ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނައިބު ރައީސް ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ޔާމީން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ މިރޭ މ.ކުނޫޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޕާޓީއަށް ސޮއިކުރެއްވުމަށްފަހު މެމްބަރޝިޕް ފޯމު ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އަށް ވަނީ އަރުވާފައެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ޕީޕީއެމްގައި ހުންނެވި ޔާމީން ރަޝީދު އެމްޓީޑީއަށް ސޮއި ކުރައްވާފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެމްޓީޑީއަށް ސޮއި ކުރައްވާފައި ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ މުސްތަޤްބަލް އޮތީ އެމްޓީޑީއާ އެކުގައި ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.
ޔާމީން ރަޝީދުގެ އިތުރުން އެހެން ބައެއް ފަރާތްތަކުންވެސް މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވެއެވެ. އަދި ޕީޕީއެމްގެ އިސް ފަރާތްތަކެއްވެސް ދާދި ފަހުން ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.




