އިސްރާއިލުން އެމެރިކާއާއި ދެކޮޅަށް ޖާސޫސް ކުރިކަމަށްބުނެ ފެތުރޭ ޚަބަރުތައް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމެން ނަތަންޔާހޫ ދޮގުކޮށްފިއެވެ.
ރަޝިއާ އަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވުމުގެ ކުރިން ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ އެމެރިކާއާއި ދެކޮޅަށް ޖާސޫސް ނުކުރާ ކަމަށާއި ޖާސޫސް ކުރުމުގެ އެއްވެސް ކަމެއް އެމެރިކާއާއި ދެކޮޅަށް ނުކުރުމަށް އަންގައިފައިވާނެ ކަމަށެވެ.
އެމެރިކާ ރައްޔިތުންގެ ފޯނު ކޯލުތަކާއި ޓެކްސްޓް މެސެޖުތައް އިޒްރޭލުން ބެލިކަމަށްބުނެ އޮންލައިން ނޫހެއް ކަމަށްވާ ޕޮލިޓިކޯއިން ނެރެފައިވާ ރިޕޯޓް ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުންވެސްވަނީ ދޮގުކޮށްފައެވެ.
ޕޮލިޓިކޯގެ ރިޕޯޓްގައިވާ ގޮތުން ޖާސޫސް ކުރުމުގެ މިއަމަލު ހިނގައިފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މިކަންތައް ތަހުގީގު ކުރި އެމެރިކާގެ އެފްބީއައިގެ ތަހުގީގުން ޖާސޫސް ކުރުމުގެ އަމަލުތަކުގެ ފަހަތުގައިވަނީ އިޒްރޭލުކަން އިނގިފައިވާ ކަމަށާއި ނަމަވެސް އެމެރިކާ ސަރުކާރުން އިޒްރޭލާއި ދެކޮޅަށް ފިޔަވަޅު އަޅައިފައި ނުވާކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ތުހުމަތު ތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ބުނެފައިވަނީ، އިޒްރޭލުން އެމެރިކާއާއި ދެކޮޅަށް ޖާސޫސް ކުރުމުގެ އަމަލެއް ހިނގި ކަމަށް ދެކެވޭ ވާހަކަތައް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ކޮންމެ ކަމަކީވެސް ވުން އެކަށީގެންވާ ކަމެއް ކަމަށްވެސް ބުރާސްފަތި ދުވަހު ވައިޓުހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓުރަމްޕް ބުންޏެވެ.