(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
ނޫރީން ހީކުރަނީ އަހަރެން އެމީހުންދެކެ ބިރުގަންނަނީ ކަމަށްތަ؟ ނޫން. އެހެން ނޫނަސް އަހަރެން އެއްބަހެއް ނޫން ނޫރީން މާއިޒްއާއި އެކުގައި ދާކަށް" ނީލް އޭނާގެ ހިތުގައި އޮތް ގޮތަށް ބުނެލިއެވެ.
"އެއީ ކީއްވެގެން؟" ނޫރީން އަހާލިއެވެ.
"އެއީ ކީއްވެގެން ކަމެއް ނޫރީންއަށް ނޭނގޭތަ؟" މަޑުމަޑުން ނީލް ނޫރީންއާއި ގާތްވެލިއެވެ. ނީލްގެ ހޫނު ނޭވާތަށް ނޫރީންއަށް އިހްސާސް ކުރެވޭހާ ގާތުގައެވެ.
"ކީއް..ކީއްވެގެން؟ ނޭނގޭ" މޫނު އަރިއަކަށް އަނބުރާލަމުން ނޫރީން އަހާލިއެވެ.
ނޫރީންގެ ހިތް މޭގެ ތެރޭގައި އޮވެގެން ނަށަން ފެށިއެވެ. ތަނެއް ދޮރެއް ބެލުމެއް ނެތިއެވެ.
"ނީލް.." ދެމީހުންނަށް ސިއްސައިގެން ގޮސް ދުރަށް ޖެހިލެވުނީ ސަވާ ނީލްއަށް ނިކަން ބާރަށް ގޮވާލި އަޑަށެވެ.
ނީލް އަމިއްލަ މޫނުގައި އަތްކާތާލަމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ނޫރީން ބަހައްޓާފައެވެ.
ހުއްޓުމެއް ނެތި ބާރު ބާރަށް ތެޅެމުން ދިޔަ ހިތް މަޑުވާކަށް ގިނަ ވަގުތެއް ނުނެގިއެވެ. ލޮލަށް ފަޅިސިކުންތެއްގެ ތެރޭގައި ކަރުނަތަށް ޖަމާވެއްޖެއެވެ. ނޫރީން މަޑުމަޑުން ގޮސް ނީލްގެ ކޮޓަރީގައި ހުރި އަލަމާރިގައި ހަރުކޮއްފައިވީ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.
"އަހަންނަށް ކިހިނެއްތަ މިވަނީ؟ ނީލްއަހަންނާއި ގާތްވާއިރަށް އަހަންނަށް ކިހިނެއްތަ މި ވަނީ؟ އަނެއްކާ އަހަންނަށް ނީލްދެކެ... ނޫން... ނޫން. އެހެނެއް ނުވާނެ. އަހަންނަށް އެއްވެސް ހައްގެއް ލިބިގެނެއް ނުވޭ ނީލްދެކެ ލޯބިވާކަށް. ނީލް ހަމައެކަނި އަހަރެންގެ ހާލަށް ހަމްދަރުދީ ވެގެން މިގެއަށް ގެނައީ. އަހަންނަށް މިކުރެވެނީ މުޅިން ގޯސް އިހްސާސެއް. ކުރެވިގެން ނުވާނެ އިހްސާސެއް." އަމިއްލަ ލޮލަށް ލޯގަނޑުން ބަލަން ހުރެގެން ނޫރީން އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
"ސަވާ ކިހިނެއްތަވީ؟" ނީލް ދުވެފައި ގޮސް އެކޮޓަރި ދޮރު ހުޅުވާލަމުން ހާސްވެފައި އެހިއެވެ. ނީލް ދޮރު ހުޅުވާލަފައި އެތެރެއަށް ވަނުމާއި އެކު ދޮރު ބިއްދޮށަށް ވަދެ ފިލާހުރި ސަވާ ދޮރު ލައްޕާލިއެވެ. ނީލް ސިއްސައިގެން ގޮސް ފަހަތަށް އެނބުރި ބަލާލިއެވެ. ކުރުކުރު ޓޮޕް ކޮޅަކާއި ކުރު ސޯޓެއް ލާފައި ހުރި ސަވާ ފެނުމުން ނީލް އަނެއް ފަރާތަށް އެނބުރުނެވެ.
"ނީލް. ބަލާބަލަ. ދެންމެ ފާހަނައިގައި ހުއްޓާ ކޮންމެވެސް އެއްޗެއް އަހަރެންގެ ގައިގާ ދަތްއަޅައިފި. ވަރަށް ތަދުވޭ އެބަ." ހެދުން ހިއްލާލާ ބުރަކަށި ނީލްއަށް ދެއްކުމަށް ސަވާ ގޮސް ނީލްގެ ކުރިމައްޗަށް އެރިއެވެ.
"ސަވާ އަހަރެން އެބަ ނޫރީން ފޮނުވަން. ތިތަން ނޫރީންއަށް ދައްކާލަބަ. ސަވާ ތީ ކުޑަކުއްޖެއް ނޫނެއްނު ތިގޮތަށް ނިވާކަން ކުޑަ އެއްޗެހީގައި އަހަރެންގެ ކުރިމައްޗަށް އަރާކަށް" ނީލް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އަނެއްކާވެސް މޫނު އަނބުރާލިއެވެ.
"އައްދެ. އަހަންނަކަށް ނޭނގޭ ތިކަހަލަ ފިރިހެނުން އުޅޭ ކަމެއް. އެހެން ނޫނަސް އަހަރެން މި ދައްކަނީ ދައްކަން ނުވާ ތަނެއް ނޫނޭ. މިސާލަކަށް ދެއްކީޔޯ؟ ކޮބާ މައްސަލައަކީ؟ އަހަރެން ބުނެފީމެއްނު ނީލްތިއީ އަހަރެންގެ މީހެކޭ" ސަވާ ގަދަކޮއްލާ ގޮސް ނީލް ކުރިމައްޗަށް ހުއްޓުނެވެ. މަޑުމަޑުން ނީލްގެ ދެއަތް ނަގާ އަމިއްލަ އުނގަނޑުގައި ޖައްސާ ހިފަހައްޓާލިއެވެ. ނީލްގެ ލޮލަށް ބަލާލިއެވެ.
"ސަވާ. ސަވާ އަހަންނާއި ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް ސަވާއަށް އެނގެއެއްނު އަހަރެންގެ ހިތުގައި އަދި ސަވާއަށްޓަކައި ތި އެދޭ ކަހަލަ އެއްވެސް އިހްސާސެއް ނުވާކަން. އެހެން ވީމަ އަހަންނަށް ވަރަށް ރަނގަޅު ސަވާ ތިގޮތަށް އަހަރެންގެ ކުރިމަތީގައި ނޫޅުނިއްޔާ." ނީލް އަތް ފޮޅުވާލަމުން ހިނގައިގަތެވެ.
"އެކަމަކު ނީލްއަކީ އަހަރެންގެ މީހެއް" ސަވާ ބާރަށް ހަޅޭއްލަވައިގަތެވެ.
ނީލް ނުކުމެގެން ގޮސް ވަނީ އަނބުރާ ނޫރީން ހުރިތޯ ނީލްގެ ކޮޓަރިއަށެވެ. ނަމަވެސް ނޫރީންއެއް ނެތެވެ. ނުކުމެ ގޭތެރެވެސް ބަލާލިއެވެ. ނަމަވެސް ފެންނަން ނެތުމުން ގޯތިތެރޭގައި ހުރި އުނދޯލީގައި މަޑުކޮއްލިއެވެ. ސަވާ ކުއްލިއަކަށް އައުމުގެ ސަބަބުން މުޅި ހަޔާތް އެފުށް މިފުށަށް ޖެހުނު ފަދައެވެ. ސަވާގެ ސަބަބުން ނީލްގެ ބޮލުގައި ހުންނަނީ ރިއްސާލާފައެވެ. ނީލްގެ ހިތުގައި ނޫރީންއަށް ވަނީ ލޯބިކަން އެނގޭ ހިސާބުން ސަވާގެ އުނދަގޫ ނޫރީންއަށް ފޯރަން ފަށާނެއެވެ. ސަވާއަކީ ގޮތް ދޫކުރާނެ ކުއްޖެއް ނޫނެވެ. އެހެން ކަމުން ނީލް ނިންމީ ސަވާ ފުރައިގެން ދާންދެން ނޫރީންއަށް ލޯބި ހުށައެޅުން ފަސްކޮށްލާށެވެ.
**
ނޫރީން އިނީ މާއިޒްގެ ސައިކަލު ފަހަތުގައެވެ. މާއިޒް ދުއްވާލަން ދާން އެދުމުން ނޫރީން އެކަމަށް އެއްބަސް ވީ ނީލް ސަވާއާއި އެކު އުޅޭ މަންޒަރު ބަލަން ބޭނުން ނުވާތީއެވެ. ހިތަށް ލިބޭ ވޭންތައް ކުޑަކުރުމަށް ބޭނުންވާތީއެވެ.
"ނޫރީންއަށް އެނގޭތަ؟ އަހަންނަށް އެންމެ ފުރަތަމަ ނޫރީން ފެނުނީމަވެސް ހިތަށް އެރި ހާދަ ލޯބި ކުއްޖެކޭ. އަހަރެންގެ ކުއްޖަކަށް ވާނެ ނަމައޭ" މާއިޒް މަޑުމަޑުން ސައިކަލު ދުއްވާފައި ދިޔައީ ރަށުގެ ބޮޑުމަގުންނެވެ. މާއިޒް ދެއްކި ވާހަކައަށް ނޫރީން އަނގައިން އެއްޗެކޭ ނުބުނުމުން މާއިޒް އަނެއްކާވެސް ފެށިއެވެ.
"ނޫރީން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" މާއިޒް ސައިކަލުގެ ލޯގަނޑުން ނޫރީން ފެންނާނެހެން އަނބުރާލިއެވެ.
"ނޫން." ނޫރީންގެ ޖަވާބު ކުރެވެ.
"އެހެން ވިއްޔާ ނޫރީން އަހަރެންގެ މީހަކަށް ވެދާނަންތަ؟" މާއިޒް ހިނިތުންވެލިއެވެ.
"މާއިޒް ކަހަލަ ރީތި އަދި ރަނގަޅު ފިރިހެނަކަށް އަހަންނަށް ވުރެ މާ ރަނގަޅު ކުދިން ވެދާނެ." ނޫރީން އިސްޖަހާލިއެވެ.
"ނޫރީންގެ ހިތުގައި އެހެން މީހަކު ވަނީތަ؟" މާއިޒްއަށް ޝައްކެއްވެލިއެވެ.
"އަހަރެންގެ ހިތުގައި މީހެއްގެ ނަން ފަވާ ނެގިފައިވިޔަސް އެއީ އަހަންނަށް ދުވަހަކުވެސް ލިބުމެއް ނެތް މީހެއް. އެހެން ނޫނަސް އޭނައަކީ އެހެން މީހެއްގެ މީހެއް." ނޫރީންގެ ހަނދާނަށް އައީ ސަވާ އިރުއިރު ކޮޅުން ނީލްއަކީ ސަވާގެ މީހެކޭ ބުނާ ބުނުމެވެ.
"އެކަން އެނގިހުރެ އެމީހަކަށްޓަކައި އިންތިޒާރުކޮށް އުމުރު ނަގާލުމަކީ ވަރަށް ބޯގޯސް ކަމެއްނޫންތަ؟" މާއިޒް ސައިކަލު މަޑުކޮއްލީ މީހުން މަދު ދިމާލެއް ބަލާލުމައްފަހު މަގުގެ އެއް ފަރާތުގައެވެ. ނޫރީންގެ ލޮލަށް މަޑުމަޑުން ކަރުނަތަށް ޖަމާވާން ފެށިއެވެ.
"އެހެން ވިޔަސް އަހަރެންގެ ހިތުގައި އެހެން މީހަކު ވާއިރުގައި، އަހަރެންގެ ހަޔާތަށް މާއިޒް އަންނަން ހުއްދަ ދިނުމަކީ އަހަންނަށް މާއިޒްއަށް ދެވޭނެ ކިހާ ބޮޑު އަނިޔާއެއް" ނޫރީން އެކަކަށްވެސް ދެރައެއް ދިނުމަކަށް ބޭނުމެއް ނުވެއެވެ.
"އަހަންނަކީ ނޫރީން ހީކުރާ ކަހަލަ ކެތްތެރިކަމެއް ނެތް މީހެއް ނޫނޭ. ނިކަން ކެތްތެރިވާނެ. އަހަރެން ބޭނުންވާ އެއްޗެއް ހޯދަން އަހަރެން މަސައްކަތްކުރާނަން. އެހެން ނޫނަސް އިންސާނުންގެ ހިތަކީ ބަދަލުވެސް ވާ އެއްޗެއް. އަހަރެން ނޫރީންއަށް އޯގާތެރިވެ އަޅާލީމައި ނޫރީންގެ ހިތުގައި އަހަންނަށް ލޯބި އުފެދޭނެ. އަދި އެކަމަކަށް ގިނަ ދުވަހެއްވެސް ނުނަގާނެ." މާއިޒްގެ އަޒުމް ވަރުގަދައެވެ. ނަމަވެސް ނޫރީންއަކީ އިންސާނެއް ނޫންކަން މާއިޒްއަށް އެނގޭނަމަ އެހެން ބުނެފާނެ ބާއޭ ނޫރީންގެ ހިތަށް އެރިއެވެ.
"މާއިޒްއަށް އަހަންނާއި ރައްޓެހިވެގެން ލިބޭނީ ކޮން އުފަލެއް؟" ނޫރީން ހައިރާންވިއެވެ.
"ކޮން އުފަލެއްހޭ؟ އަހަންނާއި އެކުގައި ހުރިހާ ކަމެއްގައި ބައިވެރިވާނެ ބައިވެރިއަކު އަހަންނަށް ލިބޭނެ. އަހަންނާއި އެކުގައި ވާރެއާއި ތެމެން ނޫރީން ހުންނާނެ. އަހަންނާއި އެކުގައި ތަރިތަށް ބަލަން ނޫރީން ހުންނާނެ. އަތިރިމަތީގައި ހިތްގައިމު ވައިރޯޅި ޖެހޭ ވަގުތު ތަކުގައި ތި ރީތި އަޑުން އަހަންނާއި އެކި އެކި ވާހަކަތަށް ދައްކާނެކަން އަހަންނަށް ޔަގީން. ހުރިހާ ކަމެއް އަހަންނަށް ހިއްސާ ކުރެވޭނެ ވަރުގެ އެކުވެރިއެއް އަހަންނަށް ލިބޭނެ." އަދިވެސް އިތުރަށް ނޫރީން ބޭނުންވޭތަ އަހަންނަށް ހުރި ފައިދާތަށް ބަލަން؟" މާއިޒް ހިނިތުންވެލަމުން ނޫރީންއަށް ބަލާލިއެވެ. އަދި ނޫރީންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލާ ދިނެވެ.
"އަހަރެންގެ މީހަކަށް ނޫރީން ވާން އެއްބަސް ވެއްޖެ ނަމަ އަހަރެން މުޅި އުމުރުގައި މަސައްކަތް ކުރާނަން ނޫރީން އުފަލުގައި ބެހެއްޓުމަށް. އަހަންނަށްވެސް އެކަން މުޅިން ކާމިޔާބު ނުވެދާނެ. އެކަމަކުވެސް ހަޔާތުގައި ނޫރީން ދެރަވާ ނޫނީ ހިތާމަ ކުރަން ޖެހޭ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ގާތުގައި އަހަރެން ހުންނާނަން. އެހީވާން. އެއްވެސް ކަމެއް ނޫރީން އެކަނި ތަހައްމަލް ކުރަން ނުޖެހޭނެ. އެއީ އަހަރެންވާ ވައުދެއް." މާއިޒް ނޫރީންގެ މަޑުމަޑުއަތުގައި ހިފާލިއެވެ.
"އަހަރެން ވިސްނާލަން ވަގުތު ކޮޅެއްދީ" ނޫރީން އެދުނެވެ.
"އެންމެ ރަނގަޅު. ނޫރީން ބޭނުން ވަރަކަށް ވިސްނަންވީ. އަހަރެން ނޫރީންއަށް ވަގުތު ދީފިން" މާއިޒް ސައިކަލަށް ދުއްވާލިއެވެ.
މާއިޒްއާއި ނޫރީންއެކުގައި ގެއަށް އައި މަންޒަރު ފެނުމުން ނީލް ގާތަށް ރުޅިއައެވެ. ނަމަވެސް އެކަން ދެއްކެން ނެތްކަން ނީލްއަށް އެނގެއެވެ. ނީލްގެ އެންމެ ހަރަކާތަކުން ސަވާގެ ފަރާތުން ނޫރީންއަށް ގޮސްދާނެ ހަމަލާއަކާއި ދޭތެރޭ ނީލްއަށް ވިސްނެނީއެވެ. އެހެން ކަމުން އަނގައިން ބުނުމެއް ނެތި ނޫރީން ފެނުމުން ނީލްގޮސް ވަނީ ގެއަށެވެ. ނީލްގެ އެ ހަރަކާތުން ނޫރީން އިތުރަށް ދެރަވިއެވެ.
ނީލް މުޅި ދުވަސް ހޭދަކުރީ ކޮޓަރީގައެވެ. ބޭރަށް ނުކުންނަން މަޖުބޫރުވީ އެރެއެވެ. ސަވާއާއި އެކުގައި އިހްސާންމެން ގެއަށް ދިޔުމަށެވެ. އަތްކުރު ގަމީހަކާއި ޖިންސެއްލައި ތައްޔާރު ވެލައިގެން ނީލް ނުކުތްއިރުގައި ސަވާ ހުރީ ތައްޔާރުވެގެން ނުކުމެއެވެ.
"އަހަރެން ރީތިތަ؟" ސަވާ ނީލް ކުރިމައްޗަށް ހުއްޓެމުން އަހާލިއެވެ. ކުއްލިއަކަށް ނީލްގެ ހަނދާނަށް އައީ ނޫރީން އެއްދުވަހެއްގައި ރީތިވެގެން ނުކުމެ ނީލް ގާތުގައި އެހެން އެހި ހަނދާނެވެ.
"ސަވާ އަކީ އަބަދުވެސް ރީތި ކުއްޖެއްނު؟" ނީލް ހިނިތުންވެލިއެވެ.
"އެހެން ވެއްޖިއްޔާ އެހާ ރީތި ކުއްޖަކާ ގާތް ނުވާން ވެގެން ތިއުޅެނީ ކީއްވެގެން؟" ސަވާ ކުއްލިއަކަށް ނީލްގެ ބޮލުގެ ދެ އަރިމަތީގައި ދެ އަތުން ހިފަހައްޓާލިއެވެ. އިތުރު ވަގުތެއް ނީލްއަށް ދިނުމެއްނެތި ސަވާ ނީލްގެ ތުންފަތަށް ލޯބި ކޮށްލިއެވެ.
ނީލްއާއި ސަވާ ލަސްވެގެން ގޯތިތެރޭގައި ތިބި ނޫރީންއާއި މާއިޒް ގޭ ދޮރު ހުޅުވާލާ އެތެރެއަށް ވަނީ އެވަގުތުއެވެ. ނޫރީންއަށް ފެނުނީ ސަވާއާއި ނީލް އިންތިއާއަށް ގާތުގައި ވަނިކޮށެވެ. ދެ ތުންފަތް ގުޅިފައި ވަނިކޮށެވެ. މާއިޒް ކަރު ކެހިލަމުން އަނެއް ފަރާތަށް އެނބުރުނީ ގޭގައި އެހެން ބަޔަކުވެސް ތިބި ކަން އަންގާލުމަށެވެ. ސަވާ ދުރަށް ޖައްސާލުމަށް ފަހު ނީލްއަށް ބަލާލެވުނީ ނޫރީންއަށެވެ. ގަޔަށް ހެޔޮވަރަށް ހުރި ދިގު ކަޅުހެދުމެއްގައި ހުރި ނޫރީން ހުރީ ނީލްމެންނަށް ފުރަގަސް ދީގެންނެވެ. ނޫރީންއަށް އެ މަންޒަރު ފެނުނުކަން ނީލްއަށް ޔަގީންވިއެވެ.
ނޫރީން މާއިޒްގެ އަތުގައި ހިފައިގެން ހިނގައިގަތީ ބޭރަށެވެ. ނޫރީންގެ ދެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތަށް ފައިބަނީއެވެ. އެ ކަރުނަތަށް ފުހެލަން ކިތަންމެ ބޭނުންވި ނަމަވެސް ލޯ ފުހެލާ މަންޒަރު ފެނުމުން ނޫރީން ރޮނީކަން އެންމެންނަށް އެނގޭނެތީ އެކަން ކުރަންވެސް ނުކެރުނެވެ. ކަންދިމާކުރި ގޮތުން ނޫރީންގެ ކަރުނަތަށް ފެނުނީ މާއިޒްއަށެވެ. ނޫރީންގެ ހިތުގައި ވަނީ ނީލްކަން މާއިޒްއަށް ޔަގީން ކުރެވުނެވެ.
"މިއަދު މާއިޒްގެ ސުވާލަށް އަހަރެން ބުނާނީ އާނއެކޭ. އަހަރެން މާއިޒްގެ މީހަކަށް ހަދާދޭށޭ." ނޫރީން އަޑުން އަޑުނަގާ ރޮމުން މާއިޒް ގައިގާ ބައްދާލީ ހިތް ފަޅައިގެންދާ ވަރުވުމުންނެވެ.
ނުނިމޭ