައުމޫންގެ ވެރިކަމުގައި - ޑރ އިޔާޒު

‎ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައިކަމަށް މައްސޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ. ‎

ޑރ.އިޔާޒް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީނީ ހަރުކަށި ފިކުރު އުފެދުނީ ރައީސް މައުމޫންގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުނގަންނައިނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހު އިބްރަތް ހާސިލްކުރަން ރަނގަޅު ކަންތައްތަކެއް ކަމުގައި ދެކެން." ޑރ.އިޔާޒްގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ކޮމިޝަނުގެ ރައީސް، ގާނޫނީ ވަކީލު ހުސްނުއްޝުޢޫދު ވިދާޅުވެފައިވަނީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަދި ބްލޮގަރ ޔާމީން ރަޝީދުވެސް މަރާލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިއެސް އަށް ވާގިވެރިޔާ ދީނީ ހަރުކަށި ފިކުރުގެ ޖަމާޢަތެއް ކަމަށްވާ "ޖިހާދީ ފިކުރުގެ ޖަމާއަތުން" ކަމަށެވެ.  

މިއާއެކު އެތައްބަޔަކު ވަނީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކަށް ނަފްރަތުކޮށް ފާޑު ކިޔާފައެވެ. އަދި ދީނީ އިލްމުވެރިން މި ހަރުކަށި ފިކުރުގެ ޖަމާއަތާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާތީވެވެސް އެތައްބަޔަކުވަނީ ނުރުހުން ފާޅުކޮށްފައެވެ.

‎ސުއޫދު އިއްޔެ ވިދާޅުވި ގޮތުގައި ދީނީ ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތެރިވަނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގައި ކަމަށެވެ.

އެ ޖަމާއަތުން އެކި ފަހަރުމަތިން މިނިވަން ފިކުރުގެ މީހުންނަށް ފާރަލާފައިވާއިރު، ރިލްވާން ވަގަށް ނެގުމުގެ މަހެއް ކުރިން، ރިލްވާން ވަގަށްނެގުމުގައި ބައިވެރިވެފައިވާ އިސްމާއިލް އަބްދުއްރަހީމް ފާރަލަމުންދާކަން ރިލްވާން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

‎އެ ޖަމާއަތަކީ ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލުމާއި އއ. ހިމަންދޫގެ ދީނީ ހަމަނުޖެހުމުގައި ވެސް ޝާމިލްވާ ބައެއްކަމަށްވެސް ސުއޫދު އިއްޔެ ވިދާޅުވެފައިވެއެވެ.

‎ޑރ އިޔާޒަކީ ރައީސް ސޯލިހުގެ ވެރިކަން ގެނައުމަށް މަސައްކަތްކުރެއްވި ދީނީ އިލްމުވެރިންގެ ތެރޭގައިވެސް ހިމެނޭ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ