އިންޑިއާ އިން ހަނދަށް ދާން ކުރި މަސައްކަތް ފެނަށް!

އަވަށްޓެރި އިންޑިއާއިން ހަނދަށް ދިއުމަށް "ޗަންދްރަޔާން 2″ ގައި ފެށި ދަތުރު ހިތްދަތި ގޮތަކަށް ނާކާމިޔާބު ވެއްޖެއެވެ.

އިންޑިއާއިން ހަނދަށް ދިއުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނީ، "ޗަންދްރަޔާން 2" ހަނދުގައި ޖައްސަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އުޅަނދާއި ގުޅުން ކެނޑިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާއިން ހަނދަށް ފޮނުވާލި އެ ޤައުމުގައި އުފައްދާފައިވާ ޖައްވީ އުޅަނދު، "ޗަންދްރަޔާން-2" އާއި މުއާސަލާތީ ގުޅުން ކެނޑިފައިވަނީ ހަނދުގެ 2.1 ކިލޯމީޓަރު މަތީގައި ވަނިކޮށެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، އުޅަނދު ކްރޭޝްވި ކަން ޔަގީން ކުރެވިފައި ނުވާކަމަށާއި، ޑޭޓާ ތައް އެއްކޮށް މިހާރު ވާނުވާ ބަލަމުން އަންނަ ކަމަށެވެ.

މި އުޅަނދު އުދުއްސާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މެންދުރުފަހު އިންޑިޔާ ގަޑިން 14:43 ގައި ސްރިހަރިކޮޓާ ސްޕޭސް ސްޓޭޝަނުންނެވެ. އުޅަނދު ހަނދަށް ޖެއްސުމާ ގުޅޭގޮތުން، މިރޭ އިސްރޯ އިން ބެންގަލޫރުގައި ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

އިންޑިއާއިން އުދުއްސާލި "ޗަންދްރަޔާން 2" އިން ހާސިލް ކުރަން ބޭނުންވި އެއް ނަތީޖާ އަކީ، ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަކަށް އިންޑިއާ ވެގެން ދިއުމެވެ.

މިއީ އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާ ދެވަނަ މިޝަން އެވެ. ފުރަތަމަ މިޝަންގައި 2008 ވަނަ އަހަރު ފޮނުވި “ޗަންދްރަޔާން1” ހަނދަށް ޖައްސާފައެއް ނުވެއެވެ. މި އުޅަނދުވަނީ ހަނދުގެ ވަށައިގެން ބުރު ޖަހަމުން ހަނދުގެ ދިރާސާތައް ކޮށްފައެވެ.

އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާލަން މަސައްކަތްކުރި ދެވަނަ މިޝަނުގައި ގާތްގަނޑަކަށް 1،000 އިންޖިނިއަރުންނާއި ސައިންޓިސްޓުން މަސައްކަތް ކޮށްފައިވާއިރު، އެ މިޝަންގެ އަގު 150 މިލިއަން ޑޮލަރަށް އަރައެވެ.

މިހާތަނަށް ތިން ގައުމަކުންވަނީ ހަނދުގައި ކާމިޔާބު ކަމާއެކު އުޅަނދުތައް ޖައްސައިފައެވެ. މި ތިންގައުމަކީ އެމެރިކާ، ޗައިނާ، އަދި ކުރީގެ ސޯވިއެޓް ޔޫނިންއަން އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ