ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މަރުވި ފިރިހެން މީހާ ވަޅުލައިފިއެވެ.
މި ހާދިސާގައި މަރުވި 44 އަހަރުގެ ބަންގްލަދޭޝް ފިރިހެންމީހާ ވަޅުލައިފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގައެވެ.
ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓަކުން މަސައްކަތް ކުރަމުންދަނިކޮށް އެ އިމާރާތުގެ ފަސްވަނަފަންގިފިލާއިން ވެއްޓުނު ގަލަކުން ޖެހި މަރުވި ބަންގްލަދޭޝް މި މީހާއަކީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާ ހިނގައިފައިވާއިރު، މިދިޔަ އަހަރު ވެސް ވަނީ މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ކުޑަ އަންހެންކުއްޖަކު މަރުވެފައެވެ.
އަދި އެ މަރާ ގުޅިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންސްޕެކްޝަން ހަދައި، އިމާރާތް ކުރުމުގެ ސަލާމަތާ ބެހޭ ގަވާއިދެއް އެކުލަވާލައި އަމަލު ކުރަން ފަށައިފައެވެ.
މިދުވަސްވަރަކީ، ހާއްސަކޮށް މާލޭގައި އިމާރާތްތަކުން އެކިކަހަލަ ތަކެތި ވެއްޓި މީހުންނަށް އަނިޔާ ލިބެމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.