"ޑްރީމް ގާލް" އަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އަޔުޝްމަން ކުރާނާގެ "ޑްރީމް ގާލް" އަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދަނީ ބޮޑު ތަރުހީބެކެބެ. ފިލްމް އެޅުވި ފުރަތަމަ ދުވަހުވެސް ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، ފިލްމް ބްލޮކްބަސްޓާ ފިލްމަކަށް ވާނެކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ މޮޅު ފިލްމެއްކަމަށް ފިލްމްތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދާއިރު، މި ފިލްމްގައި ލީޑު ރޯލު ކުޅެފައިވާ އަޔުޝްމަންގެ އެކްޓިންއަށް ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.

ފިލްމްގައި އަޔުޝްމަން ކުޅެފައިވާ ރޯލަކީ، ޕޫޖާ ނަމަކަށް ކިޔާ އަންހެނެއްގެ ކެރެކްޓާއެވެ. މި ފިލްމްގައި އަޔުޝްމަން ފެނިގެންދަނީ، އަންހެން އަޑުން ވާހަކަ ދައްކައިގެން، ފޯނުން ފިރިހެނުން ހައްދާ މީހެއްގެ ރޯލުންނެވެ.

ފިލްމް އެޅުވިތާ ދެ ދުވަސްވެފައިވާއިރު، ފިލްމް އެޅުވި ފުރަތަމަ ދުވަހު ފިލްމަށް 10 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ދާދިފަހަކުން ރިލީޒްކުރި ޝްރަދާ ފެނިގެންދިޔަ ފިލްމް ޗިޗޯރީ އެޅުވި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ. އަދި މިއީ އަޔުޝްމަންގެ ފިލްމްތަކުގެ ތެރެއިން، ފިލްމް އެޅުވި ފުރަތަމަ ދުވަހު ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.

މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ އަޔުޝްމަންއަކީ، ފިލްމްތަކުން މިހާތަނަށް އެންމެ ތަފާތު ރޯލުތައް ކުޅެގެން ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ފަންނާނެކެވެ.

"ޑްރީމް ގާލް" ގައި އަޔުޝްމަންއާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ ނުޝްރަރު ބަރޯޗާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ