އިސްރާއިލް ސިފައިން ފަލަސްތީނުގެ ދެ ކުޑަކުދިން ޝަހީދުކޮށްލައި އެތައްބަޔަކު ޒަހަމް ކޮށްލައިފިއެވެ.
މި ދެކުދިން ޝަހީދުވެފައިވަނީ ޣައްޒާއާއި އިސްރާއީލު ގުޅޭ ސަރަޙައްދީރޮނގު ކައިރީގައި ހުކުރު ދުވަހު ބޭއްވި ސުލްޙަވެރި މުޒާހަރާތަކުގައި ބައިވެރިވި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުންދިން އަނިޔާވެރި ޙަމަލާތަކުގެ ޝިކާރައަކަށް ވެގެންނެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިސްރާއިލުގެ ހަމަލާގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި އަދި އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށެވެ.

ޣައްޒާއާއި އިސްރާއީލު ގުޅޭ ސަރަޙައްދީރޮނގު ކައިރީގައި ކުރެވުނު މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި އިސްރާއިލް ސިފައިންވަނީ އަސްލު ވަޒަން ބޭނުން ކޮށްފައެވެ.
އިސްރާއިލް ސިފައިންގެ ހަމަލާތަކުގައި ދެ ކުޑަކުދިން ޝަހީދުވުމުގެ އިތުރުން، 80 މީހަކު ޒަހަމްވެފައި ވެއެވެ. މީގެތެރޭގައި 38 ކުޑަކުދިންވެސް ހިމެނެއެވެ.
އިސްރާއިލަކީ މީގެކުރިންވެސް ފަލަސްތީނުގައި ކުރެވޭ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި އަސްލުވަޒަން ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ޝަހީދުކުރާ ބަޔެކެވެ. މިކަމާއި ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަނބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ.