ހިތުގެ އެދުން (14)

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

ސަރޕްރައިޒް" ދޮރު ހުޅުވާލަމުން ދުވެފައި އެތެރެއަށް ވަންނަމުން އެ އަންހެން ކުއްޖާ ހަޅޭއްލަވައިގަތެވެ. އެ އަންހެން ކުއްޖާގެ ފަހަތުން ދަބަހަކާއި ފޮއްޓެއް ހިފައިން ޒުވާން ފިރިހެން ސޮރެއްވެސް އެތެރެއަށް ވަނެވެ.

ނޫރީންއާއި ނީލްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުންގެ މޫނުމަތިން ހިނިތުންވުން އެއްފަހަރަކާ ގެއްލުނުފަދައެވެ. އެ އަންހެން ކުއްޖާ ދުވެފައި އައިސް ނީލްގެ ގައިގާ އޮޅުލައިގަތެވެ. ނީލްވެސް ދެ އަތް ނަގައި އެ އަންހެން ކުއްޖާ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ނަމަވެސް ނަޒަރު ހުއްޓިފައި ހުރީ ނޫރީންއަށެވެ. ނޫރީން އަނެއްފަރާތަށް މޫނު އަނބުރާލީ އެ މަންޒަރު ބަލަން ހުންނަން ބޭނުން ނުވާތީއެވެ. ސަބަބެއް ނެތް ނަމަވެސް ނޫރީން ދެރަވިއެވެ. ހިތަށް ފިނިފެންއެއްޗެއް އެޅި ލޭހިނގުން ހުއްޓުނު ފަދައެވެ.

"ސަވާ. ނުވެސްބުނެ." ނީލް މަޑުމަޑުން ސަވާ ގަޔާއި ދުރަށް ޖައްސާލަމުން ބުންޏެވެ.

"އާނ. އަހަރެން ބޭނުންވީ ކުއްލިއަކަށް އައިސް ވަދެ ނީލް ހައިރާންކޮށްލަން." ނީލްގެ އަތުގައި ހިފަހައްޓާލަމުން ސަވާ ވާހަކަ ދެއްކިއެވެ. ނީލްއަށް ބަލާލެވުނީ ނޫރީންއަށެވެ. ނޫރީން ހުރީ ވާނުވާ ނޭނގިފައެވެ.

"އާނ ދެން އިންސާނަކު ހައިރާންވާނީ މިހާކަށް ހާވަރަށް. ސަވާ މީ ނޫރީން. ނޫރީން މިއީ އަހަރެން އެންމެ ކުޑައިރުއްސުރެވެސް އެކުވެރި ސަވާ. ދެން އެހެރީ ސަވާގެ ދޮންބެ މާއިޒް. އަހަރެން މިރަށަށް ބަދަލުވިއިރިގައި ސަވާމެންވެސް ބަދަލުވި. އެކަމަކު ސަވާ ކިޔަވަންވެގެން ބޭރަށް ދިޔައިރު މާއިޒްވެސް ދިޔައީ" ނީލް ނޫރީންއަށް ދެމީހުން ތައާރަފްކޮށްދިނެވެ.

"ނޫރީން އެއީ އަނެއްކާ ނީލްގެ އަންހެނުންތަ؟ އަހަންނަށް ނާންގާ ނީލް އަނެއްކާ ކައިވެނި ކުރީތަ؟" ސަވާ ނީލްގެ އަތުން ދޫކޮއްލަމުން ނޫރީންއާއި ދިމާއަށް ހިނގައިގަތެވެ.

"ސަވާ ދައްކާ ވާހަކަ. އަހަންނެއް މީހަކާ ނީންނަމޭ. ނޫރީންއެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ކަމެއް ދިމާވެގެން އަހަންނާއި އެކުގައި މިގޭގައި ހުންނަނީ." ނީލް އަވަހަށް ބުނެލިއެވެ. ނީލް އެހެން ބުނެލުމާއި އެކު ސަވާ އެނބުރިލާފައި އަނބުރާ ނީލްގާތަށް ޖެހިލިއެވެ.

"އެހެން ވެއްޖިއްޔާ އެންމެ ރަނގަޅު. ނީލްގެ ރައްޓެހިންނަކީ އަހަރެންގެވެސް ރައްޓެހިން. އަހަންނާއި ނޫރީންއާއި ދޭތެރޭ އެއްވެސް މައްސަލައެއް ޖެހޭނެ ހިއެއް ނުވޭ. ނޫރީން ބުނަން. ނީލްއަކީ ފެށުނީއްސުރެވެސް އަހަރެންގެ މީހެއް. އެއީ އަހަރެންގެ ހައްގެއް. އަހަރެންގެ ހައްގަށް މީހަކު އަރައިގަންނަން މަސައްކަތް ނުކުރާހާ ހިނދަކު އަހަރެންގެ މައްސަލެއް ނެތް." ސަވާ ނޫރީންއަށް ވައްކަޅިން ބަލާލަމުން ބުނެލިއެވެ.

"އެއްކަލަ މޮޔަ ސަވާ. ދެން ކޮންތާކު ހުންނަނީ؟ ކިހާ ދުވަހަކަށް ތިއައީ؟" ނީލް ސަވާއާއި އެކު ސޯފާގައި އިށީނެވެ. ނޫރީން މަޑުމަޑުން ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. ނޫރީންގެ ބޮލުގެ ތެރޭގައި ވަނީ ނީލްއަކީ ސަވާގެ މީހެކޭ ބުނި ބުނުމެވެ. ތަކުރާރުކޮށް އެބަސްތަށް އިވޭ ފަދައެވެ. އަނެއްކޮޅުން ނީލް ސަވާ އެގޭގައި ހުރުމަށް ހުއްދަދިނެވެ. މާއިޒްއާއި އެކުގައެވެ. ނޫރީންއާއި ސަވާ އެއް ކޮޓަރިއެއްގައި ތިބޭ ގޮތަށެވެ. ނީލްއާއި މާއިޒް އެކުގައި އެއްކޮޓަރި ބޭނުން ކުރާ ގޮތަށެވެ. އެއީ ސަވާ އެހެން ތަނަކަށް ދާން އެއްބަސް ނުވުމުންނެވެ.

ކުއްލިއަކަށް ސަވާ ނީލްގެ ހަޔާތަށް އެނބުރި އައުމުން ދެން ކަންތައްވާނެ ގޮތެއް ހުދު ނީލްއަކަށްވެސް ނޭނގެއެވެ. ސަވާއަކީ ފެށުނީއްސުރެވެސް ނީލްއަށް ހިތްކިޔައިގެން އުޅޭ މަންޖެއެކެވެ. ކިޔަވައިގެން އައުމަށްފަހު ނީލްގެ އަންބަކަށް ވާނީ ސަވާކަމަށް ސަވާ ގަބޫލު ކުރެއެވެ. އެހެން ކަމުން ނީލްއާއި އެހެން އަންހެން ކުއްޖަކު ގާތްވުމަކަށް ސަވާ ދުވަހަކުވެސް ނޭދެއެވެ.

**

ހުއްޓުމެއް ނެތް ގޮތުގައި ވަގުތު ހިނގަމުން ދިޔައެވެ. ސަވާމެން އެގެއަށް އައިފަހުން ދެދުވަސް ވީއެވެ. ނީލް ނޫރީންއާއި އެއްކޮށް ހޭދަކުރާ ވަގުތު މަދުވަމުން ދިޔައެވެ. އެއީ ނީލް ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް ސަވާ ނީލްގެ ފަހަތުން ހުރިހާ ތަނަކަށް ދާތީ ނޫރީންއާއި އެކު ވަގުތުކޮޅެއް ހޭދަކޮއްލަން ނީލްއަށް ވަނީ ދަތިވެފައެވެ. އަނެއްކޮޅުން ސަވާގެ ދޮންބެ މާއިޒް ދަނީ ހުއްޓުމެއް ނެތި ނޫރީންއާއި ވާހަކަ ދައްކާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މާއިޒްއަކީ އިސްކޮޅުން ދިގު، ފިރިހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. މާއިޒްއަކީ "ފިޓްނަސް އިންސްޓްރަކްޓަރ" އެކެވެ. ޖިމްނާސްޓިކްގައި ގައުމީ ފެންވަރުގައި ފާހަގަ ކޮއްލެވޭ ޝަހްސިއްޔަތެކެވެ. ފުޓްބޯޅަ ކުޅެހެދުމަކީވެސް މާއިޒްކޮށް އުޅޭ ކަމެކެވެ. އެއްގޮތަކުން ބުނަންޏާ މާއިޒްއަކީ ނޫރީން ބޭނުންވި ކަހަލަ ހުރިހާ ސިފަތަކެއް ހުރި ޒުވާނެކެވެ. ނޫރީންގެ ހިތުގައި މާއިޒްއަށް ހާއްސަ ޖާގައެއް އަދި ނެތްކަމުގައި ވިޔަސް އެ ޖާގަ ވަރަށް އަވަހަށް ލިބޭނެ ކަމަށް މާއިޒް ގަބޫލު ކުރެއެވެ.

ނީލްގެ ގަމީސްތައް އިސްތިރިކޮށްގެން ނޫރީން ދިޔައީ ނީލްމެންގެ ކޮޓަރި އަލަމާރީގައި އަޅުވާށެވެ. ދޮރުގައި ހިފާލިއިރު ތަޅުނުލާ ހުރުމުން އެތެރެއަށް ވަނެވެ. ނުވަދެވުނު ނަމައޭ އެވަގުތު ނޫރީންގެ ހިތަށް އެރިއެވެ.

އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން ނީލްގެ ފައިމައްޗަށް ބޯއަޅައިގެން އޮތް ސަވާ ފެނުމުން ނޫރީން ހުއްޓުން އެރިއެވެ. ސަވާ ނޫރީންއަށް ބަލާލަމުން ހިނިތުންވެލަމުން އަންނާށޭ ބުނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ނޫރީންއަށް ބަލާލަމުން ނީލް ދެކޮޅަށް މަޑުމަޑުން ބޯ ހޫރުވާލީ ސަވާއާއި ނީލްއާއި ދެމެދު އެއްވެސް ކަމެއް ނުވާކަމަށް ބުނުމަށެވެ.

"ދެން ފަހަރަކު ވަންނަމުން ޓަކި ޖަހާލައްޗޭ އިނގޭ." ސަވާ ނޫރީންއަށް ބަލާލަމުން ބުންޏެވެ.

މަޑުމަޑުން "ހޫމް" އެއް ލައްވާލަމުން ވަދެ ގަމީސްތަށް އަޅުވާދިނުމަށްފަހު ނޫރީން ނުކުތީއެވެ. އިތުރަށް އެ ކޮޓަރީގައި ހުންނަން ބޭނުން ނުވީއެވެ.

"ހާދަ ފާޑަކަށް" ބިންމަތީގައި ފިނިފެންމާ ގަހެއް އިންދަން މަސައްކަތް ކުރަމުން ދިޔަ މާއިޒް އަހާލީ ނޫރީން އިސްޖަހާލައިގެން ނުކުމެ ގޯތިތެރޭގައި ހުރި އުނދޯލީގައި އިށީންތަން ފެނުމުންނެވެ.

"ނޫން. މާއިޒް ކީއްކުރަނީތި" ނޫރީން އަހާލިއެވެ.

"އަހަރެން ވަރަށް ގަސް ހައްދާ ހިތްވޭ. އެކަމަކު ދުވަހަކުވެސް އަހަންނަށް ފިނިފެންމާ ގަހެއް ހެއްދޭގޮތެއް ނުވޭ. އެތާ އެކޮޅުގައި ހުރި ގެއަކުން މާ ރީތި ފިނިފެންމާގަހެއް ފެނިގެން އެގޭ ދައްތަ ކައިރީ ކުރިއެއް ދޭށޭ ބުނީމަ އަހަންނަށް ދިނީ ކުޑަ ފިނިފެންމާ ގަހެއް. އެހެންވެ އޭތި އިންދާލެވޭތޯ މިއުޅެނީ" މާއިޒް ހިނިތުންވެލިއެވެ.

"އަހަރެން އެހީ ވަންތަ؟ އަހަރެންވެސް ވަރަށް ގަސް ހައްދާ ހިތްވޭ" ނޫރީން އުނދޯލިން ތެދުވެގެން އައިސް މާއިޒް ގާތުގައި ބިންމަތީގައި އިށީނެވެ. އެއްވާހަކައިން އަނެއްވާހަކައެއް ފެށެމުން ގޮސް ދެމީހުން އެގޮތުގައި ވާހަކަ ދައްކަން ނިކަން ގިނައިރު ތިއްބެވެ. ހިޔާލު އެއްގޮތް ދެމީހުން ޖެހިއްޖެ ނަމަ ވާހަކަ ހުސްނުވާނެ ނޫން ހެއްޔެވެ؟ މާއިޒްއަކީ ނޫރީންއެކޭ އެއްގޮތަށް ވިއްސާރަ މޫސުމަށް ލޯބިކުރާ ޒުވާނެކެވެ. ގަސްހެއްދުމާއި އަތިރިމަތީގައި ވަގުތު ހޭދަކުރުމަށް ލޯބި ކުރެއެވެ. ތަރިތަށް ބެލުމަށް ފޯރި ހުރެއެވެ. ނޫރީންއަށް މުޅިން އައު އެކުވެރިއެއް ލިބުނު ފަދައެވެ.

ނީލް ސަވާ ކައިރިން ސަލާމަތްވެގެން ދިޔައީ ނޫރީން ގާތަށެވެ. ނޫރީންއާއި ވާހަކަ ނުދެއްކޭތީ ނޫރީން ދެރަވާނެކަން އެނގޭތީއެވެ. ނަމަވެސް ނީލްއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ނޫރީންއާއި މާއިޒް އެކުގައި ބަދިގޭގައި މަސައްކަތް ކުރާ މަންޒަރު ފެނުމުންނެވެ. ދުރުގައި މަޑުމަޑުން ހުންނަން މަސައްކަތް ކުރި ނަމަވެސް ނީލްއަށް މާ ގިނަ ވަގުތަކު އެހެން ނުއެއް ހުރެވުނެވެ. ފުއްމޮޑެން އުޅުނު ނޫރީންގެ މޫނުމަތީގައި ހޭކިފައި ހުރި ފުއްކޮޅު ފުހެލަން ގާތްވި މާއިޒްއަށް ދުރަށް ޖެހިލަން އުނދަގޫވިއެވެ. ނޫރީންގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅުވެސް ދުރައްޖައްސާލަދިނެވެ.

"ނޫރީން. އިހަށް މިކޮޅަށް އައިސްދީބަ" ނީލް އަޑުގެ ކޮޅަށް ގޮވައިގަތީ މާއިޒްގެ މޫނު ނޫރީންގެ މޫނާ މާ ބޮޑަށް ގާތްވާން ފެށުމުންނެވެ. ސިއްސައިގެން ގޮސް މާއިޒްއަށްވެސް ޖެހިލެވުނީ ދުރަށެވެ.

"ނީލް އިރުކޮޅަކުން ދަންތަ؟ މި ފުއްކޮޅު މޮޑެލާފަ" ނޫރީން ކޮޓަރިން ބޭރަށް ބޯ ދިއްކޮށްގެން ހުރި ނީލްއަށް ބަލާލަމުން ބުންޏެވެ.

"ތި ބަހައްޓާފައި ނިކަން އާދެބަލަ" ނީލް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. ނޫރީންވެސް ފުށްއެތިން އަތް ނަގައިގެން ދުވަމުން ކަހަލަ ގޮތަކަށް އައިސް ނީލްގެ ކޮޓަރިއަށް ވަނެވެ.

"ކިހިނެއްވީ؟ ކަމަކުތަ؟" ނޫރީން ހުރީ ކުޑަކޮށް ހާސްވާ ގޮތްވެފައެވެ.

"ކަމެއް ނުވަންޏާ އަހަންނަށް ނޫރީންއަށް ގޮވާވެސް ނުލެވޭތަ މިހާރު" ނީލް އެއްބުމަ މައްޗަށް އަރުވާލަމުން ސުވާލުގެ ބަދަލުގައި ސުވާލެއް ކޮށްލިއެވެ.

"ނޫން އެހެނެއް ނޫން. ނީލް މިދުވަސްކޮޅު މާ ބިޒީކޮށް އުޅޭތީ" ނޫރީން އިސްޖަހާލިއެވެ.

"ނޫރީން. އަޑުއަހާބަލަ. އަހަންނާއި ސަވާއަކީ ހަމައެކަނި ރަހުމަތްތެރިން. އަހަރުމެން ދެމީހުން ދޭތެރޭގައި އެކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ." ނީލް ބޭނުންވީ ނޫރީންއަށް ކިޔާދޭށެވެ.

"ނީލް ހުއްޓާލާ. ނީލް ނުޖެހޭނެ އަހަންނަށް ތި ހުރިހާ ވާހަކައެއް ކިޔާދޭކަށް. ނީލްގެ ދިރިއުޅުމުގައި ވާ ކޮންމެ ކަމެއް އަހަންނަށް އެނގޭކަށް ނުޖެހޭ. އެ ހައްގެއް އަހަންނަށް ލިބިގެނެއް ނުވޭ. ނީލް ބޭނުން ކޮންމެ މީހަކާ އެކު އުޅުނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް" ހިތުގައި އަޅަމުންދާ ވޭން ފޮރުވަމުން ނޫރީން ހިނިތުންވެލިއެވެ.

"މޮޔަ ވާހަކަ ނުދައްކަބަލަ. އަހަރެން ނޫރީންއާއި އެއްކޮށް ހުންނަންވެގެން ސަވާ އިހްސާންމެން ގެއަށް މިރޭ ދާން ބުނީމަވެސް އެއްބަސް ނުވީ." ނީލް ނޫރީންގެ އަތުގައި ހިފަހައްޓާލިއެވެ.

"ނީލް މިރޭ ނުދިޔަޔަސް އަހަރެން މިރޭ ގޭގައި ނުހުންނާނެ. މާއިޒް ބުނެގެން އަހަރެން މާއިޒްއާއި އެކުގައި އިހްސާންމެން ގެއަށް ދާން އެއްބަސް ވެއްޖައިން. އެހެންވީމަ އަހަންނަކަށް ނުފެނޭ ނީލް އަހަންނާއި ހުރެ، ނޫނީ އަހަންނަށްޓަކައޭ ކިޔާފައި ގޭގައި ހުންނާކަށް" ނޫރީން މަޑުމަޑުން ނީލްގެ އަތުގެ ތެރެއިން އަމިއްލަ އަތް ދަމައިގަތެވެ.

"ކީ.. ކީކޭ؟ މާއިޒްއާއި އެކުގައޭ؟ އަހަރެން ކައިރީ ނޫރީން އަހާލަންވެސް ހިތަކަށް ނޭރިތަ؟" ނީލް ބޮޑަށް ހިތްހަމަ ނުޖެހުނީ ނީލް ނޫން އެހެން ފިރިހެނަކާއި އެކުގައި ނޫރީން ބޭރަށް ދާން ނިންމީމައެވެ.

"އަހަންނަކަށް ނޭނގޭ އަހަރެން ކުރާ ކޮންމެ ކަމަކަށް ނީލްގެ ހުއްދަ ހޯދަން ޖެހޭކަމެއް. ނީލްއަށް ފުރިހަމަ މިނިވަންކަން އޮތް ފަދައިން އަހަންނަށްވެސް އެ މިނިވަންކަން އޮންނާނެ އެއްނޫންތަ؟" ނޫރީން ނީލްއަށް ފަސްދީ ހިނގައިގަންނަން އެނބުރުނެވެ. ނަމަވެސް ނީލް މާ ހުޝިޔާރެވެ. ނޫރީންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

"ނީލް ތީ ކޮން ކަމެއް. މާއިޒްއަށް ފެނިދާނެ. ސަވާވެސް އައިސްދާނެ" ނޫރީން ތެޅިގަތެވެ.

"ނޫރީން ހީކުރަނީ އަހަރެން އެމީހުންދެކެ ބިރުގަންނަނީ ކަމަށްތަ؟ ނޫން. އެހެން ނޫނަސް އަހަރެން އެއްބަހެއް ނޫން ނޫރީން މާއިޒްއާއި އެކުގައި ދާކަށް" ނީލް އޭނާގެ ހިތުގައި އޮތް ގޮތަށް ބުނެލިއެވެ.

"އެއީ ކީއްވެގެން؟" ނޫރީން އަހާލިއެވެ.

"އެއީ ކީއްވެގެން ކަމެއް ނޫރީންއަށް ނޭނގޭތަ؟" މަޑުމަޑުން ނީލް ނޫރީންއާއި ގާތްވެލިއެވެ. ނީލްގެ ހޫނު ނޭވާތަށް ނޫރީންއަށް އިހްސާސް ކުރެވޭހާ ގާތުގައެވެ.

"ކީއް..ކީއްވެގެން؟ ނޭނގޭ" މޫނު އަރިއަކަށް އަނބުރާލަމުން ނޫރީން އަހާލިއެވެ.

ނޫރީންގެ ހިތް މޭގެ ތެރޭގައި އޮވެގެން ނަށަން ފެށިއެވެ. ތަނެއް ދޮރެއް ބެލުމެއް ނެތިއެވެ.

"ނީލް.." ދެމީހުންނަށް ސިއްސައިގެން ގޮސް ދުރަށް ޖެހިލެވުނީ ސަވާ ނީލްއަށް ނިކަން ބާރަށް ގޮވާލި އަޑަށެވެ. ނީލް އަމިއްލަ މޫނުގައި އަތްކާތާލަމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ނޫރީން ބަހައްޓާފައެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ