މީހަކަށް އޮޅިގެން ޓެކްސީ ޑްރައިވަރެއްގެ އަތަށް ދެވުނު 500 ރުފިޔާ ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން އެފައިސާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ފައިސާއަކީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ޓެކްސީއަކުން ދަތުރުކުރި މީހަކު ޑްރައިވަރު އަތަށް ފައިސާ ދިންއިރު އިތުރަށް ދެވިފައިވާ 500 ރުފިޔާ ކަމަށެވެ.
"އެފައިސާ އަނބުރާ ހަވާލުކުރަން ބެލިއިރު އެމީހާ އެ ސަރަހައްދުގައި ފެންނަން ނެތުމުން، ޓެކްސީ ޑްރައިވަރު ވަނީ އެ ފައިސާ ފުލުހުންނާ ހަވާލުކޮށްފައި." ފުލުހުން ވިދާޅުވިއެވެ.
މިފައިސާގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފައިސާއާ ހަވާލުވެލެއްވުމަށް ފުލުހުން އެދިލައްވައެވެ.
ޓެކްސީ ޑްރައިވަރަށް އިތުރަށް ފައިސާ ދެވުމުގެ އިތުރުން ޓެކްސީގައި އަގުބޮޑެތި މުދާ ބަހައްޓާފައި ދެވޭ ފަހަރުވެސް އާދެއެވެ. މިފަދަ ހާލަތްތަކުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.



