އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާޢަތާ ގުޅުމަށް އިނގިރޭސި ވިލާތުން ސީރިއާ އަށް ދިޔަ ޝަމީމާ ބޭގަމް އަކީ ބަންގްލަދޭޝްގެ ރައްޔިތެއް ނޫން ކަމަށް ބަންގްލަދޭޝްގެ ފޮރިން އެފެއަރސް މިނިސްޓްރީއިން ބުނެފިއެވެ.
ބަންގްލަދޭޝްގެ ފޮރިން އެފެއަރސް މިނިސްޓްރީއިން މިހެން ބުނެފައި މިވަނީ މިވަގުތު ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ހުރި ޝަމީމާ އެނބުރި އިނގިރޭސި ވިލާތައް ދާން ބޭނުން ކަމަށް ބުނެފައި ވަނިކޮށް އެގައުމުގެ ރައްޔިތުކަންވެސް އަތުލައިފައި ވަނިކޮށެވެ.
ބަންގްލަދޭޝްގެ ފޮރިން އެފެއަރސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމީމާ އަކީ ބަންގްލަދޭޝް ރައްޔިތެއްކަމަށް ބުނާތީވެ ކަންބޮޑުވާ ކަމަށާއި، ބަންގްލަދޭޝްގެ ރައްޔިތުކަން ހޯދުމަށް ޝަމީމާ ހުށަހަޅައިފައިވެސް ނުވާކަމަށެވެ.
ޝަމީމާ އަކީ އިންގިރޭސިވިލާތުގައި ދިރިއުޅޭ ބަންގްލަދޭޝް އާއިލާ އެއްގެ މެންބަރެކެވެ. ނަމަވެސް ބަންގްލަދޭޝް އަށް ޝަމީމާ ދުވަހަކުވެސް ދަތުރު ކޮށްފައެއް ނުވެއެވެ. އަދި ފަރިތަކޮން ބަންގްލަދޭޝް ބަހުން ވާހަކަދައްކަންވެސް ނޭންގޭ ކަމަށް ޝަމީމާ ބުނެފައި ވެއެވެ.
ޝަމީމާ ސީރިއާ އަށް ގޮސްފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅު އިތުރު ދެ ރަހުމަތްތެރިންނާއި އެކުއެވެ.