ހޯމް މިނިސްޓަރ ޝެއިޚް އިމްރާން - ފޮޓޯ: ރައީސް އޮފީސް

ރިލްވާންގެ މައްސަލާގައި ފުލުހުން ފިޔަވަޅު އަޅާކަން ކަށަވަރު ކުރާނަން: އިމްރާން

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲގެ މައްސަލައިގައި ފުލުހުންގެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރުކުރައްވާނެކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އިމްރާން ވިދަޅުވެފައި ވަނީ ރިޟްވާން ގެ މައްސަލަ ތަޙްޤީޤު ކުރަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިމަމުގެ ފުރަތަމަ ދުވަހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުންކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވެފައިވަނީ އެ މަރު ކޮމިޝަންގެ ތަޙްޤީޤަށް ބިނާކޮށް ދަޢުލަތުގެ މުޢައްސަސާ މެދުވެރި ކުރުވާ ރައީސް ފިޔަވަޅު އަޅުއްވާނެކަން ޔަޤީން ކަމަށެވެ.

ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަފަހުން މަރުވި ކަމަށް ދެއްކުމަށް ޕާސްޕޯޓް ހައްދަން މަސައްކަތްކުރި ދެފުލުހަކު ހައްޔަރުކުރަން އެންގުމުން، އެ ފުލުހުން ހައްޔަރު ކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް މަރު ކޮމިޝަނުން ފުލުހުންނަށް ވަނީ އަންގާފައެވެ.

މި މައްސަލާގައި ހައްޔަރުކުރަން އަންގާފައި ވަނީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

ދާދިފަހުން މަރު ކޮމިޝަނުން ރިޟްވާން ގެ މައްސަލައިގެ ރިޕޯޓް އާންމުކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރިޟްވާންގެ މައްސަލައިގައި ތުޙުމަތު ކުރެވޭ ފަރާތްތަކަށާއި ރިޟްވާން މަރާލުމުގައި ބައިވެރިވި ފަރާތްތަށް އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ