ވިސާގެ ލުއިފަސޭހަ ހިމެނޭހެން ރާއްޖެއާއި ލަންކާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ދިވެހިރާއްޖެއާ ސްރީލަންކާއާއި ދެމެދު ސޮއިކުރައްވާފައިވާ އެއްބަސްވުންތައް ބަދަލުކުރައްވައިފިއެވެ.

މިއަދު ސޮއިކުރެވުނު ހަތަރު އެއްބަސްވުން ބަދަލުކުރެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދެޤައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ "އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް"، "އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން އެނޑް ވޯޓަރ ސެކްޓަރ ކޯޕަރޭޝަން"، "އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން" އަދި "އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓް" އެއްބަސްވުމެވެ. 

އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް

މި އެއްބަސްވުމާއެކު 2008 ވަނަ އަހަރު ދެޤައުމުގެ މެދުގައި ވެވިފައިވާ ވިސާއާބެހޭ އެއްބަސްވުމަށް އިސްލާހު ގެނެވިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ސްރީ ލަންކާއަށް ދަތުރުވަރިއެއްގައި ޒިޔާރަތްކުރާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާނެއެވެ. އަދި، ލަންކާގައި ތަޢުލީމު ޙާޞިލުކުރާ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް މިގެންނެވި ލުއިފަސޭހަކަމުގެ ބޭނުން ހިފޭނެއެވެ.

އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން

މި އެއްބަސްވުމަކީ ރާއްޖެއާއި ސްރީލަންކާގެ ދަރިވަރުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދީ ޚާއްޞަކޮށް ފެނާއި ގުޅުންހުރި ދާއިރާތަކުން ކަމާގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާ އެކީ ކަންކަމުގެ މަޢުލޫމާތު ބަދަލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން

މި އެއްބަސްވުމަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުން ދިނުމާއެކު މިރޮނގުން އެންމެ ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމެވެ.

އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓް

މި އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްޤީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީންތައް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ. އަދި، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ތާރީޚާއި ސަޤާފަތް ދިރުވާ އާލާކުރުމާ، ބަހާއި އާދަކާދައިގެ ތެރެއިން ޢިލްމީ ދިރާސާތައް ހެދުންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ