މާލޭ ހުޅަނގު ހާބަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ޚިދުމަތް ނުފަށާ ހުރި 2 ތަނެއް ކުއްޔަށް ދިނުމަށް އެސްޓީއޯއިން ޢިއުލާންކޮށްފިއެވެ.
އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 960 އަކަފޫޓުގެ ޖާގައިގެ މި ދެ ފުޑްކޯޓަށް ފުރޮފޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 18 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ފުޑްކޯޓުތައް ކުއްޔަށް ދޭން ނިންމާފައިވަނީ އަކަފޫޓެއް 53 ރުފިޔާގެ މަގުން ކަމަށެވެ.
ކޮންމެ ފަރާތަކަށްވެސް 2 ޔުނިޓަށް ފްރޮޕޯސަލް ހުށައެޅޭއިރު، ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިޔުރިޓީ ދައްކަން ވާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނީ ޔުނިޓު ކުއްޔަށް ދޫކުރާނީ ފަސް އަހަރުގެ މުއްދަތައް ކަމަށާއި، ކުއްޔަށް ދޫކުރާތާ މަހެއްގެތެރޭ ހިދުމަތް ފަށަންވާނެކަމަށެވެ.
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި 26 ފުޑްކޯޓް ތަރައްޤީކޮށް ހިންގަމުންދާއިރު މި ފުޑް ކޯޓުގައި ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓުގެ ތަންތަން ހިމެނެއެވެ.



