މިހާރު ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ "ޕްރިޔަންކާ ޗޯޕުރާ" ގެ ކުރިއަށް އޮތް ބޮލީވުޑް ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ކްލައިމެކްސްގެ ފަހު މަންޒަރު ބަލެމަށްފަހު ފިރިމީހާ ނިކް ޖޯނަސް ރުއިކަމަށް ޕްރިޔަންކާ ހާމަކޮށްފިއެވެ.
ފިލްމާއި ބެހޭގޮތުން އިންޓައިވިއުއެއްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ފިލްމްގެ ޝޫޓިން ނިމިފައިވަނީ އޭނަގެ ކައިވެނީގެ 4 ދުވަސްކުރިންކަމަށެވެ. އަދި އެ ދުވަސްތަކުގައި ފިލްމްގެ ފަހު މަންޒަރު ނަގަމުން ދިޔަ ވަގުތު ފިރިމީހާ ނިކް ފިލްމް ޝޫޓު ކުރި ސެޓަށް އައިސްފައިވާކަމަށެވެ.
ފިލްމްގެ ފަހު މަންޒަރު ނަގަމުން ދިޔަ ވަގުތު ނަގަމުންދިޔައީ ޕްރިޔަންކާގެ ވަރަށް އަސަރުގަދަ މަންޒަރެއްކަމަށާއި އަދި އެވަގުތު މީހަކު ނޭފަތް ދަމާއަޑު އިވިގެން ބަލާލިއިރު ނިކްއަށް ހުރީ ރޮވިފައިކަމަށް ފިލްމްގެ ޑައިރެކްޓަރުވެސް ވަނީ ބުނެފައެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ ޝޯނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމްގައި ޕްރިޔަންކާއެކު ދެން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރުތަރި ފަރްހާން އަހްތަރް އަދި ދާދިފަހަކުން ފިލްމް ކުޅުން ދޫކޮށްލި ފިލްމް "ޑަންގަލް" އަދި "ސީކުރެޓް ސުޕަރސްޓާ" ގެ ބަތަލާ ޒާއިރާ ވަސީމްއެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ 3 އަހަރު ފަހުން ބޮލީވުޑްގެ ފިލްމަކުން ޕްރިޔަންކާ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މި ދިޔަ އަހަރުތަކުގައި ޕްރިޔަންކާ ފެނިގެންގޮސްފައިވަނީ ހޮލީވުޑްގެ މަސައްކަތްތަކުންނެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.




ހިޔާލު
މަށަށް ވެސް ރޮވިއްޖެ މި ކިޔާފަ