(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
ދެ ހަފްތާއަށް ފަހު ހީނުކުރާ ތަނަކުން ނޫރީން ފެނުމުން ނީލްއަށް ގަބޫލު ކުރަން ދަތިވިއެވެ. ނީލްގެ އަތުގެ ތެރޭގައި ނޫރީންވީ އިރުގައިވެސް މެއެވެ. ހުވަފެނެއްނޫންތޯ ޔަގީންކޮށްލުމަށް ފަޅިސިކުންތަކަށްވެސް ދުރަށް ޖެހިލައިފިނަމަ ދެން އެ ވަގުތުކޮޅު ނުލިބޭނެކަން ނީލްއަށް އެނގެއެވެ. އެއީ ހުވަފެނަކަށް ވީނަމަވެސް އެ ހުވަފެން ބެލުމުގައި އުމުރު ހުސްކޮށްލަންވެސް ނީލް ހުރީ ތައްޔާރަށެވެ.
"ދެން ދުވަހަކުވެސް އަހަރެން ދޫކޮއްލާފައި ނުދައްޗޭ" ނީލްއަށް އިހްތިޔާރުން ބޭރުގައި ބުނެލެވުނެވެ. ބުނެވުނީ ކީކޭކަން ނީލްއަށް އެނގުނީ އަނގައިން ބަސްތައް ނުކުމެގެން ދިޔަ ފަހުންނެވެ.
ނޫރީންއަށް ހުރެވުނީއެވެ. އެއީ ނީލް ބުނި އެއްޗެއް ކަމެއް ނުވަތަ ނޫރީންއަށް ހީވި ހީވުމެއްކަން ޔަގީން ނުވެފައެވެ. އެންމެ ފަހުން އެއީ ކުށްހީއެއް ކަމަށް ނޫރީން ނިންމިއެވެ. މަޑުމަޑުން ނޫރީންގެ ކޮނޑުގައި ހިފާ ނީލް ދުރުކޮއްލިއެވެ. އެއަށްފަހު ނޫރީންގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު ނީލް ބުންޏެވެ.
"ދެ ހަފްތާ ތެރޭގައި މީހާއަށް ތިވަރު ކޮއްލަން ޖެހޭތަ؟ ކޮންތާކު ތިއުޅުނީ؟" ނީލް އަހާލިއެވެ.
"އަހަރެން އުޅުނީ ހާދަ ބުރަކޮށޭ އެ ބޭސް ހަދަން، އެހެން ނޫނަސް އަހަރެން ހީކުރީ ދެން ދުވަހަކުވެސް ނީލް އަހަރެން ދެކެން ބޭނުން ނުވާނެ ކަމަށް" ނޫރީން އިސްޖަހާލިއެވެ.
"ބޭކާރު ވާހަކަ ނުދައްކާ ހިނގާ ގެއަށް." ނޫރީންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ނީލް ބުންޏެވެ.
"ކަމަކު ނޫންތަ މިގެއަށް ތިއައީ؟" ނޫރީން ހަނދާންކޮށްދިނެވެ.
"އަހަރެން ފޫހިވެގެން ކުރާނެ ކަމެއް ނެތިގެން މިގެއަށް އައީ. އޯކޭ ނު؟ މިހާރު އަހަރެން ބޭނުމެއް ނުވޭ މިގޭގައި މިވަގުތު މަޑުކުރާކަށް" ނޫރީންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ނީލް ހިނގަމުން ދިޔައެވެ.
ގެއާއި ހަމައަށް ދެވެންދެން ދެމީހުންގެ ދެމެދަށް ވެރިވެފައިވީ ހަމަހިމޭން ކަމެވެ. ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ނޫރީންގެ އަތުގައި ހިފައިގެން ހުއްޓެއް ކަމަކު ނީލް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުން ވެފައެވެ. ނޫރީންގެ ހަގީގަތް އެނގުނު ފަހުން ނޫރީންގެ ފަރާތުން އަނިޔާއެއް ވެދާނެތީ ބިރު ގަންނަނީއެވެ.
ގެއަށް ވަނުމާއި އެކު ނޫރީން ގޮސް ހާވަން ފެށީ ބަދިގެތެރެއެވެ. ބަނޑުހައި ވެފައި ހުރިވަރުން ކެވޭ ޒާތުގެ އެއްޗެއް ހުރިތޯއެވެ. ނަމަވެސް ނޫރީން ދިޔަ ފަހުން ނީލްގޭގައި ނުކައްކާތީ އެއްވެއް އެއްޗެއް ނެތެވެ. އެހެން ކަމުން ނޫރީން ގާތުގައި ފެންވަރައިގެން އައުމަށް އެދިފައި ނީލް ކާނެ އެއްޗެއް ތައްޔާރު ކޮއްލިއެވެ.
"ނޫރީން އާދޭ ކާން، އަވަސްކޮށްލަން މި ހަދާލީ ސޭންޑްވިޗެއް" ނޫރީން ފެންވަރައިން ނުކުތުމާއި އެކު ނީލް ގޮވާލިއެވެ. ނޫރީން ދުވަމުން ކަހަލަ ގޮތަކަށް އައިސް ކާމޭޒު ދޮށަށް ހުއްޓުނެވެ. ނީލްއަށް ބޭއިހްތިޔާރުގައި ނޫރީންއަށް ބަލަން އިނދެވުނެވެ. ނޫރީންގެ ރީތިކަން ފެނިފައެވެ.
"ކަމެއް ވީތަ؟ އަހަރެން ގޮތަކަށް ހުރީތަ؟" ނީލްގެ ނަޒަރު ހުއްޓިފައިވީ ނޫރީންއަށް ކަން އެނގުމުން ނޫރީން ލަދުގަންނަ ގޮތްވިއެވެ.
"ނޫން. އިށީނދެބަލަ" ނީލް ބުނެލުމާއި އެކު ނޫރީން ނީލްއާއި އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"ތި ގޮނޑީގައެއް ނޫން. އެންމެ އެކޮޅުގައި އިށީނދޭ" އެންމެ ދުރުގައި ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ނީލް ބުންޏެވެ. އިރުކޮޅަކު ނޫރީން ނީލްގެ މޫނަށް ބަލަން އިނެވެ. އިތުރަށް އެއްޗެކޭ ނުބުނެ މަޑުމަޑުން ތެދުވެގެންގޮސް ނީލް ބުނި ގޮނޑީގައި ނޫރީން އިށީނދެ ކާން ފެށިއެވެ.
"ނޫރީން. އަހަރެން ބޭނުން ވާހަކައެއް ދައްކަން. އަހަރެންގެ ބައެއް ޝަރުތުތަށް އެބަހުރި. މިފަހަރު ނޫރީންއަށް މިގޭގައި ހުރެވޭނީ އަހަރެންގެ ޝަރުތުތަކަށް އެއްބަސް ވަންޏާ." ނީލް ނޫރީންއަށް ބަލަމުން ވާހަކަ ދެއްކިއެވެ. ނޫރީން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
"އަހަރެން ކިޔާދޭނަން ނޫރީންއަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް. އެންމެ ފުރަތަމަ ކަމަކަށް އަހަރެން ފެންވަރަން ހުއްޓާ، ނިދާފައި އޮއްވާ ނޫނީ ކޮޓަރި ތަޅުލައިގެން ކޮޓަރީގައި އުޅެނިކޮށް ނޫރީން ކުއްލިއަކަށް ކޮޓަރިއަށް ވަދެގެން ނުވާނެ. އެއީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން. އަހަރެންގެ ކޮޓަރީގައި ބަހައްޓާފައި ހުންނަ އެއްޗެހި އެއީ ނޫރީން އަތްލާން ޖެހޭ އެއްޗެއްސެއް ނޫން. އަނެއް ކަމަކީ އަހަރެން ބިރުގަންނަ ކަހަލަ އެއްވެސް ވާހަކައެއް ނޫރީން ދައްކައިގެން ނުވާނެ. އަދި ނުވިތާކަށް މިގޭގައި އުޅޭހާ ދުވަހެއްގައި ގެއިން ބޭރު މީހަކަށް ނޫރީންގެ ހަގީގަތް އަންގައިގެން ނުވާނެ." ނީލް ފަހަރަކު ޝަރުތެއް ކިޔާދެމުން، ބުނެދެމުން ދިޔައެވެ.
"ދެން އަހަންނަށް މިގޭގައި ހުއްދަ، ކުރެވޭނެ އެއްވެސް ކަމެއް އޮންނާނެތަ؟" ނޫރީން ތުން ދަމާލިއެވެ.
"ނޫރީން ބޭނުން ކޮންމެ އެއްޗެއް ގޭގައި ކެއްކޭނެ. ޓީވީ ބެލޭނެ. ނޫރީން ބޭނުން ކަމެއް އޮތީތަ؟ އޮތިއްޔާ ލަސްނުކޮށް ބުނަންވީ އަވަހަށް" ނީލް އެދުނެވެ.
"ޓީވީ ބަލާ ގަޑިތަކުގައި އަހަރެންނަށް ނީލް ގައިގާ ހިފަހައްޓައިގެން ނޫނީ ބައްދާލައިން އިނދެވޭނެތަ؟" އަނގައިގައި ފުރެންދެން ކާއެއްޗެހި ހުރި ނަމަވެސް ނޫރީން ނީލްއަށް ބަލާލަމުން އެދުނެވެ. ނޫރީން ބުނި އެއްޗެއްގެ ސަބަބުން ނީލްގެ ހިތް މަޑުމަޑުން ތެޅިގަތެވެ.
"ނޫން. ނޫރީން އަހަންނާއި ގާތްވުން، އަހަރެން ގައިގަ އަތްލުން މަނާވާނެ" ނީލް އަވަސްއަރުވާލަމުން ބުންޏެވެ.
"އެއީ ކީއްވެގެން؟" ނޫރީން ދެރަވާގޮތްވިއެވެ.
"އެއީ އެހެންވެގެން" ނީލްގެ ޖަވާބުކުރެވެ.
"އެހެން ނޫނަސް އަހަންނެއް ނޫޅެން ނީލްގައިގާ ބައްދާލާ ހިތަކުން. މަ އެބަ އުޅެންތަ މޮޔަވެގެން؟" އަނގަހުސްކޮއްލާ ޖޫސްތަށި ބޮއި ނިންމާލުމައްފަހު ނޫރީން ބުނެލިއެވެ.
"ތި ބުނީ އަހަރެން ގައިގާ ބައްދައިގަންނާނީ މޮޔައެކޭތަ؟" ނީލް ދެބުމަ ގޮއްޖަހާލިއެވެ. ނީލް ދެއްކި ވާހަކައަށް ޖަވާބުދިނުމެއް ނެތި ނޫރީން ތަށިތަށް ހިފައިގެން ގޮސް ހުއްޓުނީ ސިންކު ކައިރިއަށެވެ.
"ބުނެބަލަ؟ ނޫނީ ނޫރީންއަށް ހީވަނީތަ އަހަރެން ގައިގާ ބައްދާލަން ބޭނުންވާނެ އަންހެން ކުއްޖަކު ނުހުންނާނެއޭ؟" އަނެއްކާވެސް ނީލްގެ ސުވާލަށް ނޫރީން ދިނީ ބީރު ކަންފަތެކެވެ. ނީލް ތެދުވެގެން ގޮސް ނޫރީންގެ ފަހަތުގައި ހުއްޓުނެވެ.
"ކީއްވެ އަނގައިން ނުބުނެ ތިހުރީ؟ އަހަރެންގެ ކޮން އުނިކަމެއް ހުރީ؟" ނީލް ކުޑަ ކުއްޖެއް ފަދައިން ޝަކުވާ ކުރަން ފެށިއެވެ.
ނީލް އެހާ ގާތުގައި ވުމުން ނޫރީންއަށް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ. ބައެއް ފަހަރު ހިތުގެ ތެޅުން އަވަސްވާހެން ވެސް ހީވެއެވެ. އަނެއްބައި ފަހަރު ހިތުގައި ވިންދު ޖެހުން ހުއްޓޭހެންވެސް ހީވެއެވެ.
"ނީލް ކީއްވެގެން ކުޑަ ކުއްޖެއް އުޅޭ ގޮތަށް ތިއުޅެނީ؟" އަރިމައްޗަށް ޖެހިލާ ނޫރީން ނީލްއާއި ދިމާއަށް އެނބުރިލިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހަތަރު ކަޅި ހަމަވިއެވެ. ކުޑަ ވަގުތު ކޮޅެއް އެގޮތުގައި ހޭދަވިއެވެ.
"އަހަންނަށް އެނގޭ ނީލް މިހާރު އަހަރެން ދެކެ ބިރުގަންނަ ކަން. ހިތަށްއަރާ ނީލްއަށް ވިސްނޭނެ ނަމައޭ. އަހަރެންގެ ފަރާތުން ނީލްއަށް އެއްވެސް އަނިޔާއެއް ނުލިބޭނެކަން. ކީއްކުރާނީ؟ އަހަރެން ދާނެ އެއްވެސް ތަނެއް ހުރި ނަމަ ނީލް މި ބިރުވެރިކަމުގެ ތެރޭގައި ނުބަހައްޓާނަން. އަހަންނަކީ ހަންޑިއެއް ކަން އެނގުނު ވަގުތުން ފެށިގެން ނީލް އަހަރެން ދެކެނީ ބިރުވެރި ފުރޭތައެއްގެ ގޮތުގައި ކަންނޭނގެ. އިސާހިތަކު ނޭނގި ހުއްޓާ އަހަރެން ނީލް ކާލަފާނެހެން ހީވަނީ ކަންނޭނގެ." ނޫރީން އިސްޖަހާލީ އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ނީލްއަށް ފެނިދާނެތީއެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. ނީލްއަށް އެ މަންޒަރު ފެނުނެވެ. އެ ދެލޯ ފެންކަޅިވި މަންޒަރެވެ. އެ ލޮލުން ކަރުނަތިކި ވެއްޓުނުތަނެވެ.
ނޫރީން ގޮސް އިށީނީ ސޯފާގައެވެ. ނީލްވެސް ގޮސް ސޯފާގައި އިށީނެވެ. ނޫރީންއާއި މާދުރުގައި ނޫނަސް އެހާ ގާތުގައެއް ނޫނެވެ.
"ނީލްއަށް ހަނދާންވޭތަ. އަހަރެން ބުނީމެއްނު އަހަރެންގެ މަންމަ މި ދުނިޔެއާއި ވަކިވީ ވަރަށް ބަލިވެ އުޅެފައޭ. އޭރު އަހަންނަށް މަންމަ ބަލިވާން ޖެހުނު ސަބަބެއް ނޭނގޭ. އެކަމަކު މިހާރު އެނގޭ. އާޒިމްއަށް ބޭސް ހަދަން މަސައްކަތްކުރުމުގެ ތެރޭގައި އަހަންނަށް ހުރިހާ ކަމެއްވެސް އެނގުނީ. މަންމަގެ ބައެއް އެއްޗެހި ބަލާ ހޯދުމުގެ ތެރޭގައި. އަހަންނަށް ހީވަނީ އިންސާނުންނެއް ނޫން ކަންނޭނގެ ހަންޑިންދެކެ ބިރުގަންނަންވީ. އަހަރުމެން ހަންޑިން ކަންނޭނގެ އިންސާނުން ދެކެ ބިރު ގަންނަންވީ" ނޫރީން ވޭނުން ފުރިގެންވާ އަޑަކުން ވާހަކަ ދައްކަން ފެށިއެވެ.
"ނޫރީން މަންމައަށް ކިހިނެއްވީ؟" ނީލްއަށް އަހާލެވުނެވެ.
"އަހަރެން ހީކުރީ އަހަރެން އެކަނި ކަމަށް އިންސާނެއް ހޯދަން މޮޔަވީ. އެކަމަކު ކަންތައްވީ އެހެނެއް ނޫން. އަހަރެންގެ މަންމައަށް ލޯބިވެވުނީ އިންސާނެއްދެކެ. ހިތަކީ ބާރު ފޯރުވޭ އެއްޗެއް ނޫނެއްނު. އެހެންވެ އެލޯބި ހޯދަން މަންމަ މަސައްކަތްކުރީ. މަންމައަކީ ހަންޑިއެއް ކަން އެމީހާއަށް ނޭނގި އެމީހާ މަންމައާއި ކައިވެނި ކުރީ. މަންމައަށް މަންމަގެ ހަގީގަތްވެސް ހާމަކުރަން ނުކެރުނީ. އެމީހާ ބިރުން ފިލާފާނެތީ. އެކަމަކު އެންމެ ފަހުން ކަންތައްވީ އެ ގޮތަށް. މަންމަގެ ހަގީގަތް އެމީހާއަށް އެނގުނީ. ހަގީގަތް އެނގުނު އިރުގައި މަންމަ އިނީ އަހަންނަށް ބަލިވެ. އެމީހާއާއި އެމީހާގެ އާއިލާ، މަންމަގެ ފަރާތުން ސަލާމަތްވުމަށް ފަންޑިތަވެސް ހަދަންފެށީ. އެއްވެސް ގޮތެއް ނެތި މަންމަ އެ ރަށުން ފައިބައިގެން މިރަށަށް އައީ. މިދުނިޔެއަށް އަހަރެން ގެނައުމުގެ ތެރޭގައި މަންމަ ކުރިއަށް ވުރެ ބަލިވީ. އެވަރުންވެސް މަންމަ އަހަރެން ގެންދިޔަ ކަމަށްވޭ އެމީހާއަށް ދައްކާލަން. އެމީހާގެ ދަރިއަކަށް އަހަރެންވީތީ. އެކަމަކު އެމީހާ އަހަރެން ދެކެންވެސް ބޭނުމެއް ނުއެއްވި. ރަހުމު ކުޑަކޮށް މަންމަނެރެ ބޭރުކޮއްލީ އަނެއްފަހަރު. ދެން އެމީހުން ހެދި ފަންޑިތައިގަ މަންމައަށް ނުހިނގުނީ. މަންމަގެ ކޮން ކުށެއް އޮތީ؟ މަންމަ މީހަކަށް ދިނީ ކޮން ގެއްލުމެއް؟ މަރުދުވަހާއި ޖެހެންދެންވެސް މަންމަ އެމީހާ މަތިން ހަނދާންކުރި. ކީއްވެ." ނޫރީންއަށް ރޮވެން ފެށުނެވެ.
ނީލްއަށް ބުނާނެ އެއްޗެއްވެސް ނުއެއް އެނގުނެވެ. ހަދަންވީ ގޮތެއްވެސް ނޭނގުނެވެ. މަޑުމަޑުން ތެދުވެ ނޫރީން ގާތަށް ޖެހިލިއެވެ. ޖެހިލުންވެ އިނދެ ނޫރީންގެ އަތުގައި ހިފާލިއެވެ. އެ މަޑުމަޑު އަތްތިލަ ނީލްގެ އަތްލިގެ ތެރެއަށް ލުމައްފަހު ފޮރުވާލިއެވެ. އަނެއް އަތުން ނޫރީންގެ ލޮލުން ފައިބަމުން ދިޔަކަރުނަތަށް ފޮހެލަދިނެވެ. އަދި ބޯ ދެއަތަށް މަޑުމަޑުން ހޫރުވާލިއެވެ. ނުރޯށޭ ބުނާ ފަދައިންނެވެ. ދެންވެސް ނޫރީންއަށް ހުއްޓައެއް ނުލެވުނެވެ.
"ހުއްޓާލަބަލަ. ނޫނީ އަހަންނަށްވެސް ރޮވިދާނެ" ނީލް އެހެން ބުނެލުމުން ނޫރީންއަށް ހީލެވުނެވެ.
ނީލްގެ ސަބަބުން ނޫރީން ހިނިތުންވެލިއެވެ. ނީލް އެހެން މީހުންނާއި ތަފާތުކަމަށް ނޫރީންއަށް ގަބޫލުކުރެވުނެވެ. ކުރިން ދެމީހުންގެ ދޭތެރޭގައި ވި ހުސްޖާގަ މިހާރަކު ނެތެވެ. ދެމީހުން ތިބީ އެކަކު އަނެކަކުގެ ގައިގާ ޖެހި ފިތިގެންނެވެ. ސިއްސައިގެން ގޮސް ދެމީހުންނަށް ދުރަށް ޖެހިލެވުނީ ސިޓިންގ ރޫމްގެ ދޮރު ހުޅުވުނު އަޑެށެވެ.
"ސަރޕރައިޒް" ދޮރު ހުޅުވާލަމުން ދުވެފައި އެތެރެއަށް ވަންނަމުން އެ އަންހެން ކުއްޖާ ހަޅޭއްލަވައިގަތެވެ. އެ އަންހެން ކުއްޖާގެ ފަހަތުން ދަބަހަކާއި ފޮއްޓެއް ހިފައިން ޒުވާން ފިރިހެން ސޮރެއްވެސް އެތެރެއަށް ވަނެވެ.
ނޫރީންއާއި ނީލްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުންގެ މޫނުމަތިން ހިނިތުންވުން އެއްފަހަރަކާ ގެއްލުނުފަދައެވެ. އެ އަންހެން ކުއްޖާ ދުވެފައި އައިސް ނީލްގެ ގައިގާ އޮޅުލައިގަތެވެ. ނީލްވެސް ދެ އަތް ނަގައި އެ އަންހެން ކުއްޖާ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ނަމަވެސް ނަޒަރު ހުއްޓިފައި ހުރީ ނޫރީންއަށެވެ. ނޫރީން އަނެއްފަރާތަށް މޫނު އަނބުރާލީ އެ މަންޒަރު ބަލަން ހުންނަން ބޭނުން ނުވާތީއެވެ. ސަބަބެއް ނެތް ނަމަވެސް ނޫރީން ދެރަވިއެވެ. ހިތަށް ފިނިފެންއެއްޗެއް އެޅި ލޭހިނގުން ހުއްޓުނު ފަދައެވެ.
ނުނިމޭ
2 Responses
Eanhen kuhjaku kaaku vr romantic mi bai
Varah salhi?