ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިލަށް ގެނެސް ފަރުވާދޭން ފަށާފައިވާއިރު، އައިޖީއެމް ހޮސްޕިޓަލަށް އެއްވި ސަޕޯޓަރުންތަކެއް ރާއްޖޭ ޓީވީގެ ނޫސްވެރިންނަށް ފުރައްސާރަކުރާ ވީޑިއާއެއް ޢާއްމުކޮށްފިއެވެ.
ރާއްޖެޓީވީގެ ނޫސްވެރިޔަކު މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ، މިއަދު ހަވީރު އައިޖީއެމް ހޮސްޕިޓަލްތެރެ ހަލަބޮލިވެގެން އައި ވަގުތު އެ މަންޒަރުތައް ބެލުންތެރިންނަށް ގެނެސްދިނުމަށް ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ނޫސްވެރިންނާއި، ކެމެރާތަކަށް ޔާމީންގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ހުރަސް އަޅާ މަންޒަރެވެ.
ބައެއް ފަރާތްތަކުން އެ ޓީވީ ސްޓޭޝަނުގެ ކެމެރާގެ ލެންސްގައި އަތް އަޅައި މަންޒަރުތައް ގެނެސްދިނުމަށް ހުރަސް އަޅާފައިވާއިރު، އަނެއްބައި ފަރާތްތަކުން އެ ސްޓޭޝަނުގެ ނޫސްވެރިން ފަހަތަށް ޖައްސައި އެވަގުތު އެތަނުގައި ހިނގާ ދިޔަ ކަންތައްތައް ކަވަރ ކުރުމަށް ހުރަސް އަޅާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ހުރަސްއަޅާ މަންޒަރު - ފޮޓޯ: ސްކްރީން ފޮޓޯ
ރާއްޖެ ޓީވީގެ ނިއުސް ޓީމަށް ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުން ހުރަސް އެޅިއިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަރަށް ހަޑި ހުތުރު އިބާރާތްތަކުން ނޫސްވެރިންނާ މުހާތަބުކޮށް އައުގުރާނަ ގޮވާފައިވެއެވެ.
ނަަމަވެސް، ބައެއް ސަޕޯޓަރުން ދަށު ދަރަޖައިގެ މި އަމަލުތައް ހުއްޓުވަން މަސައްކަތް ކޮށްފައިވާއިރު، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރުވެސް އެ ފުރައްސާރަތައް ހުއްޓުވަން މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ހުރަސްއަޅާ މަންޒަރު - ފޮޓޯ: ސްކްރީން ފޮޓޯ
ސިޔާސީ އެއްވުންތަކާއި، ތަފާތު ހަރަކާތްތަކުގައި ބައެއް މީޑިއާތައް ތަފާތުކޮށް ހުރަސް އެޅުމަކީ މަދުން ނަމަވެސް ރާއްޖެއިން ފެންނަ ކަމެކެވެ. ނަމަވެސް އެކަމަކީ ޑިމޮކްރަޓިކް މުޖުތަމައަކުން އެއްގޮތަކަށްވެސް ފެނިގެންވާނެ ކަންކަމެއް ނޫނެވެ.