ޖިނާއީ ތަޙްޤީޤުތަކަށް އެއްބާރުލުން ދިނުމާގުޅޭ މުޢާހަދާގައި އިންޑިއާއާއެކު ސޮއިކޮށްފި

ޖިނާއީ ތަޙްޤީޤުތަކަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން އިންޑިއާ އާއެކު ހެދި "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް” މުއާހަދާގައި ސޮއިކުރައްވައިފިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއި ކުރެވުނު މި މުޢާހަދާގެ ގައި ސޮއިކުރައްވާފައިވަނީ މިއަދުއެވެ. މި މުޢާހަދާގައި ރާއްޖެއިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރިމާނިއަމް ޖައިޝަންކަރެވެ.

މިއީ ރާއްޖެއިން އެހެން ޤައުމަކާއެކު މިފަދަ މުއާޙަދާއެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

މި މުޢާހަދާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. މި މުއާހަދާއާ ދެކޮޅަށް 11 މެންބަރަކު ވަނީ ވޯޓްދެއްވާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކުރެވުނު މި މުޢާހަދާއަށް ޢަމަލުކުރެވޭނީ، ދިވެހިރާއްޖެއިން އެކުލަވާލާފައިވާ އެންމެހާ ޤާނޫނާއި ގަވާއިދުތަކުގެ ތަރަހައާއި ޙުދޫދުގެ ތެރެއިން ކަމުގައި ބަންޑާރަނައިބުގެ އޮފީހުން ޖުލައި 8 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

“އެގޮތުން، އެ ޤާނޫނުގައި، ތަޙްޤީޤަށް އެހީތެރިކަން ހޯދުމާއި، ޝަރުޢީ ލިޔުންތައް ހޯދައި ރައްދުކުރުމާއި، މުދަލުން މުޢާމަލާތްކުުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލީ ރެކޯޑާއި މިފަދަ ލިޔެކިޔުންތައް ހޯދުމަކީ، މި ޤާނޫނުގެ ދަށުން ޤައުމުތަކުން ދިވެހިރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އެހީއަށް އެދި ބޭރު ޤައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުން ލިބިދީފައިވާކަން" ވަނީ ފާހަގަކުރައްވާފައެވެ.

މި މުއާހަދާގައި ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ޤައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވަނީ ހިމަނާފައެވެ. އަދި ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ޤައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް މި އެގްރީމަންޓުގެ ދަށުން މަސައްކަތް ކުރާނެއެވެ.

ހަމައެއާއެކު ތަޙްޤީޤު ކުރުމާއި ޝަރީއަތްކުރުން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއް ޤައުމަށް މި މުޢާހަދާގެ ދަށުން އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ