އަނެއްކާވެސް ފީއަލީގައި ޑެންގޫ ފެތުރެނީ

ޑެންގޫ ފެތުރި ނުރައްކަލެއްގެ ތެރޭގައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު އާއްމު ހާލަތެއްގައި އޮތް ފ.ފީއަލީގައި އަނެއްކާވެސް ޑެންގޫ ފެތުރެން ފަށައިފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޑެންގޫގެ ގިނަ ކޭސްތަކެއް ފެނި މުޅިރާއްޖޭގެ ސަމަލުކަމަށްވެސްމިކަން ވަނީ އައިސްފައެވެ. އޭރު 15 އަށްވުރެ ގިނަ ޑެންގޫ ކޭސް އެރަށުން ފެނުނު އިރު ބައެއްކުދިން ވަނީ ކޯސްޓްގާޑްގެއެހީގައި މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާދީފައެވެ. މިހާރު އެ ހުރިހާ ކުދިންގެ ހާލުވެސް ވަނީ ރަނގަޅުވެފައެވެ. އެއާއެކު އެ ރަށުން ޑެންގޫ ކޮންޓްރޯލް ކުރެވިފައިވާކަމަށް އެޗް.ޕީ.އޭ އިން ވިދާޅުވެ ވަނީ ބަޔާނެއް ނެރެފައެވެ.

އިއްޔެ އަލުން ޑެންގޫގެ 2 ކޭސް ފެނުނު އިރު މިއަދު ވެސް 2 ކުއްޖަކު ޑެންގޫއަށް ޕޮޒިޓިވްވެ، މީގެތެރެއިން 2 ކުދިންނަށް އެރަށު ޞިއްޙީމަރުކަޒުގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ.

ފީއަލީ ޞިއްޙީމަރުކަޒުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނީ 5 އަހަރުގެ ފިރެހެން ކުއްޖަކާއި، 7 އަހަރުގެ އަންހެން ކުއްޖެކެވެ. މިހާރު ޑެންގޫއަށް 4 ކުދިން ޕޮޒިޓިވް ވެފައިވާއިރު 4 ކުދިންނަކީވެސް 7 އަހަރުން ދަށުގެ ކުދިންނެވެ. އެއީ އެއް ފިރިހެން ކުއްޖަކާއި ތިން އަންހެން ކުދިންނެވެ.

މި ކުދިންގެ ހާލުވެސް ސީރިއަސްނޫން ކަމަށް އެރަށުން މަޢުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. ‎އަދި ރަށުގައި ދަނީ ހަލުވިކަމާއެކު ވައިރަލްފީވާ އަދި އަރިދަފުސް ރޯގާ ފެތުރެމުން ކަމާއި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރެވަނީ ފޮގްވެސް ކޮށްފައި ކަމުގައި އެފަރާތުން މަޢުލޫމާތު ދިނެވެ.

‎މީގެކުރިން ޑެންގޫގެ ގިނަ ކޭސްތައް ފެނުމުން އެރަށު ސްކޫލްގެ ކިޔެވުން ބަންދު ކުރުމަށްފަހު މި ހަފްތާގައި އަލުން ކިޔެވުން ފަށާފައިވާއިރު ރަށުން އަލުން ޑެންގޫ ފެނުމާއިއެކު ރައްޔިތުންވަނީ ހާސްކަމެއްގެ ތެރޭގައެވެ.

‎ފީއަލީ ހެލްތު ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވާއިރު އެތަނުގައި މި ވަގުތު މަސައްކަތް ކުރައްވަމުން ދަނީ 2 ނަރުހުންކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް