(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)
"މިއަދު މާއިޒްގެ ސުވާލަށް އަހަރެން ބުނާނީ އާނއެކޭ. އަހަރެން މާއިޒްގެ މީހަކަށް ހަދާދޭށޭ." ނޫރީން އަޑުން އަޑުނަގާ ރޮމުން މާއިޒް ގައިގާ ބައްދާލީ ހިތް ފަޅައިގެންދާ ވަރުވުމުންނެވެ.
މާއިޒް އަތްނަގައި ނޫރީން ދުރަށް ޖައްސާލަމުން ނޫރީންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލިއެވެ. މާއިޒްގެ މީހަކަށް ނޫރީންވާން އެދުމުން އެވަގުތުގައި މާއިޒްއަށް އެއްވެސް އުފާވެރިކަމެއް އިހްސާސެއް ނުކުރެވުނެވެ. ނޫރީންގެ ހިތުގައި ޖެހިފައިވާ ވަރު ފެނުމުން މާއިޒްގެ ހިތަށް ތަދުވާގޮތްވިއެވެ. ނުރީން ގާތު ނުރޯށޭ ބުނުމުގެ ބަދަލުގައި އަނެއްކާވެސް ނޫރީން ބައްދާލުމުން މާއިޒް ހުރީއެވެ.
ސަވާގެ އިޝާރާތަކަށް މަޑުކުރުމެއްނެތި ނީލްވެސް ނުކުތީ ބޭރަށެވެ. ބޭރަށް ނުކުތުމުން ނީލްއަށް ފެނުނީ ނޫރީން މާއިޒްގެ އަތުގެ ތެރޭގައި ވީ މަންޒަރެވެ. ނޫރީންގެ ހިތުގައި ނީލްއަށްޓަކައި އެއްވެސް ކަހަލަ ލޯތްބެއް ނެތީ ކަމަށް ނީލްއަށް ގަބޫލު ކުރެވުނީ އެ ވަގުތުއެވެ. ލޯބި ވެވުނީ ހަމައެކަނި ނީލްއަށް ކަމަށް ނީލްއަށް ހީވާން ފެށިއެވެ. ނުރީންއަށްޓަކައި ނީލްއަކީ ހަމައެކަނި އެހީއަށް ބޭނުންވި ރަހުމަތްތެރިއެއް ކަމަށް ނީލްއަށް ގަބޫލު ކުރެވުނެވެ.
ނީލް ބޭނުންވީ ދުވެފައި ގޮސް މާއިޒްގެ އަތުގެ ތެރެއިން ނޫރީން ދަމައިގަންނާށެވެ. ނީލްގެ އަތުގެތެރެއަށް ނޫރީން ގެންނާށެވެ. ނަމަވެސް އެކަންތަކަށް ނީލް ނުކުޅެދުނެވެ. ވައިގެ ތެރެއަށް ފުންނޭވާއެއް ދޫކޮއްލާ ސަވާއަށް ފުރުސަތެއް ދިނުމަށް އަޒުމް ކަނޑައެޅިއެވެ. ސަވާ ނުކުތުމުން ސަވާގެ އަތުގައި ހިފައިގެން ހިނގައިގަތީ ނޫރީންމެން ކައިރިން އަޅާފައެވެ. އެދެމީހުން ގާތުގައި އެކުގައި ދިޔުމަށްވެސް އަހާނުލައެވެ.
މާއިޒް ނޫރީން ގޮވައިގެން މަޑުކުރީ ގޭގައެވެ. ނޫރީން ގޮވައިގެން ނީލްގެ ކުރިމައްޗަށް އެރުމުން ނޫރީން އިތުރަށް ދެރަވެދާނެތީއެވެ. ނޫރީން ދެރަވެ ހިތުގައި ޖެހިދާނެ ފަދަ އެއްވެސް ކަމެއް ކުރުމަކަށް މާއިޒް ނޭދެއެވެ. އަނެއްކޮޅުން އިހްސާންމެން ގޭގައި ނީލް ހުރީ އެކަނިވެރި ވެފައެވެ. އިހްސާންއާއި ރައިނާ ސަވާއާއި ތަފާތު ވާހަކަތަށް ދެއްކުމުގައި އަވަދިނެތި އުޅެމުން ދިޔައިރު ވާހަކައިގައި ނީލް ބައިވެރިކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އިހްސާން މާ ބޮޑު ފަރުވާލެއް ދިނުމެއްނެތި ހުރީއެވެ. އެންމެންގެ ތެރޭގައި ހުރި ނަމަވެސް އެކަނިވެރި ކަމުގެ އިހްސާސް ކުރެވެނީއެވެ. ނީލް ސަވާއަށް ފުރުސަތެއް ދޭން ބުނުމުން އެވާހަކަ ރައިނާމެން ގާތުގައި ބުނެ އުފާ ފާޅުކުރަމުން ދިޔައެވެ. ނަމަވެސް އިހްސާންއާއި ރައިނާއަށް ނީލްގެ އުޅުމަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. ރައިނާ ސަވާ ގާތުގައި އުޅުނު ވަގުތެއް ބެލުމަށްފަހުގައި އިހްސާން ނީލް ގާތަށް ޖެހިލީ އެހެން ވެގެންނެވެ.
"އެންމެން އެތެރޭގައި މަޖާ ކުރަމުން ދާއިރު ނީލް މިތާ އެކަނިމާއެކަނި ކީއްތި ކުރަނީ؟ ހާދަ ބޮޑު ވިސްނުމެއްގައި ހުރިހެން ހީވެއޭ. އަނެއްކާ ރަނގަޅަށްތަ މި ބުނެވުނީ؟" އިހްސާން އަހާލިއެވެ.
"ނޭނގޭ އަހަންނަކަށް އިހްސާން. އަހަރެން މޮޔަވާން އުޅޭހެން އަހަންނަށް ހީވަނީ. ކުރަންވީ ކީއް ކަމެއް ނޫނީ ނުކުރަންވީ ކީއްކަމެއް އަހަންނަކަށް ނޭނގޭ" ނީލް މާޔޫސްވެފައިވިއެވެ.
"މިއީ ނޫރީންއާއި ގުޅުން ހުރި ކަމެއްތަ؟" އިހްސާން އަހާލިއެވެ. ނީލްގެ ޖަވާބެއް ނުލިބުމުން ހީވީ ރަނގަޅަށް ކަން އިހްސާންއަށް ޔަގީން ކުރެވުނެވެ.
"ނީލް ނޫރީން ދެކެ ލޯބިވަންޏާ ކީއްކުރަން ސަވާއަށް ފުރުސަތެއް ދިނީތި؟" އިހްސާން ގޭތެރޭގައި ރައިނާއާއި އެކުގައި ހޭންއިން ސަވާއަށް ބަލާލިއެވެ.
"އަހަރެން ކިތަންމެ ލޯތްބެއް ވިޔަސް އަހަންނަކަށް ނޫރީންއެއް ނުއެއް ލިބޭނެ. ނޫރީންގެ ހިތުގައި އަހަންނަށް ލޯބި އުފެދޭނެ ދުވަހެއް ދުވަހަކުވެސް ނާންނާނެ. ނޫރީންއަށް ކަމުދަނީ މާއިޒް. އެއްގޮތަކުން މާއިޒްއަކީ ވެސް ގޯސް މީހެއް ނޫން. ފަހަރެއްގައި އަހަންނަށް ވުރެވެސް ބޮޑަށް އޭނަ ނޫރީން ދެކެ ލޯބިވާ ކަމަށް ވެދާނެ." ނީލް އިސްޖަހާލިއެވެ.
"ނީލް ކީއްވެގެން ތިހެން ތިބުނަނީ؟ އަހަންނެއް ގަބޫލެއް ނުކުރާނަން ނީލް ތި ދައްކާ ވާހަކައެއް. ދުވަހަކުވެސް ނޫރީން ބުނިތަ އޭނަ މާއިޒްދެކެ ލޯބިވާ ވާހަކަ؟ ނޫނީ އޭނަ ނީލްދެކެ ލޯބި ނުވާ ވާހަކަ؟" އިހްސާންއަށް ގަބޫލު ކުރަން ދަތިވިއެވެ.
"ނޫން އެހެން ބުނާކަށް ނުޖެހޭނެ ދޯ؟ އަހަންނަކީވެސް ކުޑަ ކުއްޖެއް ނޫނެއްނު؟ އަހަރެންގެ ލޮލަށްވެސް މަންޒަރުތަށް ފެންނަންޏާ އެނގޭނެ ދޯ؟" ނީލް މަޑުމަޑުން ކިޔާދެމުން ދިޔައެވެ.
"އެއްފަހަރުވެސް ނީލް ނޫރީންގެ ލޮލަށް ބަލާލިންތަ؟ އެއްފަހަރުވެސް އެ ލޮލުން ބުނަން މަސައްކަތް ކުރާ އެއްޗެއް ދެނެގަންނަން މަސައްކަތް ކުރިންތަ؟ އަހަރެން ނީލް ގާތުގައި ބުނާނީ މިއަދު ހަމައެކަނި މިހެން. މީހެއްގެ އަނގައިން ނުކުންނަ ބަހެއް ދޮގުވެދާނެ. ދައްކާ އަމަލަކީވެސް ތެދެއް ކަމަށް ނުވެދާނެ. އެކަމަކު އިންސާނެއްގެ ލޮލެއް ދޮގެއް ނުހަދާނެ. ލޯބިވާ މީހަކާއި ދިމާއަށް ބަލާލާއިރު އެ ލޮލުގައި ހުންނަ ޝައުގުވެރިކަމާއި އުފާވެރިކަން މީހަކު ދުލުން ބަޔާން ކޮށްދޭކަށް ނުވެސް ޖެހޭނެ. ހަމަ އެ ގޮތަށް ދެރަވެ ހިތާމަ ކުރާ ވަގުތު ތަކުގައި އެ ލޮލުން ފެންނާނީ ހިތްދަތިކަން. ދެން ނޫރީން ފެންނަ ފަހަރަކު އެ މަންޖެގެ ލޮލަށް ބަލާލަބަލަ" ނޫރީންގެ ހިތުގައި ނީލްއަށްޓަކައި ލޯބި ނުވާކަމަކަށް އިހްސާން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ.
"އެހާވެސް ނީލްދެކެ ލޯބިވޭތަ؟" މާއިޒް އަހާލީ ނޫރީން ހަމައަކަށް އެޅުމުންނެވެ.
"ނޭނގޭ" ނޫރީންގެ ޖަވާބު ކުރެވެ.
"ނުބުނާތި ނޫރީން ނީލްދެކެ ލޯތްބެއް ނުވެއޭ. އަހަންނަށް ޔަގީން ނޫރީން ނީލްދެކެ ލޯބިވާކަން. ނޫރީން އަހަރެންގެ ލޯބި ގަބޫލުކޮށް ފުރުސަތެއް ދޭން ނިންމީ ނީލް މަތިން ހަނދާން ނެތިދާނެކަމަށް ގަބޫލުކޮއްފައި ކަން އަހަންނަށް ޔަގީން. ސުވާލަކީ ކީއްވެހޭ؟ ނޫރީން އެހިންތަ އެންމެ ފަހަރަކުވެސް ނީލް ގާތުން ކާކު ދެކެތޯ އޭނަ ލޯބިވަނީ؟" މާއިޒްގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދެމުން ދިޔައެވެ.
"ކީކޭ އަހަރެން އަހާނީ؟ ކީއްކުރަން އަހަންވީ؟ އަހަރެންގެ ދެލޯ މައްޗަށް ހުރިހާ މަންޒަރެއް ފެންނައިރު އެހުމުގެ ބޭނުމެއް އެބަ އޮތްތަ؟ އަހަރެންނަކަށް ނޭނގޭ ކޮންއިރަކު ކިހިނެއްކަމެއް އަހަރެންގެ ހިތުގައި މި ޖަޒުބާތުތަށް އުފެދުނީ. އެވެސް ނީލްއަށްޓަކައި. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ނީލްދެކެ އަހަންނަށް ލޯބި ވެވިދާނެ ކަމަށް. އަހަންނަށް ހިއެއް ނުވޭ އަހަންނަށް ނީލް މަތިން ހަނދާން ނައްތާލެވޭނެހެނެއް. ނީލްއަށް އަހަރެން އެއްވެސް މީހަކަށް ނުވިޔަސް އަހަންނަށްޓަކައި ނީލް ވެގެން ދިޔައީ އަހަރެންގެ މުޅި ދުނިޔެއަށް. އެއީ އަހަންނަށް ކުރެވުނު ކުށެއް. ނޭނގުމެއްގެ ތެރޭގައި ނަމަވެސް. އެކަމަކު އަހަރެންގެ ސަބަބުން ނީލްގެ އުފާވެރިކަމަށް ހުރަސްއެޅުނަކަ އަހަންނެއް ނުދޭނަން. އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން." ނޫރީންގެ ލޮލަށް އަނެއްކާވެސް ކަރުނަތަށް ޖަމާވާން ފެށިއެވެ.
"ހަމަ އެގޮތަށް އަހަންނަކީވެސް އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން. އަހަންނަށް އެނގޭ ނޫރީން ނިންމި ނިންމުމަކީ ކުއްލިއަކަށް ވިސްނުމެއް ނެތި ފެނުނު މަންޒަރެއްގެ ސަބަބުން ނިންމި ނިންމުމެއް ކަން. އެހެން ނޫން ނަމަ އަހަރެންގެ މީހަކަށް ވުމަކަށް ނޫރީން ދުވަހަކުވެސް އެއްބަސް ނުވީސް ކަންނޭނގެ. އަހަރެން ބުނަން މިއުޅެނީ ނޫރީން އަކީ އަދިވެސް އަހަރެންގެ ހަޔާތާއި އެކުގައި ބަނދެވިފައި ހުރި މީހެއް ނޫނޭ. އަހަރެންގެ ހަޔާތުގައި ނޫރީން ލޯބިވެރިއެއްގެ ހައިސިއްޔަތުން ނެތްކަމުގައި ވީ ނަމަވެސް އަހަންނެއް ޝަކުވާއެއް ނުކުރާނަން. އެންމެ ގާތުގައި ނޫރީންގެ އަހަރެން ވާނަން. އެއީ ނީލްގެ ލޯބި ހޯދުން ކަމުގައި ވީ ނަމަވެސް ނޫނީ ނީލް މަތިން ހަނދާން ނައްތާލުން ކަމުގައި ވީނަމަވެސް. އަހަރެން ވައުދުވަން. ނޫރީންގެ ކިބައިން އަހަރެން އެއްވެސް ކަމަކަށް ނޭދޭނަން." މާއިޒްގެ ހިތް ވަރަށް ސާފެވެ.
"މާއިޒް. ކީއްވެގެންތަ އަހަންނަށް ނީލް ނުލިބެންވީ؟ އަހަރެންގެ ހިތް މިހާވަރަށް ނީލްއަށް އެދި ގޮވަމުން ދާއިރުގައިވެސް އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. މާޒީގެ އުފާވެރި ދުވަސްތަށް މަތިން ހަނދާންވީމަވެސް އަހަރެން ދެރަވޭ. އަހަރެން ކިތަންމެ ދެރަވިޔަސް ކުރާނެ ކަމެއްނެތެއްނު؟ ތަގްދީރުގައި ނެތް ކަމަކަށް އަހަރެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އަހަންނަށް ލިބޭނެ މޮޅެއް އޮންނާނެތަ؟" ނޫރީންގެ ހިތުގެ ބައްޔަށް އެއްވެސް ފަރުވާއެއް ނެތްފަދައެވެ.
ނޫރީން ދެރަވެފައިވާ މަންޒަރު ފެންނާތީ މާއިޒްއަށްވެސް ކެތްވަނީއެއް ނޫނެވެ. ނޫރީންއަށް ނީލް ނުލިބިގެން ރޮމުން ދާއިރު މާއިޒްގެ މީހަކަށް ނޫރީން ނުވުމުން މާއިޒްގެ ހިތުގައިވެސް ވޭން އަޅަމުންދެއެވެ. ނަމަވެސް އެ ވޭނަށް ސަމާލުކަން ދިނުމަށްވުރެ އޭނާއަށް މުހިއްމު ވީ ނޫރީންއަށް އޯގާތެރިވެ އަޅާލުމެވެ.
"އަހަރެން ބޭނުންވަނީ ނީލް މަތިން އެއްކޮށް ހަނދާން ނައްތާލަން. އެކަމަށްޓަކައި އަހަންނަށް މާއިޒްގެ މީހަކަށް ވާން ޖެހުނަސް އެންމެ ރަނގަޅު. ނޫނީ މާއިޒްވެސް އަހަރެން ބޭނުން ނުވަނީތަ؟" ކަރުނުން ފޯވެގެންވާ ދެލޮލުން ނޫރީން މާއިޒް އަށް ބަލާލިއެވެ.
"ނޫން ތިހެން ނުބުނޭ ނޫރީން. ނޫރީން ހިތްދަތިވެފައިވާ ވަގުތެއްގައި ނިންމި ނިންމުމެއްގެ ފައިދާ އަހަރެން ނަގަން ބޭނުން ނުވީ. އަހަންނަށް ލޯބީގައި ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ ލޯބިވާ މީހާގެ ހައްގުގައި އޭނާއަށް އުފާވެރިކަން ހޯދަދޭން މަސައްކަތް ކޮށްދިނުން. މިވަގުތު އަހަރެން ބޭނުން ގޮސް ނީލްގެ ގައިގާ އެތަށް ހޫނު އެތިފަހަރެއް އަޅުވާލާ އެ މޮޔަ މީހާއަށް އެއްޗެއް ވިސްނަދޭން. އެކަމަކު އަނެއްކޮޅުން ނީލްދެލެ ދެން ލޯބިވަނީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ. އަހަރެން ސަވާ ދެކެވެސް ވަރަށް ލޯބިވޭ. އެކަކުގެ އުފާވެރިކަމަށް އަނެކަކުގެ އުފާވެރިކަން ގުރުބާންކުރަން ބުނަން އަހަންނަކަށް ނުކެރޭނެ. އަހަންނަށް މައާފް ކުރާތި ނޫރީން." މާއިޒްއަށް ހަގީގަތަށްވެސް ހަދާނެ ގޮތެއް ނޭނގެއެވެ.
އެތަށް އިރެއް ފާއިތުވެގެން ދިޔައީ މާއިޒް ނޫރީންއަށް ހިތްވަރު ދިނުމުގައެވެ. ނަމަވެސް އެއަކުން މާ ބޮޑު ކަމެއް ނުއެއްވިއެވެ. ހުއްޓުމެއް ނެތި ނޫރީން ރޮމުން ރޮމުން ގޮސް ނިދުނީއެވެ. މާއިޒް އިންގޮތަށް އިނީއެވެ. ސޯފާއިން ބިންމައްޗަށް ފައިބާލާ ނޫރީންއަށް ބަލަން އިނީއެވެ. ބައެއް ފަހަރު ނޫރީންގެ މޫނުގައި ފިރުމާލާ ބޮސްދޭން ހިތަށް އެރި ނަމަވެސް އެކަމަށް ނުކުޅެދޭ ހާލުގައެވެ.
ނުނިމޭ