ބ. ކަމަދޫއަށް ކަރަންޓް ދިނުމުގައި ބޭނުން ކުރަމުންއައި 250ކވ ގެ އިންޖީނަށް މައްސަލަ ދިމާވެ އެ ރަށުގެ ކަރަންޓްގެ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
އެ ރަށަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ 14 ސެޕްޓެންބަރު 2019 ގައި ކަމަދޫ ގައި ހިންގާފައި ހުރި 250ކވ ގެ އިންޖީނުގެ ބެޓެރި ފެއިލްވުމާއި ގުޅިގެން އެ އިންޖީނު ނިއްވާލައިފައި ވާކަށެވެ. އަދި އެރަށް ކަރަންޓް ދެމުން ގެންދެދިޔައީ އެކި ފީޑަރުތަކަށް ބަހާލައިގެން ކަމުގައި ފެނައިން ވަނީ ބުނެފައެވެ.
އެ އިންޖީނަށް މައްސަލަ ދިމާވުމާއި ގުޅިގެން އިއްޔެ އިންޖިނިއަރެއް އެރަށަށް ފޮނުވައި 12:00 ގައި މުޅިރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވިފައި ވަނިކޮށް މިއަދު ހެނދުނު 07:30 ހާއިރު 250ކވގެ އިންޖީނުގެ ބެޓެރި ގޮވައި ރަށުގެ ބޮޑުބަޔަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
މިއަދު 12:50 ވަންދެން އެ ރަށަށް ކަރަންޓް ދެމުން ދިޔައީ ސްކޫލް ހުރި ސަރަހައްދާއެކު ރަށުގެ އެކިފީޑަރުތަކަށް ބަހާލައިގެންނެވެ. އަދި ހަމަ އެވަގުތު 180ކވ ގެ ދެ އިންޖީނު ރަނިންއަށް ގެނައުމަށާއި ޕެނަލްގެ ބްރޭކަރ ބަދަލުކުރުމަށް ރަށުގެ ރައްޔިތުންނަށް އެންގުމަށްފަހު 12:50 އިން 13:30 އަށް މުޅިރަށުން ވަނީ ކަރަންޓް ކަނޑާލެވިފައެވެ. މި މަސައްކަތް ނިންމުމަށްފަހު 13:30 ގައި ވަނީ މުޅިރަށާށް ކަރަންޓްގެ ޚިދުމަތް ދެވިފައެވެ.
250ކވ ގެ އިންޖީނަށް ދިމާވެފައިވާ މައްސަލަ ބެލުމަށް ފެނަކައިގެ އިންޖިނިއަރުން ދަނީ މަސައްކަތް ކުރަމުންކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ. އަދި ރަށުގެ ކަރަންޓްގެ ޑިމާންޑް ބެލުމަށްފަހު ދެމެހެއްޓެނިވިގޮތަށް އެ ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި 250ކވ ޖަނަރޭޓަރެއް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އެ ކުންފުނިން ކުރަމުން ދާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.




