މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކުރިމަގާ މެދު އެޕާޓީގެ ޢާއްމު މެންބަރުން ސުވާލުއުފައްދައިފިއެވެ.
ޖުމްހޫރީ ޕާޓީގައި ހަރަކާތްތެރިކޮށް ފެނުނު މަޝްހޫރު އެކްޓަރ ސްޓެޕް އައްޔަ، ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދާފައިވަނީ، ޕާޓީގެ ކުރިމަގާއި ޕާޓީގެ ޕްލޭނާ މެދުގައެވެ.
"ކޮބައިތޯ އެމްޓީޑީގެ ކުރިމަގަކީ؟ ޕްލޭން ތަކަކީ ކޮބައިތޯ؟ ޢާއްމު މެންބަރުން ސޮއި ކޮށްފައި މިހެން ތިބެންވީތޯ؟" އެމްޓީޑީގެ ރަސްމީ ޓްވިޓަރ އަދި އެމްޓީޑީގެ ރައީސް އަޙްމަދު އަދީބުގެ އިތުރުން އެމްޓީޑީގެ ނައިބު ރައީސް ޔާމީން ރަޝީދު ޓެގްކުރައްވައި ސްޓެޕް އައްޔަ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.
ޕާޓީގެ ކުރިމަގާ މެދުގައި ސްޓެޕް އައްޔަ ސުވާލު އުފެއްދުމުން އެމްޓީޑީގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވީ، ޕާޓީގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށެވެ. އަދި މާޔޫސްނުވެ، އަޒުމް ވަރުގަދަކޮށް، ހިތްވަރު ގަދަކޮށްގެން ތިއްބެވުމަށް އޭނާ ވަނީ އެދިލައްވާފައެވެ.
Kurimagu othee iraadha kureviyya varah ujaalaakoh. Mooyoosve nulavvaa, azum varugadhakoh, hiyvaru gadhakohgen thibbava.
— Yamin Rasheed (@YaminRasheed) September 5, 2019
ޕާޓީގެ ކުރިމަތި އުޖާލާކޮށް އޮތްކަމަށް ޔާމީން ރަޝީދު ވިދާޅުވުމުން، ސްޓެޕް އައްޔަ އަނެއްކާވެސް ވަނީ ޕްލޭންތަކާ މެދުގައި ސުވާލު އުފައްދާފައެވެ.
"ކައުންސިލް އިންތިޚާބަށް އޮތް ޕްލޭނަކީ ކޮބައިތޯ؟ ޕާޓީއަށް މީހުން އިތުރު ނުވަނީސް ޕާޓީއަށް ވަދެފައިތިބި ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވާއިރު އަޅާ ފިޔަވަޅަކީ ކޮބައިތޯ؟" ސްޓެޕް އައްޔަ ބުނެފައިވެއެވެ.
އިތުރަށް ސްޓެޕް އައްޔަ ސުވާލު އުފައްދައި ބުނެފައިވަނީ، "ސައިލެންޓްގައި އޮވެގެން ކުރިމަގު އުޖާލާވޭތޯ؟" އެވެ.
އަދީބު އިސްވެ ހުންނަވާ އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީ މިވަގުތު ފެންނަނީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގާ ޕާޓީއެއްގެ ގޮތުގައެވެ.



