ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުން އިންޑިޔާގެ ނިއުދިއްލީގައި މިއަދު ފެށިއްޖެއެވެ.
މިމަހުގެ 02 އިން 06 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއާއި އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އައިޝަތު މުޙައްމަދު ދީދީއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް މުވައްޒަފުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ ސަރަޙައްދުގެ ޞިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުމެވެ.

މިއަހަރުގެ ރީޖަނަލް ކޮމެޓީގައި ސިއްޙީ ދާއިރާއަށް ކުރިމަތިވާ އިމަރޖެންސީ ހާލަތްތަކާއި އެކަންކަމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ރައުންޑް ޓޭބަލް ބައްދަލުވުމެއް 3 ސެޕްޓެމްބަރ 2019 ގައި ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ދިއްލީ ޑެކްލަރޭޝަން އޮން އިމަރޖެންސީ ޕްރިޕެއާޑްނަސް އިން ދި ސައުތު އީސްޓް އޭޝިޔާ ރީޖަން" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.
މި ބައްދަލުވުމުގައި ސަރަހައްދީ ޤައުމުތަކުން ހޯދާފައިވާ އާންމު ޞިއްޙަތުގެ ކާމިޔާބީތައް ފާހަގަ ކުރެވިގެންދާނެއެވެ. މިއާއެކު މިސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޚަތަށް ކުރާ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައިހެދިފައިވާ އެކްޝަންޕްލޭނާމެދުވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ޤައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކާމެދުވެސް މަޝްވަރާކުރެވޭނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީ އަދި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ޤައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.
މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ރޭވިފައިވާއިރު، މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.



