އިޒްރޭލުގެ ޑްރޯން އަކަށް ހަމަލާދީ ވައްޓާލައިފައި ވާކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.
އެޖަމާއަތުން ބުނެފައިވަނީ އިޒްރޭލުގެ މި ޑްރޯން ވައްޓާލައިފައިވަނީ ލުބުނާނުގެ ދެކުނުގެ ޓައުނެއް ކަމަށްވާ ރަމީޔާއިން ކަމަށެވެ.
ހިޒްބުﷲގެ އަލް މަނާރު ޓީވީން ބުނީ ލުބުނާނުގެ ރަމީޔާމަތިން އިޒްރޭލުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފައި ވާކަމަށާއި އަދި މި ޑްރޯން މިހާރު އޮތީ ހިޒްބުﷲ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އިޒްރޭލުންވެސް ވަނީ އެގައުމުގެ ޑްރޯންއެއް ލުބުނާނުގެ ދެކުނުގެ ހިސާބަކަށް ވެއްޓިފައިވާކަމަށް ބުނެފައެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް އެގައުމަކުން ނުބުނެއެވެ. އަދި ޑްރޯން ވެއްޓުމާއި ގުޅިގެން މާމުހިންމު މައުލޫމާތު ތަކެއް ނުގެއްލޭ ކަމަށް ބުނެފައެވެ.
ޑްރޯންއަކީ ހަމަލާދިނުމުގެ އިތުރުން ޖާސޫސް ކުރުމުގެ ބޭނުމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އަސްކަރިއްޔާއިން ބޭނުންކުރާ ވަސީލަތެކެވެ.
ހިޒްބުﷲ އަކީ ލުބުނާނުގައި އެންމެ ބާރުގަދަ އެއްޖަމާއަތެވެ. ލުބުނާނުގެ ސަރުކާރުގައި ހިޒްބުﷲގެ 3 މިނިސްޓަރުން ހިމެނެއެވެ. އަދި އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައިވެސް ހިޒްބުﷲގެ މެންބަރުން ހިމެނެއެވެ. މިޖަމާއަތުގެ އަސްކަރީ ފިޔައަކީ ލުބުނާނުގެ އަވައްޓެރި ގައުމުތަކުގެ އަސްކަރިއްޔާތަކާއި ވާދަކޮށްލެވޭފަދަ ބާރުގަދަ އަސްކަރީ ފިޔައެކެވެ.
އިޒްރޭލުން ދެކޭގޮތުގައި ހިޒްބުﷲ އަކީ އެސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ.
ހިޒްބުﷲ އާއި އިޒްރޭލުން 2006 ވަނަ އަހަރު ވަނީ މަސް ދުވަހަށް ދިގު ދެމިގެންދިޔަ ހަނގުރާމައެއް ކޮށްފައެވެ. މިއީ އެހަނގުރާމައަށްފަހު އިޒްރޭލުގެ ޑްރޯންއެއް ހިޒްބުﷲ އިން ވައްޓާލައިފައިވާކަމަށް ބުނި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް އިޒްރޭލާއި ހިޒްބުﷲގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ.