ތޯލިބާނުންނާއި އެމެރިކާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ 5،400 ސިފައިން އެގައުމުން ބާލަން ތައްޔާރުވެއްޖެއެވެ.
މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެހަފްތާތެރޭ މިމަސައްކަތް އެމެރިކާ ސަރުކާރުން ފަށާނެކަމަށް ބެލެވޭއިރު، އެއްބަސްވުން ފައިނަލްވާނީ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރުމަށްފަހުއެވެ.
އެމެރިކާއިން އަފްޣާނިސްތާން ހުށަހަޅާފައިވާ ޚާއްސަ މަންދޫބު ޒަލްމޭ ޚަލިލްޒާދު ދިން އިންޓަވިއުއެއްގައި މިކަން ހާމަކޮށްފައިވާއިރު، މިއިންޓަވިއު ޓީވިން ދައްކަން ފެށުމާއެކު ކާބުލްގައިވަނީ ބާރުގަދަ އެއްޗެއް ގޮއްވާލާފައެވެ.
މިގޮއްވާލުން ގޮއްވާލާފައިވަނީ ޓްރެކްޓަރެއްގެ ފަހަތުގައި ބޮމެއް ހަރުކުރުމަށްފަހުއެވެ. އަދި މިހާދިސާގައި މަދުވެގެން 16 މީހުން މަރުވެފައިވާނެކަމަށާއި، އަދި 119 މީހަކު ޒަޚަމްވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިހަމަލާ އަމާޒުވެފައިވަނީ ބޭރު ޤައުމުތަކުގެ ފަރާތްތައް ދިރިއުޅެމުންދާ ސަރަޙައްދަށެވެ.