އެމްޕީއެލް

ވަގަށް ވެހިކަލް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފި

ދެ ކޮންޓެއިނަރެއްގައި ރާއްޖެ އަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފިއެވެ.

2019 އޮގަސްޓް 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް ރާއްޖެއަށް އެތެރެކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގުނު އޮޕަރޭޝަނުން 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ނިމެންދެން، ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޓްކޮށްފައިވާއިރު، އެ މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.

އެ ވެހިކަލްތައް ބަނދަރުން ވަގަށް ބޭރު ކުރިގޮތާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށާއި، ނަމަވެސް މިވަގުތު އެ ކަންކަން ހާމަކުރެވެން ނެތް ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި މި ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ޤާއިމުކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ކަސްޓަމްްސް އިން ވަނީ މީގެ ކުރިން އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ