ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ރިޟްވާން މައްސަލައިގެ ތަޙުޤީޤު މިއަހަރު މެދުތެރެއަށް ނިންމާނެ: ރައީސް

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ތަޙްޤީޤު މިހިނގާ 2022 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 3 ފެބުރުވަރީ 2022 ވީ ބުރާސްފަތި ދުވަހު އިއްވެރި 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ކުރީގެ މަރުތަކަށް އިންޞާފު ހޯދުމުގައި އުންމީދު ކުރިވަރަށްވުރެ މާބޮޑުތަން ލަސްވެފައިވާ ކަމަށާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތާއި، ފިލުވަންޖެހޭ އޮޅުން ބޮޑު ކަމަށެވެ.

"ކޮމިޝަނުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންގޮސްފައިވަނީ، ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލައިފައިވާ މައްސަލަ. މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިޟްވާން ގެއްލުވާލާފައިވާ މައްސަލައިގައި ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުޢާމަލާތްތައް އެނަލައިޒް ކޮށްފައިވާ ކަމަށެވެ.

"މި އަހަރުގެ މެދުތެރޭގައި ތަޙުޤީޤު އެއްކޮށް ނިންމައި، ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައި." ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދާދިފަހުން ޝަރުޢީ ފުރަތަމަ މަރުޙަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް، ޕީ.ޖީ. އޮފީހުން ފަށާފައިވާ ކަމަށެވެ.

"ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން، ރިޔާސީ ކޮމިޝަނުން ތަޙުޤީޤު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައި. އަދި އެ މައްސަލައިގެ ތަޙުޤީޤު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަ ގެންދޭ." ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ