ކަސްޓަމްސްގެ ބޮންޑެޑް ވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މި ބަނގުރާތަށް ނައްތާލައިފައިވަނީ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވި ގޮތުގައި އެ ފަރާތުން ނައްތާލި ބަނގުރާ ތަކުގައި 22،246.14 ލީޓަރ ހިމެނެއެވެ. އެއީ 51،612 ބަނގުރާ ފުޅިއާއި، 782 ބަނގުރާ ޕަކެޓްގެ އިތުރުން 3 ބަނގުރާ ދަޅެވެ.

މި ތަކެތި ނައްތާލައިފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
ކަސްޓްމްސް އިން ބުނެފައިވަނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 264 ވަނަ މާއްދާއާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.
ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބުނެފައިވަނީ އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށެވެެ.




